ތިބީ ހަތަރު ފިރިހެން ދަރިން. ހުރިހާ ދަރިންނަކީ މަހުޖަނުން

DSCN2624.jpg

ޢާއިޝަތު ޢަލީ -ފޮޓޯ :އީވީ

މި ދައްކަނީ އޭދަފުށީ ދެވިނަގޭ އައިޝަތު އަލީ (ކުޑައައިސަ )ގެ ވާހަކައެވެ. ކުޑައައިސަ ކިޔަނީ އިސްކޮޅުން ކުޑަވުމުން ކަމަށް ވެދާނެއެވެ. ނޫނީ ޒުވާން ދުވަސްވަރު އެފުރައިގެ ބައިވަރު އައިސަ ތަކެއް ތިބުމުން އެގްރޫޕްގެ އެންމެ އިސްކޮޅުން އެންމެ މީހާ ކަމަށް ވީމާ ކަމަށް ވެދާނެއެވެ. އެކަމަކު މިއަދު އެއީ ކުޑަ އައިސަ އަކަށް ނުވާނެއެވެ. އެއީ ވަރަށް ބޮޑު އައިސަ އެކެވެ.

ހަތަރު މަހުޖަނުންގެ މަންމަ ، ކުޑަ މީހަކަށް ވާނީ ކިހިނެއް ހެއްޔެވެ.

ކުޑައައިސަގެ ހަތަރު ފިރިހެން ދަރިންގެ އިތުރުން ހަތަރު އަންހެން ދަރިންވެސް އެބަތިއްބެވެ. ޖުމްލަ އަށް ކުދިންގެ މި މަންމަ ދަރިންނަށް ޓަކާ ކޮށްފައިވާ މަސައްކަތަށް ތައުރީފު ހައްގެވެ. އޭނާގެ ދަރިންނަކީ ކިޔަވައިގެން ތިބި ދަރިންނަށްވެފައި މާމަ ދަރިންގެ ތެރޭގައިވެސް ތައުލީމީ ރޮގުން ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ތަކެއް ހޯދާފައިވާ ދަރިން ތިބުމަކީ އެއް ސަބަބެވެ.  އެކަމުގައި ނަސީބަށްވުރެ ބޮޑަށް ބުރަ ވެވެނީ މަޔަކު ދަރިންތަކެއް އުފައްދަން ކޮށްފައިވާ ބުރަ މަސައްކަތާއެވެ.

ދަރިންނަކީ ﷲ ދެއްވި ނިއުމަތެކެވެ. ސުވާލު ކުރެވޭނެ އަމާނާތެކެވެ. އެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައެއްގެ ބޮލުގައި އެޅިފައި އޮންނާނެ އެންމެ ބޮޑު ޒިންމާއެވެ. ދަރިފުޅު ދުނިޔެއަށް ލާ ފުރަތަމަ ނޭވާ އާއެކު މި ޒިންމާތަކާއެކު މަންމަގެ ވަޒީފާ ފެށުނީއެވެ. ކުޑައައިސަ މަސައްކަތް ކުރީ އެގޮތުގައެވެ. އޭނާގެ ދަރިންނަކީ އަޚްލާގީ ބަލި ތަކާ ދުރު ތައުލީމީ އަދި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން ހުރި ދަރިންނަށް ވީ މިހެން ވީމައެވެ. ދަރިން ބަލާ ބޮޑު ކުރުމުގައި ކިޔަވައިދިނުމާ އެއްވަރަށް އިސްލާމީ އަގީދާ އާއި އަޚްލާގަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާތީއެވެ.

“ދޮށި ދަރިފުޅު ސައީދު ނޫނީ ދުންފަތުގެ އިސްތިއުމާލު ކުރާ ކުއްޖަކުވެސް ނުހުންނާނެ. އެންމެ ކުޑައިރުން ފެށިގެން ރަށުގައި މެދު މަދަރުސީ ތައުލީމު ނިންމުމާ ހަމައަށް ދިޔައިރުވެސް ދަރިއަކު ކުށެއް ކޮށްގެން ސްކޫލް އޮފީހަށް ނުވަތަ ރަށު އޮފީހަށް އަހަރެން ގެންގޮސްފައެއް ނޯންނާނެ. ” ދަރިންގެ ތަރުބިއްޔަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކުޑަ އައިސަ ބުންޏެވެ.

ކާމިޔާބު މައެއްގެ ގޮތުގައި އަދި އަނތްބެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކާ އެކު އޭނާގެ ދިރިއުޅުމުގެ އެންމެ ކުރީގެ ހަނދާންތަކާ ހަމައަށް އަހަރެން ގޮވައިގެން ދިޔައެވެ.

ކުޑައައިސަ ގަޔަށް ވައްޓާލި ލިބާހާއެކު މަރްހޫމް ފިރިމީހާ އަބްދުއްރަހްމާން އާއެކު ކައިވެނީގެ ގޮށް ޖެހީ ދުވަހަކުވެސް މޮހާ ނުލެވޭހައި ބާރު އަދި ވަރުގަދަ ކޮށެވެ. ހުވަފަތްވެ އުމުރު ހަމަކޮށް އެދަނީ ވެސް އެގޮތުގައެވެ. ފިރިމީހާ އަބްދުއްރަހްމާން ވަކިވެ ދިޔައީ ބައްޕައެއްގެ ވާޖިބު އަދާކޮށްދިން ކަމުގެ ހިތްހަމަޖެހުމާއެކުގައެވެ. ހުރިހާ ދަރިންވެސް އަމިއްލަ ދިރިއުޅުމަށް ފައްކާ ކޮށްފައެވެ. އެހެންވީމާ ފިރިމީހާ ދުނިޔެ ދޫކޮށްދިޔައީ ބައްޕައެއްގެ މުސްކުޅި އުމުރުގެ ބުރަ ދަރިން ނަށް ޖެއްސުމުގެ ބަދަލުގައި އެންމެ ރަނގަޅު ސާއަތުގައިކަމަށް ބުނެވިދާނެއެވެ.

އެހެން ނަމަވެސް ލޮބުވެތި ފިރިމީހާ ނެތްކަމުގެ ފަޅުކަމާއި ފިރިމާހާ އާއެކު ހޭދަކުރެވުނު ގިނަ އަހަރު ތަކުގެ ހަނދާންތަކުން ބައެއްފަހަރު އޭނާ ރޮއްވާލައެވެ. އެފަދަ ވަގުތު ތަކުގައި ދަރިން މިއަދު އުޅެމުންދާ “ރަސް ދުނިޔެ” ބަލާލަން ހުރި ނަމައޭ ހިތަށް އަރައެވެ. އެހެންވާނެއެވެ. އެދެމަފިރިން އުމުރު ހުސްކުރީ ދަރިންނަށް ރަނގަޅު ގޮތް ހޯދައި ދިނުމާއި އެދަރިންނަށް ދެދުނިޔޭގެ ތަނަވަސް ނިއުމަތަށް އެދި ކުރެވޭ ދުއާ ތަކާއެކުގައެވެ. އެތަން މިއޮތީ ދިމާއަށް ފެންނަން ވިއްޔާއެވެ.

ދޮށީ ދަރިފުޅު މުހައްމަދު ސައީދު ، މީގެ އެތައް އަހަރެއް ކުރިން “ރެޑްލީފް ” ނަމުގައި ހިންގަން ފެށި ފިހާރަ ނުވަތަ ޝޮޕިންގ ސެންޓަރ ތާޒާކަން މަތީގައި މިއަދުވެސް ހިނގަމުން އެބަ ދެއެވެ. ދެވަނަ ދަރިފުޅު އަހްމަދު ސަލީމު، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރުކަން ކުރައްވާތާ ދެ ދައުރު ފުރިހަމަކުރަނީއެވެ. އޭގެ އިތުރުން ސަލީމުގެ ރެޑްވޭވް ކުޑައިގެ ދަށުގައި ހުރި 11 ސުޕަރމާކެޓްއަކީ  ރާއްޖޭގައި ހުރި އެންމެ ބޮޑެތި ތަންތަނެވެ. ހަމައެއާއެކު ރައްޔިތުންނަށް ބޭނުންވާ ހުރިހާ އެއްޗެއްހެން އެންމެ ހެޔޮ އަގުގައި ގަންނަން ލިބޭ ހަމައެކަނި ތަނަކީ އެއީ ކަމުގައި ވަނީ ބެލެވިފައެވެ. ތިންވަނަ ދަރިފުޅު އަލީ އަބްދުއްރަހްމާނު  މާލޭގެ ބާޒާރުމަތީގެ އެންމެ ކާރޫބާރޫ ބޮޑު ހިސާބުގަނޑުގައި ދެފިހާރަ އާއި ހޮޓަލެއް ހިންގަމުން ގެންދާއިރު އެންމެ ހަގު، އިބްރާހީމް ޖަލީލު ބިލިޔަން ރުފިޔާގެ ދެ ޑިޕާޓްމަންޓް ސްޓޯރު އަންނަނީ ހިންގަމުންނެވެ.

ކުދައައިސް ގަބޫލު ކުރަނީ އޭނާގެ ދަރިން ދިރިއުޅެން ދަސްކޮށްފައިވަނީ އެ ކުދިންގެ ބައްޕަ ، ނަމޫނާއަކަށް ބަލައިގެން ކަމުގައެވެ. އޭނާ އަކީ އިންތިހާ ދަރަޖައިގެ މުރާލި މީހެއްކަމަށް ވާތީ ފަގީރު ކަމުގެ ރަހަ ދުވަހަކުވެސް އެއާއިލާ އަކާ ކުރިމަތިލާކަށް ނުޖެހެއެވެ. މަޝްހޫރު ބޮޑު ތަދުގައި ރަށުގެ މަދު އާއިލާއެއް ނޫނީ ދަރަނި ކާޑުނަގައިގެން ކޭއިރުވެސް އެ އާއިލާ އަށް އެހިސާބަށް ދާން ނުޖެހުނީ ރަހުމާނުގެ މުރާލި ކަމުންނެވެ.

“އޭނާއަކީ މަސްވެރިކަމުގެ އިތުރުން ރޭނުމާއި އުވަ ޖެހުމާއި ވަޑާން ކުރުމުގެ ވެސް މާހިރެއް. އެކަމަށް މުޅި އޭދަފުށި ހެކިވާނެ. މަރްހޫމް ޔޫސުފް ކަލޭފާނުވެސް ރީތި ކޮށް ތަނެއްް ހަދަން ވެއްޖެ ނަމަ ނުވަތަ ފަރުނީޗަރު ފަދަ އެއްޗެއްވިޔަސް ރީތިކޮށް ހައްދަވަން ބޭނުންނަމަ ރަހުމާނުގެ ޚިދުމަތް ހޯދާނެ. “ފިރިމީހާ އަށް ތާރިފު ކުރަމުން ކުޑައައިސަ ބުންޏެވެ.

ކުޑައައިސަ ބުނީ ދަރިންގެ ތަނަވަސް ދިރިއުޅުމާއެކު އެދަރިން ކިތަންމެ އަވަދި ނެތި އުޅުނަސް  މަންމަގެ މަތިން އަބަދުވެސް ހަނދާން ކޮށް މަންމަ އާމެދު ފަރުވާ ކުޑަ ނުކުރާ ކަމުގައެވެ.

“ހުރިހާ ކުދިންވެސް ވަރަށް ހެޔޮ. އަހަރެން ނަށް އަރާމުގައި އުޅެވޭނެ ހުރިހާ މަގެއް މިހާރުވެސް އެދެންދަނީ ފަހި ކޮށްދެމުން. ”  މުޅި ގޭގައި ޓައިލްސް ޖަހާ ތަން ދައްކާލަމުން ބުންޏެވެ.

” ކޮންމެ ދަރިއަކުވެސް އަހާނެ މަންމަ ބޭނުންވަނީ ކޮން ކަމެއްހޭ. އެކަމެއް އަހަންނަށް ކޮށްދިނުމަކީ އެކުދިން އެންމެ އިސްކަން ދޭކަންތައް ކަމަށް ވެފާ އޮންނަނީ.”

އެހްނވިއްޔާ ކުޑައައިސަ އޭނާގެ ދަރިންގެ މުއްސަނދި ގެތަކުގެ ބަދަލުގައި އަމިއްލަ ރަށުގައި އިންނަނީ ކީއްވެގެން ހެއްޔެވެ؟

އެއީ އޭނާ ބޭނުންވާ ގޮތެވެ. އޭނާ ހިތްހަމަޖެހެނީ އޭނާގެ އަތްފައި ކޮށައިގެން ފިރިމީހާއާއެކު ދިރިއުޅުން ފެށި ގޭގައި ދިރިއުޅުން ނިންމާލާށެވެ. ފިރިމީހާގެ ހަނދާންތަކާ ރަށުގެ ވައިފެން ރަނގަޅު ފަސް ގަނޑު އެހުރިހާ އެއްޗަކަށް ވުރެން އޭނާގެ ކުރިމަތީގައި މާ އަގު ބޮޑެވެ.

ނަމަވެސް ދޭތެރެ ދޭތެރެއިން ދަރިންގެ އެދުމަށް އެދަރިންގެ ގާތުގައި ގޮސް މާލޭގައި އިނދެއެވެ. އޭނާ އިންނަނީ ސަލީމް ގާތުގައެވެ.

“ކޮންމެ ކުއްޖަކުވެސް ބޭނުންވޭ އެކުދިންގެ ގޭގައި އިންނަން. އެކަމަކު ބޭނުންވާ ހިމޭންކަމާ ރޭގަނޑުގެ ވަގުތު ތަކުގައި އަހަންނަކީ ނިދާ ވަގުތަށްވުރެ ހޭލާ އުޅޭ ވަގުތު ގިނަ މީހަކަށް ވާތީ މީހަކަށް އުނދަގޫ ނުވާ ކަހަލަ މާހައުލެއް އޮތީ ސަލީމް ގޭގައިކަމަށް ވާތީ އެގޭގައި އިންނަނީ. ”

ސަލީމް ގާތުގައި އިންނައިރު ސަލީމް ކާނީ މަންމަ އާއެކު އެއް ސުފުރާ ގައެވެ. ދުވަހަކުވެސް މަންމައާއެކު ނޫނީ ސަލީމް ނުކާނެ ކަމަށް ބުނަމުން ސަލީމްގެ އޯގާތެރިކަމާ މަންމަދެކެ ވާ ލޯބި ކިޔައި ދިނެވެ. ” ތައްޓަށް އަޅައިދީ މަސްކޮޅު ކަހަލަ އެއްޗެތި ކުދިކޮށް ތައްޓަށް އަޅައިދޭނީވެސް  އޭނާ . ”

އޭނާ ބުނީ ސަލީމު ނޫނަސް ދެން ތިބި ކުދިންވެސް މަންމަ ދެކެ ލޯބި ވުމުގައި ކުއްޖަކަށް ދޫކުރާނެ ކުއްޖަކު ނެތެވެ. އޯގާތެރިކަމާއި އަަޅާލުމުގެ އިންތިހާ އެވެ.

ކުޑައައިސަގެ ޝަކުވާ އެއްނެތެވެ. ﷲ ގެ ކިބަފުޅަށް ޝުކުރު އަދާކުރަމުން ބުނީ އޭނާއަކީ ދެން ހަމަ ކުޑަދުވަސް ކޮޅެއްގެ މަހްމާނެއްކަމުގައެވެ. އެކަމަކު މަރުވެގެން ދަމުންވެސް ދަރިންނަށް ކުރާ ވަސިއްޔަތަކީ  މަންމަ ދިން ތަރުބިއްޔަތުގެ މަތީގައި މަންމައެކޭ އެއްފަދައިން ދުނިޔޭގައި އުޅުމަށެވެ.

ދިރިއުޅުމުގެ ދަތުރު ނިމޭނީ ކޮން އިރަކުކަން ނޭގުނަސް އުމުރުން މިހާރު 80ގެ އަހަރުތައް ގުނަން ފަށާފައިވާ ކުޑައައިސަ ހުރީ ހުރީ އެކަމަށް ތައްޔާރުގައެވެ. ސިއްހަތުގައި މާބޮޑު މައްސަލައެއް ނެތި ރަނގަޅަށް ހިނގާބިނގާވެ އުޅެވުނަސް އޭނާ ގަބޫލު ކުރަނީ މިއީ ފަހުގެ ދުވަސްތައް ކަމުގައެވެ. އެހެންވީމާ މިހާރު ދުވަސްތައް ހޭދަކުރަމުން ގެންދަނީ އުޚުރަވީ ހަޔާތުގެ ދަތުރަށް ފޮށި ތަންމަތި ބަނުމުގައެވެ.

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top