ޑޮކްޓަރ އިބުރާހީމު: ބާބިލުގެ ޓަވަރުގެ ތަނބެއް!

Wupatki-ruins-2web.jpg

ބާބިލް ޓަވަރ

ދިވެހިކުރުން: އަބްދުލް ޣަފޫރު ޢަބްދުއްރަޙިމު ގ. މަންޒިލް

ކިޔުންތެރިންނަށް ޑޮކްޓަރު އިބްރާހީމުގެ މިހުރިހާ ތަދުބީރުތަކެއްގެ ވާހަކަ އެނގުމުން، އޭނާ ތަފާތު އެތައް ޖަމިއްޔާތަކެއްގެ މެމްބަރެއްގެ ގޮތުން ހަރަކާތްތެރިވެ ލައްވާތަން ފެނުމުން ހައިރާނެއް ނުވާނެއެވެ. އޭނާއަކީ މުސްލިމު ޒުވާނުންގެ ގުޅުމުގެ ހަރަކާތްތެރި މެމްބަރެކެވެ. އޭނާއަކީ ދީނަށް ނުހުނު ލޯބިކުރާ މުސްލިމަކަށްވާތީއެވެ. އޭނާއަކީ މަސީހީ ޒުވާނުންގެ ގުޅުމުގެވެސް މެމްބަރެކެވެ. އެހެނީ އޭނާގެ އަނބިކަނބަލުންނަކީ ދީންވެރި އިނގިރޭސި މަސީހީ އަކަށްވީތީއެވެ. ހަމަ އެހެންމެ އޭނާއަކީ ފުރީމޭސަނުންގެ ގުޅުމުގެ މެމްބަރެއްވެސް މެއެވެ. އެހެނީ އޭނާއަކީ މަތިވެރި އަޚުލާގެއްގެ ވެރިޔަކަށް ވީތީއެވެ. އަދި އޭނާއަކީ ގައުމިއްޔަތު ދިރުވާ ކުލަބެއް ކަމަށްވާ މުޘައްނާ ބިން ހާރިޘްގެ ކުލަބުގެވެސް މެމްބަރެކެވެ. އެހެނީ އޭނާއަކީ ތެދުވެރި ގައުމީ ބޭފުޅަކަށްވެސް ވީމައެވެ. އަދި ތައައްސުބުން ފުރިފައިވާ ސުންނީންގެ ކުރިމަތީގައި ޝީއީ މީހުންނަށް ބަހުގެ ވަރުގަދަ ހަމަލާތައް ދެއްވައި ޝީއީ މީހުންނަކީ އަރަބީން ނޫންކަމަށް ވިދާޅުވެ، އޭނާވެސް ހިމެނިވަޑައިގަންނަވާ ޖަމާއަތް ކަމުގައިވާ ސުންނީންގެ ތާއިދު ހޯދަން މަސައްކަތް ކުރައްވައެވެ. އަދި ކޮމިނުސްޓުންގެ ގާތުގައި، އޭނާއަކީ ކިޔަވާ ވިދާޅުވި ދުވަސްވަރު ކޮމިނިސްޓެއްގެ ގޮތުގައިކަމަށް އިއުތިރާފުވެ ވަޑައިގަނެއެވެ. އެއްދުވަހަކު މީހަކު ޖެހިލުން ކަޑައިލައިފައި ޑޮކްޓަރު އިބުރާހިމުގެ އަރިހުގައި ތިހުރިހާ ތަފާތު އިދިކީލަ އުސޫލުތައް އެއްގޮތްކޮށް ތަފާތުތައް ނައްތާލައްވަނީ ކިހިނެއްތޯ ދެންނެވުމުން ވިދާޅުވީ މިހެންނެވެ. އިނގިރޭސިވިލާތުގެ ވަލީއަހުދު އަލްއަމީރު ޗާރލްސް ވެސް ތަފާތު ޖަމިއްޔާތަކުގައި ހަރަކާތްތެރިވެލައްވާ ވާހަކައެވެ.

އިސްކޯލަޝިޕް ދިއުމަށް ޑރ. އިބްރާހިމު ހޮއްވަވާ ކުދީންނަކީ ގަބު، ތައުލީމީގޮތުން މާ މޮޅުނޫން، އަދި ޖިސްމާނީގޮތުންވެސް ޟައީފު ކުދިންނަށް ވުމުން، ކިޔުންތެރިން އެކަމާމެދު ހައިރާންވާނޭ ހެނެއް ހިޔެއްނުވެއެވެ. އެފަދަ ކުދިން ކިޔަވަން ގޮއްސާ އެނބުރި އަންނަނީ ހަމަދިޔަ ހާލުގައި ހުސްއަތާއެވެ. މާބޮޑު ކިޔެވުމެއް ނުކިޔެވި ދައުލަތުގެ ޚަޒާނާއިން ބޮޑުއަދަދެއްގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދުކޮށްފައެވެ. މިހެން ކަންތައް ވުމުން ދަލީލު ލިބެނީ ޑރ. އިބުރާހިމަކީ އޭނާ ވަރުގެ ދެވަނައެއް ނެތްފަދަ މޮޅު މީހެއްކަމަށެވެ. އެހެނީ އެހެން ހުރިހާ ކުދިން ފޭލިވާއިރު ޑރ. އިބުރާހިމަށް، އެހާ ފަސޭހަކަމާއެކު ފާސްވެވަޑައިގެން، ސަނަދު ހާސިލެއް ނުކުރެއްވުނީސް ތާއެވެ.

މިހެން ކަންތައްތައް ވަމުންދަނިކޮށް، އެއްދުވަހަކު، ޑރ. އިބުރާހިމު ކޯފާކޮށްލައި ނުރުހުން ކުރުވި ކަމެއް ދިމާވިއެވެ. ޑރ. އިބުރާހިމު ކިޔަވާ ވިދާޅުވި ކޮލެޖުން ކިޔަވައިގެން ހުރި، އޭނާގެ އަތްޕުޅުގައި އޮތް ފާހާއި އެއްވަރު ފާހަކާއި އަދި އޭނާއަށް ވުރެ މާމަތީ ދަރަޖައަކުން ފާސްވެފައިވާ ޒުވާނަކު، އޭނާގެ ވުޒާރާއިން ވަޒީފާއަކަށް އެދުނީއެވެ. ޑރ. އިބުރާހިމު ނުބައްލަވާ ހުންނަވަނިކޮށް، އޭނާ ޖައްސަވާފައިވާ ދަތިތަކާއި ދަންމަވާފައި ވާތައް ގިރާކޮށް ވަޒީފާއަކަށް އެދޭ ހިސާބަށް މިޒުވާނާއަށް އާދެވުނުގޮތާއި މެދު ޑރ. އިބުރާހިމު ހައިރާންވެވަޑައިގަތެވެ. އަދި ޑޮކްޓަރ އަށް މިޒުވާނާ ކިއެވީ އަމިއްލަ ޚަރަދުގައިކަން އެނގިވަދައިނުގަތް ނަމަ އަމިއްލަ ނަފްސު ވަރަށް ބޮޑަށް ކުށްވެރިކުރެއްވީހެވެ. ކޮންމެއަކަސް މިޒުވާނާ އެދުނު ކަންތަކުގެ ސަބަބުން ބޮޑު މުސީބަތަކާ ކުރިމަތިލުމުން ސަލާމަތްކޮށްދިނީ ސަރުކާރުގެ ގަވާއިދެކެވެ. އެއީ އަމިއްލަގޮތުން ކިޔަވާ މީހުންނަށް ވަޒީފާދޭން ސަރުކާރަށް މަޖުބޫރު ނުވުމެވެ. އެހެންވެ، މާފާއެކު ޑރ. އިބުރާހިމު އެ ޒުވާނާއަށް އެންގީ އޭނާގެ ވުޒާރާގެ ހުރިހާ ވަޒީފާއެއް ވަނީ ސަނަދުއޮތް ގާބިލު މީހުންލައި ފުރާލެވިފައިކަމެވެ. އަދި އެޒުވާނާއަށް، އެޑިއުކޭޝަން މިނިސްޓުރީގައި އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސެއްގެ ވަޒީފާއަކަށް ނަމަވެސް އެދުމަށް، އިޚުލާސްތެރިކަމާއެކު ޑޮކްޓަރ އިބުރާހިމު އިރުޝާދުދެއްވިއެވެ.

މިހެން ކަންތައް ދިމާވުމަކުން މިޒުވާނާ ފަހަރެއްގައިވެސް މާޔޫސެއްނުވެއެވެ. އެހެނީ އޭނާއަކީ ހަމަ ފައްކާ އިރާގުގެ މީހެކެވެ. މުސްތަހީލު ކަންތައްތައް ދާދިފަސޭހައިން ކޮށްލާނީ ކިހިނެއްކަމާއި މަނާކަންތައް ހުއްދަ ކޮށްލާނޭ ގޮތާއި ޣައިރު ގާނޫނީ ކަންތައްތައް ގާނޫނީ ކަންކަމަށް ހަދާލާނޭ ގޮތްވެސް އޭނާ ދަނެއެވެ. ވަޒީފާ ނުލިބުމުން ދެން އޭނާ ދިޔައީ އޭނާގެ އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންގެ ގާތަށެވެ. އަދި އެމީހުންގެ ކިބައިން އެދުނީ މިމުސްތަބިއްދު ޑޮކްޓަރާއި އޭނާއާއި ދެމެދުގެ މެދުވެރިއެއްގެ  ބައި އަދާކުރާނޭ ބޮޑު ބޭފުޅަކު ހޯދުމަށެވެ. އަދި ޑޮކްޓަރު އިބުރާހިމާ ގާތް، އޭނާގެ އަރިހުގައި ގަދަރުވެރި ހިތްހެޔެ ޒައީމަކު ހޯދާކަށް ޒުވާނާގެ ގާތްތިމާގެ މީހުންނަށް މާބޮޑު ކަމަކަށް ނުވިއެވެ.

ގޮތް ދޫނުކުރާ މި މޮޔަ ޒުވާނާޔާ ހެދި ޑޮކްޓަރ އިބުރާހިމާ ބޮޑު ބޭފުޅަކާއި ދެމެދުއޮތް ގާތްގުޅުން ކެނޑިދާނެތީ ޑޮކްޓަރ ވަރަށް ކޯފާވިއެވެ. އަދި އެހެންވެ އިތުރުފުޅެއް ހައްދަވަން ކުޑަކޮށްވެސް ޖެހުލުންވެ ވަޑައިނުގަންނަވައި، އެބޮޑުބޭފުޅާ އަރިހުގައި ޑޮކްޓަރ ދެންނެވިއެވެ. “ތިނޫން ކަމަކައިގެން، ނުވަތަ ތިއަށްވުރެ ބޮޑުކަމަކައިގެން، އަޅުގަނޑު ގާތަށް މަނިކުފާނު ވަޑައިގެންނެވި ނަމަ އެކަން ކޮށްދޭކަށް އަޅުގަނޑު ފަހެއް ނުޖެހުނީމެވެ. ނަމަވެސް މިޒުވާނާއަކީ ދީން ގަބޫލު ނުކުރާ ކޮމިޔުނިސްޓެކެވެ. އޭނާގެ މަގުސަދަކީ ދަނޑުވެރިންނާ ގުޅުން އުފައްދައި ކޮމިޔުނިސްޓު ޚިޔާލު އެމީހުންގެ މެދުގައި ފެތުރުމެވެ. ޒިރާއީ ވުޒާރައިގައި ވަޒީފާއެއް އޭނާ ހޯދުމުގައި މިކަމަށް މަގުފަހިކޮށް، އެގޮތުން، ވަރުގަދަ ހަތިޔާރެއް ހޯދުން  ނޫން ދެވަނަ އެހެން ބޭނުމެއް އޭނާގެ ނެތެވެ.”

މިވާހަކައިން ޑޮކްޓަރުގެ މަގުސަދު ހާސިލުވިއެވެ. މިދެންނެވި ބޮޑު ބޭފުޅަކީ ކޮމިއުނިސްޓު، މިލަފުޒާ އަދި އެލަފުޒާ ގުޅުންހުރި ކޮންމެ ކަމެއް ދެކެ، އިންތިހާއަށް ނަފުރަތު ކުރައްވާ ބޭފުޅެކެވެ. އަދި ޑޮކްޓަރުގެ ވާހަކަ އެއްސެވުމަށްފަހު، ކޯފާވެ ވަޑައިގެން، މިޒުވާނާއަށް ވަޒީފާ ހޯދައިދިނުމަށް މެދުވެރިއަކަށްވެ ވަޑައިގަތުމަށް އެދުނު މީހާ ހުތުރު ގޮތަކަށް ބޭރުކޮށްލައްވައި ފައްސަވާ ލައްވާނޭ ކަމަށް ހުވާކުރައްވައި، ނިކުމެ ވަޑައިގެން ވަޑައިގަތެވެ.

ދެން އެޒުވާނާއަށް އަނެއްކާވެސް މަޖުބޫރުވީ ކުރީގެ ޒައީމަށް ކާމިޔާބު ނުކުރެއްވުނު މަސައްކަތް ކުރުމަށްޓަކައި އެހެން މެދުވެރިޔަކު ހޯދާށެވެ. އޭނާއަށް އެހާ ފަސޭހައިން އޮޅުވާނުލެވޭނޭ އަދި އޭނާގެ ކުރިމަތީ ދޮގުހަދައި މަތި އޮމާންކޮށް ނުލެވޭފަދަ މެދުވަރިޔަކު ހޯދާށެވެ. މިކަންކުރުމަށް ޒުވާނާގެ ރަހުމަތްތެރިއެއްގެ އެހީތެރިކަން ހޯދިއެވެ. ދެން އެރަހުމަތްތެރިޔާ އޭނާގެ ރަހުމަތް ތެރިއެއްގެ އެހީތެރިކަން ހޯދިއެވެ. އަދި މިރަހުމަތްތެރިޔާ އޭނާގެ ރަހުމަތްތެރިއެއް މެދުވެރިކޮށް ކަމުވޮށިވެގެންވާ ނުފޫޒުގަދަ އާއިލާއެއްގެ މެމްބަރަކު މެދުވެރިކުރުވައި އެމެމްބަރުގެ ބައްޕަ އަރިހުގައި މިޒުވާނާއަށް ވަޒީފާއެއް ހޯދައިދިނުމަށް އެހީވެ ދެއްވުމަށް ދެންނެވިއެވެ. އަދި ބައްޕާފުޅު އެއީ މާބޮޑު މައްސަލައެއްނޫންކަމަށް ވިދާޅުވެ އެކަން ކޮށްދެއްވުމަށް އެއްބަސްވެ ވަޑައިގަތެވެ.

ދެން އަޅުގަޑުމެންގެ ޑޮކްޓަރު އިބުރާހިމު އަރިއަހަށް ޒިޔާރަތް ކުރައްވައި، ވިސްނުންތޫނު މޮޅު ޒުވާނާއަށް ވަޒީފާއެއް ދެއްވުމަށް، ބައްޕާފުޅު އެދިވަޑައިގަތެވެ. އެހިނދު ޑޮކްޓަރ އިންތިހާއަށް ކޯފާއިސްކުރައްވައި، ހިތާހިތުން އެޒުވާނާ ދުނިޔެއަށް ފޮނުއްވީތީ ލައުނަތް ދެއްވައި، ހަމަ ވަގުތުން އޭނާގެ ކައިރިއަށް ވަޑައިގެން އިންނެވި މެހެމާނު، އާދެ، ބައްޕާފުޅު، އަރިހުގައި ދެންނެވެއިވެ. “މިޝައިތާނާގެ ދަލުގައި މަނިކުފާނު ޖެހިވަޑައިގަތީ ކިހިނެއްތޯއެވެ؟ އޭނާއަކީ ވަކިވެ ގަންނަން އުޅޭ ޝީއީންގެ ޖަމާއަތަކަށް ނިސްބަތްވާ މަކަރުވެރި ހީލަތްތެރިއެކެވެ. އެމީހުންގެ މަގުސަދަކީ އިރާގުގެ ދެކުނާއި އުތުރު ވަކިކޮށް ދެކުނުގެ ސަރަހައްދު އަޖަމީ ފާރިސުންނަށް ދިނުމެވެ. މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑު މިޝައިތާނަށް އޭނާގެ ވިހަ ފަތުރާލުމުގެ ފުރުސަތު ދޭންތޯއެވެ؟”

މިދެންނެވި ބައްޕާފުޅަކީ ސުންނީންގެ ކޮޅަށް އިންތިހާއަށް ބުރަވެވަޑައިގަންނަވާ، ދީނީ ސަބަބުތަކަކަށްޓަކައި އެންމެ  ފުރަތަމަ ޝީއީ މީހުންގެ މަޒުހަބު ކަމުގައިވާ ޖައުފަރީ މަޒުހަބަށް ނަފުރަތު ކުރެއްވި ބޭފުޅެކެވެ. އަދި ފަހުން ގައުމިއްޔަތުގެ ފޯރީގައި ޖެހިވަޑައިގެން ގައުމީ ބޭފުޅަކަށް ވެވަޑައިގެން ހުންނެވިއެވެ. މުސްތަގުބަލުގައި، ބައްޕާފުޅު ފުރޮޅިގެންދާނީ ކޮންކަހަލަ ބޭފުޅަކަށް ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ! ކޮންމެއަކަސް ބައްޕާފުޅު އެޒުވާނާއަށް އެހީތެރިވުމުގެ ބަދަލުގައި، އޭނާއާއި މުޅިން އިދިކޮޅު، އޭނާދެކެ އިންތިހާއަށް ފޫހިވާ ބޭފުޅަކަށްވެވަޑައިގެންފިއެވެ.

ޑޮކްޓަރު އިބުރާހިމު، އޭނާގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި، ކޮންމެފަދަ ގޮތްކުޑަ ގޮތެއްވެސް ބޭނުންފުޅު ކުރައްވާފާނޭ ކަން މިހާރު އެޒުވާނާއަށް ވިސްނިއްޖެއެވެ. އަދި އޭނާގެ ނާރުތަކުގައި ލޭ ހޫނުވެ ކެކިގަތެވެ. އަދި ޑޮކްޓަރު އިބުރާހިމުގެ ކިބައިން ބަދަލު ހިފުމަށް ނިންމިއެވެ. އަދި ރުޅިއައިސް ހަމައިންނެއްޓިހުރެ، ޑޮކްޓަރ އިބުރާހިމުގެ ވުޒާރާއަށް ދިޔައެވެ. އަދި ހުއްދަ ހޯދުމެއްނެތި ޑޮކްޓަރުގެ އޮފީހަށް ވަދެގަތެވެ. އަދި ޖާޑިއެއް އުފުލާލިހެން ޑޮކްޓަރ އިންނެވި ގޮނޑިން ނަގައި ބިންމައްޗަށް ގުޅައަކަށް ޖެހިއެވެ. ދެން އަތުންނާއި ފައިން ޑޮކްޓަރގައިގާ ތަޅާ ހަމަލާތައް ބޭލިއެވެ. މިހަމަލާއިން ޑޮކްޓަރު ސަލާމަތްކޮށްދިނީ އޭނާގެ ގަދަރުވެރި އޮފީހުގެ ދޮރުވާނުންގެ ހަތަރުމީހުން އައިހެވެ.

އަޅުގަނޑުމެންގެ ޒުވާނާ އެންމެފަހުން އެއްލައިލެވުނީ ޖަލުގެ ކަޅުއަނދިރީ ގޮޅިއަކަށެވެ. އޭނާގެ އަތުންނާއި ފައިން ހެދުނު ގޯހުގެ ސަބަބުންނެވެ. އަދި އޭނާގެ ވުޒާރާގެ ވަޒީރަށް އެރުވުމަށްޓަކައި، އިއްޒަތްރި ޑޮކްޓަރު، އޭނާއަށް ދެވުނު އުދުވާނީ ހަމަލައިގެ ސަބަބު ބަޔާންކުރައްވައި، ވަރަށް ދިގު ރިޕޯޓެއް ތައްޔާރުކުރެއްވިއެވެ. އެރިޕޯޓުގައި އޭނާގެ ވުޒާރާދެކެ ވެލައްވާ ލޯތްބާއި އަދި އޭނާގެ ވުޒާރާގެ މަސްލަހަތަށް ޓަކައި ކުރައްވާ މަސައްކަތްތަކުގެ ސަބަބުން މިފަދަ ހަމަލާ ތަކާ އިހާނެތި ގޮތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަނީ ކަމަށް އެރިޕޯޓުގައި ބަޔާންކޮށްދެއްވާފައިވެއެވެ. އަދި މިފަދަ ހާދިސާތަކުގެ ސަބަބުން، ހައްގަށް ނަސްރުދިނުމުގައި އޭނާ ދެމިހުންނެވުމުގެ ބާރުދާނީ އިތުރުވެގެންދާނެ ކަމަށްވެސް ލިޔުއްވައިފައިވެއެވެ. އަދި ވާޖިބު އަދާކުރެއްވުމުގައި ފުރާނަ ދޫކޮށްލައްވަންވެސް ފަސްޖެހިވަޑައި ނުގަންނާވާނޭ ކަމާއި އަމިއްލަ ނަފްސު ގުރުބާން ކޮށްލުމަކީ ކޮންމެހާލަތެއްގައިވެސް ކޮންމެ މީހަކުވެސް ކުރަންޖެހޭނޭ ކަމެއްކަންވެސް ރިޕޯޓުގައި ލިއުއްވައިފައިވެއެވެ.

*     *     *     *

މީހުން ރުއްސާފައި ބޭތިއްބުމާއި އަދިވަޒީފާގެ މަސްއޫލިއްޔަތުން ރެކެވަޑައިގެން ހުންނަވާނޭ އާމަގެއް، ޑޮކްޓަރ އިބުރާހިމަށް، މިހާދިސާ ދަސްކޮށްދިނެވެ. ނުފޫޒުވެރި ބޭކަލަކު ކަމަކަށް އެދިލައްވައިފިނަމަ، އަދި އެކަމަކީ އޭނާގެ ވުޒާރައިގެ ހެޔޮނަމަށް މުހިއްމު ކަމަކަށްވެފައި އަދި ސަރުކާރުން މިކަމާ އަޅާނުލާ ހުރެދާނެކަމާމެދު ޝައްކުކުރެވޭނަމަ، ޑޮކްޓަރު އިބުރާހިމުގެ އިސްތަށިފުޅުގައި އެކަމުގެ ޒިންމާ ނޭޅޭނޭގޮތަކަށް، އެމަސައްކަތް ކުރަން، އޭނާގެ ދަށުން މަސައްކަތްކުރާ ކޮންމެވެސް އެހެން މުވައްޒިފަކާ ހަވާލު ކުރައްވައެވެ. އަދި މަސައްކަތް ކާމިޔާބީގޮތުގައި ނިންމާލެވިއްޖެނަމަ، އެމަސައްކަތް ކުރަން އެދިލެއްވި ބޭފުޅެއްގެ ޝުކުރާއި ތައުރީފު އޮންނަނީ ޑޮކްޓަރަށެވެ. އަދި ނާކާމިޔާބުވެއްޖެނަމަ ހުރިހާ ބަދުނާމަކާ ލައުނަތެއް އޮންނަނީ އެމަސައްކަތް ހަވާލުކުރެވުނު މީހަކަށެވެ.

އާދެ، މިގޮތުގެމަތީން، އަޅުގަނޑުމެންގެ އިއްޒަތެރި ޑޮކްޓަރު ހިމެނިވަޑައިގެން ހުންނެވީ އެމީސްމީހުންގެ ކަރާމަތާއި އަމިއްލަ ނަފުސުގެ އަބުރާއި އިއްޒަތް ގުރުބާން ކޮށްލައްވައި، އަދި ވަތަނުގެ ހެވަށްޓަކައި އެބޭކަލުންގެ ނަފްސު ބޮޑެތި ބޮޑެތި ނުރައްކަލުގެ ތެރެއަށް ހުށަހަޅުއްވާ، އެބޭކަލުންގެ މަސައްކަތް އެންމެ ފުރިހަމަގޮތުގައި ހީވާގިކަމާއެކު އަދާކުރައްވާ ބޭފުޅުންގެ ތެރޭގައެވެ. އެންމެނަށްވެސް ޑޮކްޓަރު އިބުރާހިމުގެ ކުށްތައް އެނގެއެވެ. ނަމަވެސް އޭނާއަށް ފާޑުކިޔާލާނޭ ނޫހެއް ނެތެވެ. އޭނާގެ ކަންތައްތައް ބަލައި ހިސާބު ކޮށްލާނޭ މުވައްޒަފަކުނެތެވެ. އޭނާއަށް ބަހުގެ ހަމަލާއެއް ދޭނޭ ޖަމިއްޔާއެއް ނެތެވެ. އަދި އޭނާއާ އިދިކޮޅަށް ތެދުވާނޭ ޒައީމަކުވެސް ނެތެވެ. އާދެ އެންމެ ފުރަތަމަ ޒިރާއަތުގެ ރޮގުން ޕީ.އެޗް.ޑީގެ ސަނަދު ނަންގަވައިގެން ހުންނެވި ޑޮކްޓަރު އިބުރާހިމު، ސިޔާސީ މައިދާނުގައި މިދެންނެވިފަދަ ކުލަގަދަ ކާމިޔާބީތަކެއް ހޯއްދަވައިފައި ވިޔަސް، އޭނާއަށް ހަމަލާދެވި އޭނާއާމެދު އިހާނާތްތެރިކޮށް ކަންތައް ކޮށްލެވުނު ހާދިސާ ވެފައިވަނީ އޭނާގެ ހަޔާތުގެ ކާމިޔާބީތަކުން ލިބޭ އުފާ ކިލަބުކޮށްލާ ކަމަކަށެވެ.

އެހާދިސާ އޭނާއަށް އަންގައިދިނީ އަމިއްލަ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ކިތަންމެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުނުކަމުގައި ވިޔަސް، އޭނާއަކީ މީހުންގެ ކުރިމަތީގައި ހައިބަތު ހުރި، މީހުން ޖެހިލުންވާ ގަދަރު ވެރިއަކަށް ނުވާކަމެވެ. ބޮޑު މުސާރައަކާއި ގަދަރުވެރި މަގާމަކާއި ބާރެއް ލިބިފާ އޮތުމުން، އެކަންކަން ނެތިގޮސް، ވެރިންގެ ނުރުހުމާ ކުރިމަތިލާން ޖެހޭވަގުތު، އެމީހުންގެ ހަގީގަތް ފާޅުވެގެންދާނޭ ދެފުށް ދެގޮތް މުނާފިގުންނާއި ޚުޝާމަދުކުރާ މީހުން އައިސް އޭނާއާއި ގާތްވެ އޭނާ ވަށާލަފާނެއެވެ. ނަމަވެސް ފައިސާއާއި މަގާމަކީ އިންސާނާއަށް ހަގީގީ އިއްޒަތާ ގަދަރު ލިއްބައިދޭ އެއްޗެއް ނޫނެވެ. އަދި ޑޮކްޓަރު އިބުރާހިމަށް ވިސްނި ވަޑައިގަތީ މީސްތަކުން ލޯތްބާއި އިހުތިރާމު ލިބިގަތުމާއި އަދި ބޮޑު މަގާމެއް ހޯދައިގެން ހުރުމަކީ ފަހަރެއްގައި ވެސް އެއްފަހަރާ ހާސިލު ނުކުރެވޭނޭ ދެކަމެކެވެ. އެހެންވެ އޭނާ ގަސްދުކުރެއްވީ ދެވަނަ ކަން އިޚްތިޔާރުކުރައްވައި ބޮޑު މަގާމެއް ހޯއްދަވައިގެން ހުންނެވުމެވެ. ބޮޑުމަގާމަކާ އަޅާބަލާއިރު މީހުންގެ ލޯތްބާއި އިހުތިރާމަކީ މާމުހިއްމު އެއްޗެއްނޫނެވެ. އަދި ހަމައެހެންމެ، އަމިއްލަ ނަފްސުގެ ކަރާމަތާއި އަބުރާއި އިއްޒަތްވެސް ވިއްކާލުމަކީ ބޮޑު ވަޒީފާއަކާ އަޅާބަލާއިރު ކުރަން ހަމަ އެންމެ ރަގަޅު ކަމެކެވެ.

އާދެ! ޑޮކްޓަރ އިބުރާހިމުގެ ޝަޚުސިއްޔަތަށާއި އޭނާގެ އަމަލުތަކަށް، އޭނާގެ އުސޫލުތަކާއި ގަބޫލުކުރާ ގޮތްތަކަށް، އޭނާގެ އަޚުލާގާއި ސުލޫކަށް، މިކަންކަމަށް ބަލައިލުމުން ފެނި ތަމްސީލު ވެގެންދަނީ ކޮންއެއްޗެއްތޯއެވެ؟ އެކަންކަން ފެނުމުން ތަމްސީލުވެގެން ދަނީ ބާބިލުގެ ޓަވަރުގެ ވަރުގަދަ ތަނބެކެވެ. އަދި އެތަނބުގައި އެޅިފައިވާ އެންމެމަތީ ގާބުރިން ފެށިގެން އެންމެ ތިރީގައި އެޅިފައިއޮތް ގާބުރީގެވެސް ކަންތައް ހުރިގޮތުގެ ދިރިހުރި މިސާލެކެވެ. މުޅި ރަށުގައި، ކުދި ބޮޑު އެންމެންގެ ތެރޭގައި ހެން ފެތުރި އާއްމު ވެފައިވާ ގޮތްތަކާއި އުސޫލުތަކުގެ ދިރިހުރި މިސާލެކެވެ. އެ އެންމެންގެވެސް އަގުތަކާއި އަޚުލާގީ ފެންވަރު ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެކެވެ.(ނިމުނީ )

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top