
ފުޓްސަލް ދަނޑުއެޅުމަށް ހަމަޖެހިފައިވާ ބިން. މިބިން ހޯމަދުވަހު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: އަބްދުލްޤައްޔޫމް
އޭދަފުށީ ސްޕޯޓްސް އެރީނާގެ ތެރޭގައި ހިމެނޭ ފުޓްސަލް ދަނޑު އެޅުމަށް ހަވާލުކޮށްފައިވާ ލޯން ސްޓާ ޓްރޭޑިން ކޮންޕެނީއަށް، ދަނޑު އަޅާ ބިން އޭދަފުށީ ކައުންސިލުން ހަވާލުކޮށްފިއެވެ.
އޭދަފުށީ ކައުންސިލުން ބުނީ ލޯން ސްޓާއާ ބިން ހަވާލުކުރިކަމުގެ ލިޔުން ހޯމަދުވަހު އެކުންފުންޏަށް ހަވާލުކޮށްފައިވާކަމަށާ، ބިން ހަވާލުވިދުވަހުން ފެށިގެން 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ދަނޑު ހަވާލުކުރަން އެގްރީމެންޓްގައި ހިމަނާފައިވާކަމަށެވެ. އޭދަފުށީ ކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ ވިދާޅުވީ ލޯން ސްޓާއާ ހަވާލުކުރީ ދަނޑު އެޅުމަށް ހަމަޖެހިފައިވާ މިހާރުގެ ރަސްމީ ފުޓްބޯޅަ ދަނޑުގެ ދެކުނުން ކުރީގެ ހުޅަނގު އަންހެނުންގެ މިސްކިތް ހުރި ސަރަހައްދުކަމަށެވެ.
ޔޫތް މިނިސްޓްރީގެ ކުރެހުމުގައި ވާގޮތުންފުޓްސަލް ދަނޑު އަޅާނީ ދަނޑުގެ ދިގުމިން ދެކުނުން އުތުރަށް ވާގޮތަށް ދިގުމިނުގައި 96.4 ފޫޓް ހުންނަގޮތަށެވެ. ފުޅާމިން އިރުން ހުޅަނގަށް 76.3 ފޫޓަށެވެ. ކުރެހުމުގައި ވާގޮތުން ފުޓްސަލް ދަނޑުގެ އިތުރުން އެސަރަހައްދުގައި ބާސްކެޓް ކޯޓަކާއި ވޮލީކޯޓެއްވެސް އެޅުމަށް ވަނީ ޕްލޭންކޮށްފައެވެ.
އޭދަފުށީ ކައުންސިލުން ބުނީ ލޯން ސްޓާގެ ޓީމެއް އަންނަ ހަފްތާތެރޭގައި މަސައްކަތް ފެށުމާބެހޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް އޭދަފުއްޓަށް އަންނާނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ކައުންސިލަރ ރިޒާ ވިދާޅުވީ އެއްބަސްވުމުގައި ވާގޮތުން އޯގަސްޓްމަހުގެ ނިޔަލަށް އޭދަފުށީ ދަނޑުގެ ހުރިހާ މަސައްކަތެއް ކޮންޓްރެކްޓަރު ނިންމަންޖެހޭނެއެވެ.
ސަރުކާރުން މިއަހަރު ތެރޭގައި ގާއިމްކުރުމަށް ނިންމާފައިވާ ސްޕޯޓްސް އެރީނާ ތަކުގެ ތެރެއިން އޭދަފުއްޓާއެކު 13 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް މިދިޔަ މަހުގެތެރޭގައި ހަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މި އެއްބަސްވުން ތަކުގެ ދަށުން ބ. އޭދަފުއްޓާއި އދ. މާމިގިލީގެ ފުޓްސަލް ދަނޑު އެޅުމަށް ހަވާލު ކުރީ ލޯން ސްޓާ ޓްރޭޑިންއާ އެވެ.