ދެހަފްތާ ތެރޭގައި ހުރިހާ ދަރިވަރުންނަށް ޓެބްލެޓްތައް ހަވާލުކޮށް ނިމޭނެ :އެޑިއުކޭޝަން

big_Vy62GtBt1tCax1NeyqFJsewbo.jpg

ޓެބްލެޓް އޮރިއެންޓޭޝަން ކްލާހެއްގައި ދަރިވަރުން --ފޮޓޯ : ޝަމްސުއްދީން ސްކޫލް

ސްމާޓް ތައުލީމީ ނިޒާމެއް ގާއިމްކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޓެބްލެޓް މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ޓެބްލެތްތައް ހަވާލު ކޮށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ ސްކޫލްތަކުގެ ކުދިންނަށް ޓެބްލެޓް ހަވާލުކޮށް، މިހާރު އޮރިއެންޓޭޝަން ޕްރޮގްރާމްތައް ފަށާފައިވާކަމުގައެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު މިއަދު ވިދާޅުވީ، ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު މިނިސްޓްރީގެ ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޓެބްލެޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ ރަށްރަށުގެ ސްކޫލްތައް ފުރަތަމަ ނިންމާލައި މާލޭގެ ސްކޫލްތަކަށް ވެސް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޓެބްލެޓް ހަވާލުކުރާނެ ކަމަށެވެ.

“ޓެބްލެޓް ބެހުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށް އެބަ ދޭ، އެންމެ ފުރަތަމަ އަތޮޅު ތެރޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން މިކަން ކުރިއަށް މި ގެންދަނީ. މިހާރު ގިނަ ރަށްރަށަށް ޓެބްލެޓް ފޮނުވައިފި. އެ ސްކޫލްތަކުގައި މިހާރު ކުރިއަށްދަނީ ކުދިންނަށް އޮރިއެންޓޭޝަން ދިނުމާއި ބެލެނިވެރިން ޓެބްލެޓަށް ހޭލުންތެރިކުރުމުގެ ކަންކަން.” ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ، ޓެބްލެޓް ބޭނުންކުރަން ފެށިނަމަވެސް ޓެކްސްޓް ފޮތްތައް ދޫކޮށްނުލާނެ ކަމަށެވެ. ޓެބްލެޓް ބޭނުންކޮށްގެން ކުދިންނަށް ކިޔަވައިދޭން ފަށާނީ ސްކޫލްތަކުން ނިންމާ ދުވަހަކާއި ޝެޑިއުލެއްގެ ދަށުން ކަމަށެވެ.

ރާއްޖޭގައި ސަރުކާރުން ހިންގާ 212 ސްކޫލް ހުރިއިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ. ވޭވޭ ބްރޭންޑްގެ 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖްގައި 16 ޖީބީ ހުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top