
ޕްލާންޓްފެން ބަލާދިޔަ ބަޔަކު އަންގާރަދުވަހު އެސަރަހައްދުގައި. ކޮންމެ ދުވަހަކުވެސް ހަވީރު ފެންދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައި / ފޮޓޯ: އަބްދުލްޤައްޔޫމް
އޭދަފުށީގެ ގިނަގޭގޭއިން ވާރޭފެން ހުސްވެ ބޯފެނަށް ޖެހިފައިވާތީ، އެކަން ހައްލުކުރުމުގެ ގޮތުން އޭދަފުށީ ކައުންސިލާ، އިންޖީނުގެ ގުޅިގެން ހިލޭޕްލާންޓްފެން ދޫކުރަން ފަށައިފިއެވެ.
އޭދަފުށީ ކައުންސިލް އިދާރާއިން ބުނީ ފެންޕްލާންޓް މަރާމާތަށްފަހު ހޯމަދުވަހުން ފެށިގެން ފެންދޫކުރަން ފަށާފައިވާކަމަށާ، ފެން ދޫކުރަމުންދާނީ ކޮންމެ ދުވަހަކުވެސް ހަވީރު 4 ން 5:30ށް ސަހަރާ އިސްކުރުބަރިން ކަމަށެވެ. އޭދަފުށީ ކައުންސިލުން ބުނީ ފެން ނެގުމުގައި އާންމުން ވީހާވެސް އިސްރާފްކުޑަގޮތަކަށް ފެންނެގުމަށާ، ބޭނުންނެތް ގޮތުގައި ފެން ނުގެންދިއުމަށް އެދޭކަމަށެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ޕްލާންޓްފެން ދޫކުރަމުންގެންދާނީ ހަމައެކަނި އާންމުގޭގޭގެ ބޭނުންތަކަށްކަމަށާ، ވިޔަފާރިއުސޫލުން ބޭނުންކުރުމަށް އާންމު އިސްކުރުބަރިން ފެން ދޫކުރެވެން ނޯންނާނެކަމަށެވެ.
ވާރޭވެހުން މަދުވެ ފެނަށް ޖެހެން ފެށުމާގުޅިގެން މިދިޔަ އަހަރުވެސް ހޫނު މޫސުމުގެ ތެރޭގައި އޭދަފުށީގެ އާންމުންނަށް ކައުންސިލާ އިންޖީނުގެ ގުޅިގެން ހިލޭ ޕްލާންޓްފެން ދޫކުރިއެވެ.