
ހުޅުމާލޭގައި ޔޫތު މިނިސްޓްރީން އަޅާފައިވާ ފުޓްސަލް ދަނޑު. އޭދަފުށީ ފުޓްސަލް ދަނޑު އެޅުމަށް މިއަދުވަނީ ބަޔަކާ ހަވާލުކޮށްފައި / ފޮޓޯ: އިންޓަނެޓް
ސަރުކާރުން މިއަހަރު ތެރޭގައި ގާއިމްކުރުމަށް ނިންމާފައިވާ ސްޕޯޓްސް އެރީނާ ތަކުގެ ތެރެއިން އޭދަފުއްޓާއެކު 13 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް މިއަދު ހަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނިތަކާއިއެކު އެއްބަސްވުން ތަކުގައި ސޮއިކުރެއްވީ ކުޅިވަރާއި ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް އެވެ.
މި އެއްބަސްވުން ތަކުގެ ދަށުން ބ. އޭދަފުއްޓާއި އދ. މާމިގިލީގެ ފުޓްސަލް ދަނޑު އެޅުމަށް ހަވާލު ކުރީ ލޯން ސްޓާ ޓްރޭޑިންއާ އެވެ.
މީގެއިތުރުން ހއ. ކެލާ، ރ. އަލިފުށި، ކ. ކާށިދޫ، ހއ. އިހަވަންދޫ، ހއ. ހޯރަފުށީ، ލ.ގަމާއި ފުނަދޫ، ށ. ފުނަދޫއާއި މިލަންދޫ، ދ. ކުޑަހުވަދޫއާއި ގދ. ގައްދޫގެ ފުޓްސަލް ދަނޑު އެޅުމަށްވެސް ފަސްކުންފުންޏަކާ ހަވާލުކުރިއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުން ތަކުގެ ދަށުން މިއަހަރަށް އެޅުމަށް ހަމަޖެހިފައިވާ ހުރިހާ ފުޓްސަލް ދަނޑުތައް އެޅުމަށް ބަޔަކާއި ހަވާލުކޮށް ނިމުނީ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު މަލީހް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މިނިސްޓްރީގެ ވިސްނުމުގައި ހުރީ ފުޓްސަލް ދަނޑުތައް އެޅުމަށް ރާއްޖޭގެ ބައެއް ޕަބްލިކް ކުންފުނިތަކާއި ހަވާލުކުރުމަށްފަހު ކުދި އަދި މެދުފަންތީގެ ކޮންޓްރެކްޓަރުންނަށް ވެސް ފުރުސަތު ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ކަމަށެވެ.
ގާތްގަނޑަކަށް 90 ދުވަހާއި 50 ދުވަހާއި ދެމެދުގެ މުއްދަތެއްގައި މިއަދު ހަވާލުކުރެވުނު ފުޓްސަލް ދަނޑުތައް ނިންމުމަށް އެއްބަސްވުން ތަކުގައި ބުނެފައިވާއިރު، 13 ރަށުގައި ފުޓްސަލް ދަނޑު އެޅުމަށް 17 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.
މިމަޝްރޫއުގެ ދަށުން ބ. އަތޮޅު ތުޅާދޫގައި ފުޓްސަލް ދަނޑު އެޅުމަށްވެސް މިހާރުވަނީ ބަޔަކާ ހަވާލުކޮށްފައެވެ.