ހިންދީ ފިލްމްތަކުންނާއި ހޮލީވުޑްގައިވެސް ފިޔަ ޖަހަމުން އަންނަ ކުރީގެ މިސްވޯލްޑް ، ޕްރިޔަންކާ ޗޯޕްރާ ، ހޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ ނިކް ޖޯނަސް އާއި އެންގޭޖް ވެއްޖެއެވެ.
ދެމީހުން އެންގޭޖް ވެފައިވަނީ ރައްޓެހިވެގެން އުޅުމަށް ފަހު މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
އިއްޔެ މުމްބާއީގެ ޕްރިޔަންކާގެ ގޭގައި އޮތް މި އެންގޭޖްމެންޓް ގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގައި މިފަދަ ހަފްލާތައް ކޮށްއުޅޭ ސްޓައިލަށެވެ. މި ހަފުލާގައި ޕްރިޔަންކާ ހުރީ ރީނދުލާއި ހުދު ކުލަ އެކުލެވޭ ހެދުމެއްގަ އެވެ. ނިކް ލައިގެންހުރީ ކްރީމް ކުލައިގެ ޝޭރްވާނީ އެވެ. ނިކްގެ މައިންބަފައިންނާއި ދެ ބޭބެ ހަފްލާގައި ބައިވެރިވީ އިންޑިއާގައި މިފަދަ ހަފްލާ ތަކުގައި ލައި އުޅޭ ހެދުމެއްގަ އެވެ.
އެންގޭޖްމެންޓަށް ފަހު ރޭ ވަނީ ރޭގަނޑު ކެއުމެއް ބާއްވާފައެވެ. މި ކެއުމުގައި ކަރަން ޖޯހަރު އާއި ރަވީނާ ތަންޑަން އަދި ރަންވީރު ސިންގ ފަދަ މަޝްހޫރު ތަރިންގެ އިތުރުން ޕްރިޔަންކާގެ ދެބެއިންގެ ދެދަރި ކޮއްކޮ، ޕަރިނީތީ ޗޯޕްރާ އާއި ޑިޒައިނަރ މަނީޝް މަލްހޯތްރާ ވެސް ވަނީ ބައިވެރި ވެފައެވެ.
ބޮލީވުޑް ގެ ޚަބަރުތައް ބުނާ ގޮތުގައި ޕްރިޔަންކާ، 36، އާއި ނިކް، 25، ގެ ކައިވެނީގެ ހަފުލާ މިއަހަރު ނިމުމުގެ ކުރިން ބާއްވާނެއެވެ. ފަހަރެއްގައި ނިކް ގެ 26ވަނަ އުފަންދުވަސް ކަމަށްވާ އަންނަ މަހުގެ 16 ގައިވެސް ކައިވެނި ކޮށް ފާނެ އެވެ.
ޕްރިޔަންކާގެ އެންގޭޖްމެންޓް އާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަންނަނީ އެ ދެ ތަރިންނަށް މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ.