އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން ބާއްވަމުން އަންނަ އިންޓަރރިސޯޓް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު އޭދަފުށީ ރަސްމީ ދަނޑުގައި ފަށައިފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ސޮނޭވާފުއްޓާއި މިއަހަރު އަލަށް ބައިވެރިވި ވައްކަރު މޯލްޑިވްސް ރިސޯޓެވެ. މި މެޗް 0-3 އިން ކާމިޔާބު ކޮށްފައިވަނީ ސޮނެވާ ޓީމް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމްވެސް ކުޅެމުން ދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެން ކަމުން ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ދެވަނަ ހާފް ފެށުމާއެކު ތަޖްރިބާ ހުރި މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ސޮނެވާ ޓީމުން ތަފާތު ބަދަލެއް ފެނިގެން ދިޔައެވެ. ނަތީޖާއަކަށްވީ ވައްކަރުގެ ގޯލަށް ނުރައްކާ ކުރަމުން ދިއުމެވެ. އެގޮތުން މެޗުގެ 65ވަނަ މިނިޓުގައި ސޮނެވާގެ ފުރަތަމަ ލަނޑު އެޓީމުގެ ޖާޒީނަންބަރު 15 ، އަބްދުލް މަދީދު (މަޖިއްޓޭ ) އެޓީމަށް ކާމިޔާބު ކޮށްދިނެވެ. އެއަށް ފަހު ވައްކަރު ޓީމުންވެސް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯމަސައްކަތް ކުރިއެވެ. އެހެންނަމަވެސް ވައްކަރު ތީމަށް ލަނޑެއް ނުޖެހި އުޅެނިކޮށް އަނެއްކާވެސް މެޗުގެ 75ވަނަ މިނިޓުގައި ސޮނެވާގެ ދެވަނަ ލަނޑު އެޓީމުގެ އާދަމް ނިޒާމް ޖަހައި ލީޑުފުޅާ ކުރިއެވެ.
މި ލަނޑާއެކު ވައްކަރު ޓީމަށް ރަނގަޅަށް ހަމަޖެހި ނުލެވި އުޅެނި ކޮށް އޭގެ ހަތަރު މިނިޓް ފަހުން މެޗުގެ 3 ވަނަ ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ ސޮނެވާ ޓީމެވެ. މެޗްގެ 79 ވަނަ މިނިޓުގައި މި ލަނޑުޖަހާފައިވަނީ ސޮނެވާގެ ޖާޒީ ނަންބަު 7 ، އާދަމް ނިޒާމެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވާފައިވަނީ ސޮނެވާ ޓީމްގެ ޖާޒީ ނަންބަރު 15 ،އަބްދުލްމަޖީދުއެވެ.
މި މުބާރާތުގެ މެޗެއް މާދަމާވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޓީމް ރޯޔަލް އާއި ފިނޮޅު ރިސޯޓެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ 4:15ގައެވެ.