29 އަހަރު ފަހުން އަންނަ ރިޔާސީ އިންތިޚާބަށް އެންމެ ފަސް ދުވަހަށްވެފައި ވަނިކޮށް އޭދަފުށިން ގޯތި ދޭން ނިންމައި ހައުސިންގ މިނިސްޓްރީގެ ފަރާތުން އެކަން އޭދަފުށީ ކައުންސިލަށް އަންގައިފިއެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވަނީ މިކަން އީވީއަށް ޔަގީން ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޓީމެއް މިއަދު އޭދަފުއްޓަށް ވަޑައިގެން ގޯތި ދިނުމާބެހޭ މަޝްވަރާތަކެއް އޭދަފުށިގެ ވިއްސަކަށް ރައްޔިތުންނާއެކު ކައުންސިލް މެންބަރުން ވެސް ހިމެނޭ ގޮތަށް ކުރެވިފައިވާ ކަމުގައެވެ.
“އޭދަފުށިގެ ބިން ބޭނުން ކުރުމަށް އެކުލަވާލާފައިވާ ޕްލޭން ނުވަތް ލޭންޑް ޔޫސް ޕްލޭންގައި އަޅުގަނޑުމެން އޮންނާނީ 150 ގޯތި ދޫކުރާ ގޮތަށް. ނަމަވެސް ހައުސިންގ މިނިސްޓްރީން ނިންމަވާފައިވަނީ މި ވަގުތު އޭދަފުށީގެ ހިއްކި ބިމުން 1400 އަކަފޫޓުގެ 80 ގޯތި ދޫކުރުމަށް. “ތޮލާލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމުގެ ހުއްދަ އަދި ނުލިބޭ ކަމަށާއިވަރަށް އަވަހަށް ހުއްދަ ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.
“ވަރަށް އަވަހަށް އެ 80 ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ. ހައުސިން މިނިސްޓްރީން އެކަން ކުރިއަށް އެބަގެންދޭ. ” ރައީސް ތޮލާލް ވިދާޅުވިއެވެ.
ތިން ހާހަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ. ބިން ފުރި ގޯތި ބޭނުން ވެފައިވާ އެތައް އާއިލާ އެއްވެސް ތިބުމާއެކު 2014 ވަނަ އަހަރު މި ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 26 ހެކްޓަރގެ ބިން ހިއްކާފައެވެ.