ދަރަވަންދޫ ހަމީދު، ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި

big_eAMolXNtv3FtNGikRRivrNW5d.jpg

އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބ.ދަރަވަންދު ރޯޒްމީޑް އަބްދު ﷲ ހަމީދު (ދަރަވަންދޫ ހަމީދު )ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ.

ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ އެކަމަށްޓަކައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ހަމީދު އާއެކު މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރި 14 މެޖިސްޓްރޭޓަކު ވެސް ރޭ ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ. އެއީ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި އަށް ބޭފުޅަކާއި، މެޖިސްޓްރޭޓް ކަމަށް އައްޔަންކުރި ހަތް ބޭފުޅެކެވެ.

މި ބޭފުޅުންނަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ އެވެ. މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއެވެ.

ފަނޑިޔާރުން ހުވާ ކުރެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ކުރިފުޅުމަތީގައެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި މާލޭގައި ގާއިމުކޮށްފައިވާ ކޯޓުތަކުގެ ފަނޑިޔާރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް އިބްރާހީމް ރިޒާ ވިދާޅުވީ ފަނޑިޔާރުންނަކީ ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭ ބައެއް ކަމަށާއި، ހައިކޯޓާއި، ސުޕުރީމްކޯޓުން ނިންމާފައިވާ ނިންމެވުންތައް ދިރާސާ ކުރުމަށްފަހު އަދުލު އިންސާފު ގާއިމް ކުރުމުގެ މަސައްކަތާއިގެން ކުރިޔަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން މައްސަލަތައް ތަރުތީބު ކޮށް، ގިނަ ދުވަސްތަކެއް ނުކޮށް، ވީހާވެސް އަވަހަށް މައްސަލަތައް ނިންމުމަކީ އާންމު ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުންކަމަށް އޭނާ ވިދާޅުވި އެވެ.

ރިޟާ އިތުރަށް ވިދާޅުވީ ފަނޑިޔާރުންނަކީ ވަރަށް އަބުރުވެރި، އިއްޒަތްތެރި އަދި ނަޒާހަތްތެރި ބައެއްކަމަށާއި، ފަނޑިޔާރުންނާ މެދުގައި ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ހަމައެއާއެކު މިރޭ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި ބޭފުޅުން މިރެއިން ފެށިގެން ސުލޫކަށް ބަދަލުތަކެއް ގެންނަވަން ޖެހިވަޑައިގަންނަވާނެ ކަންވެސް ހަނދުމަފުޅުކޮށް އެރުވިއެވެ.

ހަމީދު ވިދާޅުވީ އޭނާ އައްޔަން ކުރައްވާފައިވަނީ ރ.ދުވާފަރު ކޯޓުގެ މެޖިސްޓްރޭޓަރ ކަމުގެ މަގާމަށް ކަމުގައެވެ. އެހެންނަމަވެސް އެމަގާމުގެ މަސްއޫލިއްޔަތާ ހަވާލުވުމުގެ ކުރިން މާލޭގެ ކޯޓު ތަކުގައި ދެމަސް ނުވަތަ ތިން މަހެއްހާ ދުވަހު މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ހަމީދު އެންމެ ފަހުން އަދާ ކުރައްވާފައިވަނީ އޭދަފުށީގައި ހުންނަ ބ.އަތޮޅު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕަބްލިކް ޕްރޮސިކިއުޓަރ ކަމުގެމަގާމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top