ހިސާން ވިދާޅުވަނީ އެމްޑީޕީއަށް ތުޅާދު ދާއިރާ ނުލިބޭނަމަ ކުރިމަތި ނުލައްވާނެ ކަމަށް

1537644745.jpg

އެމްޑީޕީ އަށް ތުޅާދޫ ދާއިރާ ނުލިބޭ ނަމަ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ނުލައްވާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސޭން ވިދާޅުވެއްޖެއެވެ.

ހިސާން ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ކުރިމަތިލާން ނިންމިކަން މީގެ ހަތަރުދުވަސް ކުރިން ފާޅުކުރައްވާފައެވެ.

ރޭ ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ތުޅާދޫ ދާއިރާ ޚިޔާރުކުރެއްވީ އެއީ ވަރަށް ގާތް ދާއިރާއަކަށް ވުމުން ކަމުގައެވެ. އަދި ބައްޕައަކީ ހިތާދޫ ބޭފުޅަކަށް ވުމާއެކު އެންމެ ކުޑައިރުވެސް ތުޅާދޫއަށް ވަޑައިގަންނަވާ ކަަމަށާ އެކަމަނާ މާލޭގައި ދިރިއުޅުއްވިނަމަވެސް ތުޅާދޫ ރައްޔިތުންނަކީ ބީރައްޓެހި ބައެއް ނޫން ކަމަށެވެ.

ނަމަވެސް އެމްޑީޕީ އަށް ތުޅާދޫ ދާއިރާ ނުލިބިއްޖެނަމަ ފަހަތަށް ޖެހޭނަން ކަމަށް ހިސާން ވިދާޅުވިއެވެ.

“މަޖިލީހުގެ ގޮނޑިތައް ކޯލިޝަން ތެރެއިން ބެހިގެންދާއިރު ތުޅާދޫ ދާއިރާ އެމްޑީޕީއަށް ނުލިބޭނަމަ އަޅުގަނޑު ފަހަތަށް ޖެހޭނަން. އެކަމަކު ކޯލިޝަނުން ކޮންމެ ކެންޑިޑޭޓަކު ނެރުނު ކަމުގައި ވިޔަސް އެކެންޑިޑޭޓަކާ އެކުގައި އެމަސައްކަތުގައި ދެމިހުންނާނަން، އަޅުގަނޑުގެ ތާއީދު އެކެންޑިޑޭޓަކަށް ލިބޭނެ. އަޅުގަނޑެއް ޕާޓީގެ ނިންމުމާ ޚިލާފަށް ނުވަތަ ކޯލިޝަންގެ ނިންމުމާ ޚިލާފަށް އަމިއްލަ ގޮތުން ނުކުމެ އެދާއިރާއަށް ނުވަތަ އެހެން ދާއިރާއަކަށް ކުރިމަތިލުމަށް ވެސް މަސައްކަތެއް ނުކުރާނަން” ހިސާން ވިދާޅުވިއެވެ.

ހިސާން ވަނީ 2009 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި އޭދަފުށީ ދާއިރާ އަށް ވާދަކުރައްވާފައެެވެ. އެ އިންތިޚާބު ހިސާން އާއި ވާދަކޮށް ކާމިޔާބު ކުރެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ރެޑްވޭވް ސަލީމެވެ. އޭގެ ކުރިން ބޭއްވި މަޖިލިސް އިންތިޚާބަށް ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ތުޅާދޫ ދާއިރާގެ ޕްރައިމަރީގައި ހިސާން ވާދަ ކުރެއްވި އެވެ. ނަމަވެސް އެފަހަރު ވެސް ވީ ނާކާމިޔާބެވެ.

ހިސާން އަކީ ރައީސް ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނުގެ ލީގަލް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލުގައި އޮންނެވިއިރު ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް އެކަމަނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

ތުޅާދޫ ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށް ކަމުގައިވާ ތުޅާދޫ އަކީ އެމްޑީޕީގެ ސަޕޯޓް ބޮޑު ރަށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top