ޒަމާނަށްއައި ބަދަލާގުޅިގެން ހުރިހާކަމެއް ބަދަލުވީފަދައިން ކާބޯތަކެއްޗާ އެތަކެތިގައިލާ ރަހައަށްވެސް އައީ އެ ބަދަލު އަންނަމުންނެވެ. ދިވެހީންގެ އަމިއްލަ އުފެއްދުންތައް ކަމުގައިވާ ލައިގެންކާއެއްޗިއްސާއި ތަފާތު ވައްތަރުގެ ހެދިކާއާއި ސަޓަންޏާއި އެކި ނަންނަންކިޔާ ރިހައިގެ ވައްތަރުތައް މަޑުމަޑުން އެކަމަކު ހަމަޔަގީނުންވެސް ދަނީ އޭގެއަސްލުރަހަ ގެއްލެމުންނެވެ. ސަބަބުތަކަށްދިޔުމުގެ ބަދަލުގައި އަޅުގަނޑުމެން މި އުޅެނީ އެތަކެތީގެ އަސްލު ރަހަތިޔަ ބޭފުޅުންނާއި ހަމައަށް ގެނެސްދެވޭތޯއެވެ. އެގޮތުން މިކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވީ އޭދަފުށި ރޯޝަނީގޭ ޢާރިފާ ޔޫސުފް އެވެ.
ކެއްކުމުގެ ފަންނުގައި ޢާރިފާގެ އަތަކީ ޖާދޫއެކެވެ. އޭނާގެ ކެއްކުންތަކުގައި ހުންނާނީ އެއްޗެއްގައި ހުންނަންޖެހޭނެ ރަހަތަކެވެ. އެއެއްޗެއްގައި ހުންނަންޖެހޭނެ މިންވަރަށެވެ. މިކަން އަޅުގަނޑެކޭ އެއްފަދައިން ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނޭ ކަމަށްހީކުރަމެވެ.
މި ސަފްޙާ ތައްޔާރު ކުރުމުގައިށް ޢާރިފާގެ އެހީތެރިކަމަށް ޝުކުރު ދަންނަވަމެވެ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ތަފާތު ރަހަތަކުގެ ތަފާތުކާނާ ތައްޔާރު ކުރާގޮތް އޭގެއަސްލާ އެއްގޮތަށް ގެނެސްދެވޭތޯ މަސައްކަތްކުރާނެ ވާހަކަ ދަންނަވަމުން މިފަހަރު މިގެނެސްދޭ ބަތްޕެނާ ފިހުނުމަސް ތައްޔާރު ކުރާނެ ގޮތް ވިދާޅުވެލައްވާށެވެ.
ބަތްޕެން
ބޭނުންވާ ތަކެތި
ބައި ދަޅު (ގެރިކިރުހުސްކުރިދަޅު) ޅަހަނޑޫ އަވިއަޅާފައި
3އިންޗި ރާނބާ ފަތް
ފެން
ކައްކާނޭ ގޮތް
ހަނޑޫ ދޮވެފަ 4 ދަޅު ފެން އަޅުއްވާފައި ރާނބާފަތްކޮޅުވެސް ލައްވައިގެން އުނދުނަށް އުދާށެވެ. ކެކެން ފެށީމާ ދޭތެރެ ދޭތެރެއިން ހައްލަވާލައްވަންވާނެއެވެ. ގިނި ބަހައްޓާނީ މެދުމިނަކަށެވެ. ކެކެން ފަށާއިރު އެއަށްއަރާ ފޮނު ނުވަތަ ގަރު ނުނަންގަވާށެވެ. އެއީ ހަނޑުލުގައި ހުންނަ ވިޓަމިންކޮޅުކަން ހަނދާން ކުރައްވާށެވެ. ގާތްގަނޑަކަށް15 މިނިޓް ވާއިރު ހުންނާނީ މަޑުވެފައެވެ. އަނެއްކާ 2 ދަޅުފެން އަޅުއްވައިގެން 5 މިނިޓް ކައްކާލެއްވީމާ އެހުރީ އެންމެ ފައްކާ އޭދަފުށީ ބަތްޕެން ތައްޔާރުވެފައެވެ.
ފިހުނުމަސް
ބޭނުންވާތަކެތި
1 ކިލޯ ރޯމަސް
20 ހިކި މިރުސް
1 މޭޒުމަތީ ސަމުސާ ދިރި
1 ސައިސަމުސާ އަސޭމރުސް
1 ފަޅިފިޔާ މެދުމިނުގެ
1 އިންޗި އިނގުރު
2 ލޮނުމެދު
ރަހަލާވަރަށްލޮނު
2 ލުނބޯ
ހިކަނދިފަތްކޮޅެއް
ބޭނުންނަމަ ކުޑަހުނިކޮޅެއް
1 ސައިސަމުސާރިހާކުރު
ރިހާކުރާއި ލުނބޯ ފިޔަވައި ހުރިހާއެއްޗެއް ފުނޑާލައްވާށެވެ. އެހާހިމުން ނުކުރައްވާށެވެ. މަސް ކަނޑުއްވާ ގަނޑެއް 4 ބުރިއަށްބުރި ކުރައްވާ ބައި އިންޗި ބޯމިނުގައި ކަނޑުކުކުޅަށް ކަފާ ގޮތަށް ކަފާލައްވާށެވެ. ލޮނުން މަސްކޮޅު ދޮވެލައްވާށެވެ. ދެން ރިހާކުރުކޮޅު އަދި ކުޑަ ހުތްކޮޅެއް ޖައްސަވާ ހަވާދުކޮޅު މޮޑެލައްވާފައި މަސްތަކުގައި ހާކާލައްވާށެވެ.
އުލަށްޖަހައިގެން ފިހުނަސް ނުވަތަ އަވަންގައި ފިހުނަސް މަސްފިހެވެންފެށީމާ މަހުގެ ދެފަރާތަށް ލުނބޯހުތް ޖައްސަވާށެވެ.