ކުޅިވަރާބހޭ ވަޒީރު އަހްމަދު މަޚްލޫފް ދެދުވަހުގެ ދަތުރުފުޅެއްގައި ބ.އަތޮޅަށް ވަޑައިގެންފިއެވެ.
މިނިސްޓަރ އިއްޔެ ބ.އަތޮޅަށް ވަޑައިގެން ފުރަތަމަ ޒިޔާރަތް ކުރައްވާފައިވަނީ “ދޮންފަނު ޒުވާނުންގެ ރޫހު” ގެ ފަރާތުން ދޮންފަނުގައި ބޭއްވި ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރި ކޮށްދެއްވާފައެވެ. އެއަށްފަހު މިނިސްޓަރ ވަނީ ދޮންފަނު ކައުންސިލާއި ޒުވާނުންނާ ބައްދަލު ކުރައްވައި، އެރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާ ބެހޭގޮތުން ޚިޔާލު ބަދަލުކޮށްލައްވާފަ އެވެ.
މިނިސްޓަރ މިއަދު ވަނީ އޭދަފުއްޓާއި މާޅޮހަށާއި ހިތާދޫއަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާ އަދި ޒުވާނުންނާ ބައްދަލު ކުރައްވައި ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އޭގެ ތެރއިން މިހާރުން މިހާރަށް ބޭނުންވާ ކަންތައްތައް ވީ އެންމެ އަވަހަކަށް ހައްލު ކޮށްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި ކަންތައްތަކުގެ މަޢުލޫމާތުވެސް މިނިސްޓަރ ވަނީ ކައުންސިލްތަކާ ހިއްސާކުރައްވާފައެވެ.
މިނިސްޓަރުގެ މިދަތުރު ނިންމަވާލައްވައި މިހާރު ވަނީ ފުރާވަޑައިގެންފަ އެވެ.