ރާއްޖޭގެ ގައުމީ އެއަރލައިން “މޯލްޑިވިއަން” އިން އެތެރޭގެ އުދުހުން ތަކުގެ އަގު ހެޔޮކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު 25 އިންސައްތަ އާއި 30 އިންސައްތަ އާއި ދެމެދުގެ މިންވަރަކަށް ހެޔޮކޮށްފައި ވާނެ ކަމަށެވެ. ރިޒްވީ ވިދާޅުވީ ކުރިން އައްޑޫ ސިޓީ ދެކޮޅު ޓިކެޓް ލިބެން ހުންނާނީ 3500 ރުފިޔާ އަށް ކަމަށާއި މިހާރު އެ އަގުތައް 2600 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެކަމަށެވެ.
މޯލްޑިވިއަން އިން މިހާރު މާލެ- ދަރަވަންދޫ- މާލެ އެއްކޮޅު ޓިކެޓް ލިބޭ އެންމެ ކުޑަ ފެއަރ އަގަކީ 599 ރުފިޔާއެވެ. އާއްމުކޮށް ވިއްކަނީ 675 ރުފިޔާ އަށެވެ.
އާ އަގުތަކުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ޓިކެޓިން އޮފީސްތަކުން އަދި އޭޖެންޓުން މެދުވެރިކޮށް ޓިކެޓު ވިއްކަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ގެނެވުނު ބަދަލު (ޓެކްސްއާއި ޖީއެސްޓީ ހިމަނައިގެން):
- މާލެ – ހަނިމާދޫ – މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު
- މާލެ – އިފުރު – މާލެ: 1،500 ރުފިޔާއާއި 2،056 ރުފިޔާއާ ދެމެދު
- މާލެ – ދަރަވަންދޫ – މާލެ: 1،098 ރުފިޔާއާއި 1،562 ރުފިޔާއާ ދެމެދު
- މާލެ – ކުޑަހުވަދޫ – މާލެ: 1،500 ރުފިޔާއާއި 2،056 ރުފިޔާއާ ދެމެދު
- މާލެ – ތިމަރަފުށި – މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު
- މާލެ – ކައްދޫ – މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު
- މާލެ – ކޫއްޑޫ – މާލެ: 1،652 ރުފިޔާއާއި 2،442 ރުފިޔާއާ ދެމެދު
- މާލެ – ކާޑެއްދޫ – މާލެ: 1،652 ރުފިޔާއާއި 2،442 ރުފިޔާއާ ދެމެދު
- މާލެ – ފުވައްމުލައް – މާލެ: 1،698 ރުފިޔާއާއި 2،598 ރުފިޔާއާ ދެމެދު
- މާލެ – ގަން – މާލެ: 1،698 ރުފިޔާއާއި 2،666 ރުފިޔާއާ ދެމެދު.(ތަފްސީލު އަންނަނީ )