ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ޕްރައިމަރީއަކާ ނުލައި ތުޅާދޫ ދާއިރާގެ ޓިކެޓް މުހައްމަދު އަތީފަށް ޕީޕީއެމުން މިއަދު ހަވާލުކޮށްފި އެވެ.
އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަތީފަށް ޓިކެޓް ހަވާލު ކޮށްފައިވާއއިރު މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އޭދަފުށީ ދާއިރާގެ ޓިކެޓްވެސް ވަނީ އެދާއިރާގައި ހުންނެވި އޭދަފުށީ ދެވިނަގޭ އަހްމަދު ސަލީމަށް ހަވާލު ކުރައްވާފައެވެ.
މިއަދު އިއުލާންކުރި ދާއިރާތަކާއެކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމުން ވާދަކުރަން ނިންމާފައިވާ ދާއިރާތަކުގެ އަދަދު 54 އަކަށް އަރާނެ އެވެ.
މެންބަރުންނަށް ޓިކެޓް ހަވާލުކުރެއްވުމަށްފަހު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ޕްރައިމަރީއަކާ ނުލައި މިއަދު ޓިކެޓް ހަވާލުކޮށްފައިވާ ބޭފުޅުންނަކީ އިންތިހާބުގައި ކާމިޔާބު ލިބިދާނެކަމަށް އުންމީދުކުރެވޭ ދާއިރާތަކުން، އިންތިހާބު ކާމިޔާބު ކުރުމުގެ ގާބިލުކަން ހުރިކަމަށް ޕީޕީއެމުން ދެކޭ ކެންޑިޑޭޓުން ކަމަށެވެ. އެހެންކަމުން އެ ކެންޑިޑޭޓުންނަށް ދާއިރާތަކުން ތާއީދުކޮށްދިނުމަށް ޕީޕީއެމްގެ ރައީސް ޔާމީން އެދިވަދައިގެންނެވި އެވެ.
ޕީޕީއެމުން އާ ޕާޓީއެއް އުފައްދަން މަޝްވަރާކުރަމުން އަންނަ ދަނޑިވަޅެއްގައި މަޖިލިސް އިންތިހާބު ބޯމަތިވަމުން އަންނައިރު، އާ ޕާޓީއެއް އުފެއްދުމަކުން މެންބަރުންގެ މަސައްކަތަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށާ އާ ޕާޓީއެއް އުފެއްދުމާއެކު ޕީޕީއެމުން މިހާރު ޓިކެޓް ދީފައިވާ ހުރިހާ ބޭފުޅުން ވެސް، އަދި ޕާޓީއަށާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އާ ޕާޓީއަށް ވަނުމަށް ވެސް ޔާމީން އެދިވަޑައިގެންނެވި އެވެ.