
ސުއަރޭޒް ބާސެލޯނާ ޖޯޒީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި. ސުއަރޭޒަ ވިއްކާލުމަށް ލިވަފޫލުން ވަނީ ގާތްގަޑަކަށް އެއްބަސްވެފައި / ފޮޓޯ: އިންޓަނެޓް
ލިވަޕޫލަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒްގެ ޖާޒީ ސްޕޭނުގައި ވިއްކަން ފަށައިފި އެވެ.
63 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ގަތުމަށް މަސައްކަތް ކުރާ ކުޅުންތެރިޔާ އަށް ބާސެލޯނާއިން ދީފައިވަނީ ނުވަ ނަންބަރު ޖާޒީ އެވެ.
ވޯލްޑް ކަޕުގައި އިޓަލީގެ ޖިއޯޖިއޯ ކިއެލީނީގެ ކޮނޑުގައި ދަތްއެޅުމާ ގުޅިގެން ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ހަތަރު މަހަށް ސަސްޕެންޑްކޮށްފައި ހުރި ސުއަރޭޒް ވިއްކާލަން ލިވަޕޫލުން ވަނީ ނިންމާފަ އެވެ. ނަމަވެސް މި ޑީލް މުޅިން ނުނިމިގެން އުޅެނީ އޭނާ ވިއްކާލާއިރު ބާސެލޯނާ އަށް ކުޅޭ ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް ލިވަޕޫލަށް ވިއްކުމަށް ލިވަޕޫލުން ބާރު އަޅަމުން ދިއުމެވެ.
ސަންޗޭޒް ބޭނުންވަނީ ލިވަޕޫލަށްވުރެ ބޮޑަށް އެ ޓީމާ ވާދަވެރި އާސެނަލް އަށް ނުވަތަ އިޓަލީގެ ޔުވެންޓަސް އަށް ކުޅުމަށެވެ.