ކުޑަކުދިންގެ މެދުގައި މަގުބޫލުކަމެއް ހޯދަމުން އަންނަ ‘ސްލައިމް’ އަކީ ވިހައެއް ކަމުގެ އިންޒާރު، އިނގިރޭސިވިލާތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ “ވިޗް؟” އިން ދީފިއެވެ.
ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ސްލައިމް ބްރޭންޑްތަކުގެ ތެރެއިން 11 ބްރޭންޑެއް ޓެސްޓުކޮށްފައިވާއިރު، އެއިގެ ތެރެއިން 8 ބްރޭންޑެއްގެ އުފެއްދުންތަކުގައި، ހަށިގަނޑަށް ނުރައްކާވާ މިންވަރަށް ބޯރޯން އެކުލެވިފައިވާކަމަށް ވިޗް ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.
ބޯރޯންއަކީ ސްލައިމްގެ ތަތްކަން އިތުރުކުރުމަށް އެއަށް އަޅާފައި ހުންނަ ބޮރޮކްސްގައި އެކުލެވޭ، ނުރައްކާތެރި މާއްދާއެކެވެ.
ކުއްޖާ މާގިނައިން ބޯރޯންއަށް ހުށަހެޅޭނެނަމަ ގައިގެ ތަންތަން ރަތްވެ، ހިރުވުމުގެ އިތުރުން ބޭރަށް ހިންގުމާއި، ހޮޑުލުމާއި ބަނޑަށް ތަދު އެރުން ފަދަ އުނދަގޫތައް އެ ކުއްޖަކަށް ކުރިމަތިވާ ގޮތްވެއެވެ.
ވިޗްއިން ބުނީ ސްލައިމްގެ އުފެއްދުންތައް ޕެކެޓްކޮށްފައި ހުންނައިރު، އޭގައި ނުރައްކާތެރި މާއްދާތައް އެކުލެވޭ މިންވަރު ސާފުކޮށް ބަޔާންކޮށްދީފައި ނުވާކަމަށާއި ބާޒާރުގައި ވިއްކާ މުދާ ރެގިއުލޭޓްކުރާ ފަރާތްތަކުން މިކަމަށް ސަމާލުވާންޖެހޭ ކަމަށެވެ.
ކޮންމެ ކިލޯއެއްގައި އެންމެ ގިނަވެގެން ބޯރޯން އެކުލެވެންވާނީ 300 މިލިގްރާމް ކަމަށްވާއިރު، ސްލައިމްގެ އުފެއްދުންތަކުގެ ތެރޭގައި މި މިންގަނޑަށްވުރެ އިތުރަށް ބޯރޯން އެކުލެވިގެން ވާތީ ނުރައްކާ އިތުރު ވާނެ ކަމަށް ވެއެވެ. ވިޗްއިން ކަނޑައެޅި ސްލައިމް ތެރޭގައި ހިމޭނޭ ސްލައިމްތަކަކީ އެމޭޒަންއިންވެސް ލިބެންހުރި އުފެއްދުންތަކަށްވާއިރު، ފުޅާދާއިރާއެއްގައި ދުނިޔޭގެ އެކި ހިސާބުތަކަށް މި ބްރޭންޑްގެ ސްލައިމްތައް ފެތުރިފައިވުން އެކަށީގެންވެއެވެ.
ވިއްކަން ހުންނަ ސްލައިމްގެ ބަދަލުގައި، ގޭގައި އަމިއްލަ ސްލައިމް ހެދުމުގެ ސަގާފަތެއްވެސް ފެށިފައިވާއިރު، ބެލެނިވެރިން މިކަމަށްވެސް ސަމާލުކަން ދިނުމަށް ވިޗްއިން ވަނީ ގޮވާލާފައެވެ.
(ދަ ޕްރެސް އިން ނަގާފައި )