ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވިޔަސް އާސަންދައިގެ ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
އާސަންދަ ކުންފުނިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ އައިޑީކާޑަކީ އެމީހާގެ އައިޑީކާޑުކަން ކަށަވަރު ކުރުމަށްފަހު އެ އައިޑީކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ސްކީމުގެ ދަށުން ހިދުމަތް ދޭނެ ކަމަށެވެ.
އައިޑީ ކާޑަށް މުއްދަތު ހަމަވި ނަމަވެސް އާސަންދައިގެ ހިދުމަތް ލިބޭ ގޮތަށް މިއަދު ހަމަޖެހިފައިވާއިރު މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެކުރިން ހަމަޖެހިފައި އޮންނަ އުސޫލަކީ އައިޑީކާޑު މުއްދަތު ހަމަވެއްޖެނަމަ އާސަންދައިގެ ޚިދުމަތް ނުލިބޭ ގޮތަށެވެ. އެހެންނަމަވެސް މިގޮތަށް ހަމަޖެހުމުން ހަނދާންނެތިގެން އައިޑީ ކާޑުގެ މުއްދަތު ހަމަވެ އައިޑީކާޑު އާނުކުރެވުނު ނަމަވެސް އާސަންދައިގެ ޚިދުމަތް ނުލިބުމުގެ ހާސްކަމެއް ނޯންނާނެއެވެ.