2019 ވަނަ އަހަރަށް ކަނޑައަޅަފައިވާ 29 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިރު މި ބިޔަ ބަޖެޓުގައި ބ.އަތޮޅު ރަށްތަކުގައި ހިނގަމުން އައި މަޝްރޫއު ތަކާ އަލަށް ފަށަން ބަޖެޓް ކުރެވިފައިވާ މަޝްރޫއު ތަކަށް ބަލާއިރު ތަރައްގީގެ ބާރުމިނުގައި ކުރިއަރަމުން އައި ސްޕީޑްގައި ބްރެކް ޖެހިއްޖެ އެވެ.
މާލެ ސަރަހައްދަށް ރައީސް ޔާމީންގެ ސަރުކާރުން ދިން އިސްކަން ބަދަލުކޮށް އަތޮޅުތެރެ ތަރައްޤީ ކުރާނެ ކަމުގެ ވައުދާއި އެކު ހޮނިހިރު ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ބަޖެޓުގައި 2019 ވަނަ އަހަރަށް މުޅި ބ.އަތޮޅަށް ބަޖެޓް ކުރެވިފައިވަނީ 142 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑުކަމަކަށް ހިމަނާފައި އޮތީ ރައީސް ނަޝީދުގެ ސަރުކާރުން ތުޅާދޫގައި ހިއްކާފައިވާ ބިމުގައި 100 ހައުސިންގ ޔުނިޓް އެޅުމެވެ.
2014 ވަނަ އަހަރު އޭދަފުށީގައި ހިއްކާފައިވާ ބިމުގައި ފްލެޓް އެޅުމަށް މި ދިޔަ އަހަރު ސަރުކާރުން ނިންމާފައިވީ ނަމަވެސް މި އަހަރުގެ ބަޖެތުގައި އެ ވާހަކަދައްކާފައެއް ނުވެއެވެ.
ބ.އަތޮޅުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ގޮތުގައި ހިމެނެނީ ފެހެންދޫ އާއި ކިހާދޫ އަދި ކުޑަރިކިލާއި ދޮންފަނުގެ ބަނދަރު ހެދުމާއި ގޮއިދޫގެ ބަނދަރު މަރާމާތު ކުރުމެވެ. މީގެ އިތުރުން ހިތާދޫ އާއި ކެންދޫ އަދި މާޅޮހާއި ދަރަވަންދޫ ގައި ފެނުގެ ނިޒާމު ގާއިމު ކުރުން ހިމެނެއެވެ.
މިހާރުވެސް ހިނގަމުން އަންނަ މަޝްރޫއުތަކުގެ ތެރެއިން އޭދަފުށީގެ މަގު ހެދުމާއި ތުޅާދޫއާއި ފުޅަދޫގެ ފެހެންދޫ ސިއްހީ މަރުކަޒު ގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބަޖެޓް ކުރެވިފައި ވެއެވެ.