ރަން ހަނދާންތައް : އޭދަފުށީ އިދްރީސް އަލީ

DSCN2543-1.jpg

އޭދަފުށީ ފިނިވާގޭ އަލްމަރްހޫމް އިދްރީސް އަލީ (އިދްރީސްބޭ ) އަކީ އޭދަފުށި އުފެއްދި އަގުހުރި ބަތަލެކެވެ. ވަރުގަދަ ޝަޚްސިއްޔަތެކެވެ. ރަށުގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. މުދައްރިސެއްގެ ގޮތުންނާއި މުދައްބިރެއްގެ ގޮތުން މިނެއްނެތް އަދި ކޮޅެއްނެތްހާ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އުސްތާޒެކެވެ. އެންމެ ބޮޑަށް ފާހަގަ ކުުރެވެނީ އަޚްލާގު ރަނގަޅު ދީންވެރި ޒުވާން ޖީލެއް އުފެއްދެވުމަށް ކުރެއްވި ބުރަ މަސައްކަތެވެ. މިއަދު މި ފެންނަ އޭދަފުށީގެ އުމްރާނީ ކުރިއެރުމާ މީސްމީހުންގެ ވިސްނުމާއި ފިކުރަށް އައިސްފައިވާ ހެޔޮ ބަދަލުގެ ނަތީޖާއާމެދު އިންސާފު ކުރާނަމަ ދެންނެވޭނީ އެކަމުގައި އިދްރީސްބޭގެ ހިއްސާ ބޮޑު ކަމުގައެވެ. އެ ޚިދުމަތްތެރިޔާގެ ހަނދާންތައް ރަން ހަނދާންތަކެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް އަހަރެމެން މި އާކުރަނީ އެހެންވީމައެވެ.

އިޖްތިމާއީ ގޮތުން މުޅި ރަށް އެކަތި ގަނޑަކަށް ހަދައި އެއްބައިވަންތަ މުޖްތަމައެއް ގާއިމްކޮށް އިލްމީގޮތުން މީހުންގެ ބުއްދިއާއި ފިކުރު މުއްސަނދި ވުމަކީ ރަށް ރަށަކަށް ވުމުގެ މައިގަނޑު އަސާސް ކަމުގައިވާ ނަމަ އޭދަފުށީގެ ބިމުގައި އިދްރިސް ބޭގެ ވަހެއް ނުފިލާނެއެވެ. އިދްރިސްބޭގެ ނަމެއް ނުފޮހެވޭނެ އެވެ.  މަގާމާ މަކާނުގެ ހައިސިއްޔަތުން ބެލިޔަސް ގަދަރުވެރި މަގާމެއްގައި ހުރެ ރައްޔިތުން ގޮވައިގެން ބުރަ މަސައްކަތް ތަކެއް ކޮށްގެން އިމާރާތް ކޮށްފައިވާ ބިނާ ތަކާ ކޮށްފައިހުރި ބޮޑެތި މަސައްކަތްތައް ޒަމާނުގެ އަތުން މިއަދު ފޮހެވުނަސް އެނިޝާންތައް އަދިވެސް ފެންނަން އެބަހުއްޓެވެ. އެއީ މިސްކިތެއް ނުވަތަ ފާލަމެއް ނުވަތަ އިލްމީ ބިނާއެއް ކަމަށްވިޔަސް މިއަދު ފެންނަން އެހެރީ އިދްރިސްބޭ މެން އެޅުއްވި ބިންގަލުގެ މަތީގައެވެ.

އެހުރިހާ ކަމެއް ކޮންމެވެސް އެހެން ގަލަމަކުން ލިޔާން ދޫކޮށްލާފައި އަޅުގަނޑު ބޮޑަށް ބަލައިލާ ހިތް އޮތީ މުދައްރިސެއްގެ ގޮތުން އޭނާ އަދާކުރެއްވި ކާމިޔާބު ދައުރަށެވެ. ދަރިވަރުންގެ ތައުލީމުގެ އިތުރުން ތަރުބަވީ ތައުލީމަށް ފައްކާ ކުރުމަށް ކުރެއްވި މަސައްކަތަށެވެ. ހަމަ ވަރަށް ކުރުކޮށެވެ.

އަޅުގަނޑުމެން ހަނދާން ހުންނަން ފެށީއްސުރެ އިދްރީސް ބޭއަކީ މަދްރަސަތުލް ބަހިއްޔާގެ މުދައްރިސެކެވެ. ޚާއްސަވެފައިވަނީ ވަކި މާއްދާއަކަށް ނޫނެވެ. ކޮންމެ މާއްދާއަކަށް ވެސް ހެޔޮވަރެވެ. ބައެއް ފަހަރު ބަހިއްޔާ ހުންނަ މަގުން ހިނގާފައިދާ މީހުންނަށް އޭނާގެ ބާރު އަޑުން ދިވެހި އިމްލާ ކިޔައިދެއްވާ އަޑު އިވޭނެއެވެ. އަދި ބައެއް ފަހަރު ދުރޫސުލްއަޚްލާގުގެ ފިލާވަޅުތައް ނަގައިދެއްވާ އަޑުވެސް އިވޭނެއެވެ.

ޚާއްސަގޮތެއްގައި ފާހަގަ ކުރެވެނީ ކޮންމެ މާއްދާއެއް ކިޔަވައިދެއްވުމުގައިވެސް ނަސޭހަތުގެ ބަސްކޮޅަކާ ނުލާ ގަޑިއެއް ނިންމާނުލައްވާ ކަމެވެ.   .

އެ ގޮތުން އިދްރިސްބޭ ވަރަށް ގިނައިން ވިދާޅުވާނެއެވެ. “ދަރިންނޭވެ!. ދިރިއުޅުމަކީ ހަނގުރާމައެކެވެ. ކޮންމެ ކުއްޖަކުވެސް އެ ހަނގުރާމައާ ކުރިމަތި ލާން ޖެހޭނެއެވެ. އެހަނގުރާމައިން ފަތަހަ ހޯދޭނީ މިއަދު ތިޔަ ކުދިން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކުންނެވެ. ”

އަޅުގަނޑުމެން އޭރު އެވާހަކަތަކަށް ޖެހީ ޖޯކެވެ. ހެމުން ހެމުން ބުނަމުއެވެ.  އިދްރީސްބެ ބުނުއްވިޔަސް ދިރިއުޅުން ހަނގުރާމައަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅުމޭ ކިޔާފައި ހަނގުރާމަ ކުރީ ކާކު ހެއްޔެވެ؟އޭގެ ޖަވާބުގައި އިދްރީސް ބޭ ވިދާޅުވަނީ އަމިއްލަ ދިރިއުޅުމަށް ފެށުމުން އެކަން ތިޔަ ކުދިންނަށް އެނގޭނެއެވެ.

މިއަދު މިއޮތީ އިދްރީސްބޭ ވިދާޅުވި ދުވަސް އައިސްފައެވެ. ދިރިއުޅުމަކީ ހަނގުރާމައެއްކަމުގެ ތެދު ކަމާއެވެ. އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ވެސް އާ ވައްތަރެއްގެ ހަނގުރާމައަކާ ކުރިމަތިލާން ޖެހޭ ދުވަހެއް ނޫންހެއްޔެވެ؟ ފިކުރީ ހަނގުރާމައާއި ދަރިންގެ ތަރުބިއްޔަތާ ގައުމުގެ މިއަދުގެ ހާލަތާއިމެދު އަމިއްލަ ނަފްސާ ކުރެވެމުންދާ ހަނގުރާމައެވެ. މައިން ބަފައިންގެ ހައްގު ތަކާ މެދު ކުރެވޭ ހަނގުރާމައެެވެ. ގަބޫލު ކުރެވޭ ހެއްޔެވެ؟ ދިރިއުޅުމަކީ ކަނޑިއާއި ބަޑި އަދި ހަތިޔާރު ތަކެއް ނެތި ކުރެވޭ މައުނަވީ ހަނގުރާމައެއް ނޫން ހެއްޔެވެ.

އަދިވެސް އޭނާ ވަރަށް ގިނައިން ވިދާޅުވާ ވާހަކަ އެއް އޮވެއެވެ. “ބުނާ މީހާއަށް ނުބަލާށެވެ. ބުނާ އެއްޗަކަށް ބަލާށެވެ.” އަދި “އުޅޭށެވެ. އުޅުނަ ދޭށެވެ. ” މި ފަދަ ހަރުބަހާ މުސްކުޅި ބަސްތަކުން ނަސޭހަތް ދެއްވައި ދިވެހި ބަސް ކޮށާރު މުއްސަނދި ކޮށްދެއްވި އެދުރުބޭގެ ހަނދާންތައް މިއަދުވެސް އާ ކުރެވެމުން ދަނީ ކާމިޔާބު ދިރިއުޅުމަކަށް ބޭނުންވާނެ އަގުހުރި ފިލާވަޅު ތަކެއްގެ ގޮތުގައެވެ. މިބަސްތައް މިއަދު ވެފައިވަނީ ދިރިއުޅުމަށް ރަނގަޅު މަގު ދައްކައިދޭ އާރުކާޓީ އަކަށެވެ. .

އަޅުގަނޑުމެންނަށް އިދްރިސްބޭ ދަސްވެފައިވަނީ އޯގާތެރި މުދައްރިސެއްގެ ގޮތުގައެވެ. ބައެއް ފަހަރު ހަރުކަށި ވިޔަސް ސަމާސާ މިޒާޖެއްގެ ވެރިއެއްގެ ގޮތުގައެވެ. އެހެން މީހުންނާ ތަފާތު މީހެއްގެ ގޮތުގައެވެ.  އޭނާ ބަހިއްޔާގައި ކިޔަވައި ދެއްވަމުން ގެންދެވީ ލިބޭ އާމްދަނީއަށް ވުރެ ބޮޑަށް ކުރިންވެސް ދެންނެވިހެން އަޚްލާގު ރަނގަޅު ޖީލެއް ބިނާކުރައްވާށެވެ. އިދްރީސްބޭގެ މުޅި ހަޔާތް ހޭދަކުރެއްވީ ބަހިއްޔާގެ ހިޔާވަހިކަމުގެ ތެރޭގައި ތައުލީމީ ރޮނގުންނާއި ތަރުބަވީ ތައުލީމު ދިނުމުގައެވެ. އެއީ އޭނާގެ ގެ ކަމަށް ބައްލަވައިގެންނެވެ. އެތަނުގެ ކޮންމެ ދަރިވަރަކީ ދަރިއެއްކަމަށް ބައްލަވައިގެންނެވެ. ކިޔެވުމަށް ދަށް ކުދިން އަމިއްލަ ގެއަށް ގެންދަވައިގެން ގޭގައި ގެންގުޅުއްވައިގެން އެކުދިންނަށް ކިޔަވައިދިނުމާއެކު އަޚްލާގު ރަނގަޅު ކުދިންތަކަކަށް އެކުދިން ހެއްދެވިއެވެ.

ކުދިން ތަރުބިއްޔަތު ކުރުމުގައި އޭނާ ގެންގުޅުއްވި ސިޔާސަތަށް ބެލެނި ވެރިންގެ ފަރާތުން ފާޑު ކިއުންތައް ކުރިމަތި ކުރުވިއެވެ. ފިލާވަޅު ދަސްނުކޮށްގެން ބައެއް ފަހަރު އަދަބު ދިނުމަކީ އޭނާ ކުރެއްވި ކަމަކަށް ވާތީ ވަގުތީ ރުޅިވެރިކަމެއް ބައެއް ބެލެނިވެރިންގެ ފަރާތުން ފެނުނެވެ. ނަމަވެސް ބަހިއްޔާއިން ދަރިވަރުވި މިއަދުގެ ބައްޕައިންނާއި ކާފައިންނަކީ ދަރިން ތަރުބިއްޔާތުކުރުމުގައި ފާހަގަ ކުރެވޭ ކާމިޔާބީ ތަކެއް ހޯދާފައިވާ މައިން ބަފައިން ކަމުގެ ޝަރަފް ލިބިފައިވަނީ އިދްރިސްބޭ މި ގޮތުން ތައްޔާރު ކުރި ޖީލުގެ ފުރިހަމަކަމުންނެވެ. އަދަބު ދޭން ޖެހިއްޖެ ހާލަތެއްގައި އަދަބުވެސް ދީގެން ކަމަށްވާތީއެވެ. 60 އާއި 70ގެ އަހަރުތަކުގައި ބަހިއްޔާއިން ދަރިވަރުވި ކުދިންނަށް ވިސްނާލުމުން އަޅުގަނޑުމި ދެންނެވި ބަހުގެ ތެދުކަން ހާމަވާނެއެވެ.

މުރާލިކަމާ ވަގުތަށް ހުރުމަތްތެރިކޮށް ހިތުމާ ތާހިރު ކަމާއެކު ދަރިވަރުން އަބަދުވެސްތިބުމަށް  ބާރު އެޅުއްވުމުގެ ގޮތުން ނަމާދަށް ދާކުދިންނަށް ތާކިހާ ފަހައިދިނުމާ ގަމީހާއި މުންޑު ފަދަތަކެތި ނުލިބޭ ކުދިންނަށް އެއެހީތެރިކަންވެސް އިދްރީސް ބޭ ފޯރު ކޮށްދީފައިވެއެވެ. އޭނާއަކީ ފެހުމުގެ ރޮނގުގައިވެސް މޮޅު ފަންނާނަކަށް ވާތީ ދަރިވަރުންގެ ގަމީހާއި މުންޑު ފަދަ ތަކެތި ގިނަ ފަހަރު ފަހާ ދީފައިވަނީވެސް އަގަކާ ނުލައެވެ.

ހަމަ މިގޮތަށް މަދަރުސާގެ ޑެސްކުތަކާ ގޮޑިތައް މަރާމާތު ކުރުމާ އެހެނިހެން ދާއިރާތަކުގައިވެސް އެހީތެރިކަން ބޭނުންވާ ހާލަތެއް އަތުވެއްޖެނަމަ އަމިއްލަ އަށް އެފަދަ ތަންތަން ފެނި އެކަން ކުރައްވާނެއެވެ.

 

ކިޔެވުމުގެ މާނައަކީ ހަމައެކަނި މަދަރުސާއިން ދަސްކުރާ އެއްޗެއް ނޫންކަން ދެއްކުމުގެ ގޮތުން އެކުދިން ނަށް ލައިފް ސްކިލް އެއީ ނުރަސްމީ މާއްދާއެއްގެ ގޮތުގައި ހަމަ ޖެއްސެވިއެވެ. އެގޮތުން ކަނޑު ފަޅުގެ އޮޔާއި ވައި ހިނގާ ގޮތް ދަސްކޮށްދެއްވުމުގެ ގޮތުން ދޯނި ފަހަރުގައި ކަނޑަށް ގެންދަވައި އެތަޖްރިބާވެސް ދަސްކޮށްދެއްވިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަށް ހިތް ޖެއްސުމުގެ ގޮތުން އަމަލީ ގޮތުން ދަރިވަރުން ލައްވައި އެ ދާއިރާތަކަށް ނެރެދެއްވިއެވެ. ހަމައެގޮތަށް ދީންވެރި އަޅުވެރި ދަރިންތަކަކަށް ހެދުމަށް ދަރިވަރުން ސަފު ހަދައިގެން ނަމާދަށް ގެންދިއުމާ ސާފު ތާހިރު ކަމަކީ އީމާންކަމުގެ ތެރެއިން ވާކަމެކޭ އޮންނަ ހަދީސް ފުޅު ހަނދާން ކޮށްދެއްވައި ނަލަކަމާ ތާހިރު ކަންމަތީގައި އުޅުމަށް ބާރު އަޅުއްވައި އަބަދުވެސް ތުނި ކޮށް ބޯކޮށާފައި ބެހެއްޓުމަށް އަންގަވައެވެ. ދަރިވަރުންގެ ސާފުތާހިރުކަމަށް ސަމާލުކަން ދެއްވި ވަރަކީ ދަރިވަރުން ހެނދުނު ސްކޫލަށް އަންނަނީ ފެންވަރައިގެންތޯ އާއި ނިޔަފަތި ތަކަށް ދާންދެންވެސް ބައްލަވާނެއެވެ. މި ގޮތުން ބައްލަވާއިރު އިދްރީސްބޭގެ އަތުން މުއްކަވާފައި ފިރިހެންކުދިންގެ ބޮލުގެ އިސްތަށިގަނޑުގައި ހިފިއްޖެނަމަ އިސްތަށިގަނޑު ހުންނަންވީ މިންގަނޑަށް ވުރެ ދިގު ވީއެވެ. އެފަދަ ވަގުތުގައި އެދަރިވަރަކު ޖެހޭނީ ވަގުތުން ބޯކޮށާށެވެ. ބޯކޮށައި ދެއްވާނީ އިދްރިސް ބޭއެވެ. ހަމައެއާއެކު ގަމީހުގެ ގޮށެއް ކަނޑައިގެން ގޮސް ފައިވާނަމަ އެ ގޮށް ހަރުކޮށްދޭނީވެސް އޭނާއެވެ.

އިދްރީސް ބޭ އަކީ އޭދަފުށީގެ ވެރިކަމުގެ ދާއިރާގައިވެސް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާގެ މުދިންކަމުގައި ވަރަށް އެހެންކަހަލަ ކަމަކާވެސް ދިމާވިއެވެ.

80ގެ އަހަރު ތަކުގެ ކުރީކޮޅު ރައީސް މައުމޫން އޭދަފުއްޓަށް ވަޑައިގެން މެންދުރު ނަމާދު ޖަމާއަތުގައި ކުރެއްވުމަށް ވަޑައިގަތީ ބޮޑު މިސްކިތަށެވެ. އޭނާއަކީ މުދިން ކަމުން އިމާމްވެ ނަމާދު ކުރައްވަނީ އޭނާ އެވެ. ރައީސް މައުމޫން ވަޑައިގެން ހުންނެވުމާއެކު އޭނާ އަށް އެކަމުން ކޮންމެވެސްކަހަލަ ކަންބޮޑުވުމެއް ނުވަތަ ހިތް ނުތަނަވަސްވުމެއް މެދުވެރިވީތާއެވެ. ބަންގި ގޮވައި ސުންނަތް ކޮށް ނިމުގެން ގަމަތް ދޭން ފަށާފައި ކުއްލިއަކަށް ބަންގީގެ ރާގަށް ގަމަތް ބަދަލުވީއެވެ. ޤަދްޤާމަތިއްޞަލާތު ނުކިއުނީއެވެ.

ނަމާދު ކޮށް ނިމިގެން އަޅުގަނޑު އިދްރީސްބެއާ ބައްދަލު ކުރަން ދިޔައީ އެވާހަކަ ދައްކާލުމަށެވެ. ފިނިވާގެއަށް ވަދެ ބަލައިލި އިރު އިދްރިސްބޭ އޮންނެވީ މެންދުރުގެ ގަދަ ހޫނުގައި އޮށޯވެ ރަޖައެއް ލައްވައިގެންނެވެ. ކައިރިވެފައި ގޮވާލުމުން ރަޖާތެރެއިން ބޯ ދިއްކޮށްލާފައި ކުއްލިއަކަށް ވިދާޅުވިއެވެ. ” އަހަންނަށް އެކަންޏެއް ނޫން ކުށް ކުރެވެނީ. މުގުރީންނަށް ގާރީންނަށް ވެސް ގުރުއާނުން ކުށްކިޔޭ ”  އިދްރީސް ބޭގެ މި ބަސް ތައް ބޭރުވިއިރު އެއަޑުގައި ހުރި ކަންބޮޑުވުމާ ދެރަވުން ފާހަގަ ކުރެވުނެވެ. އިދްރީސް ބޭ ދެރަވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވި ނަމާދުގެ ޖަމާއަތުގައި ކުށެއް ކިއިގެން ވަޒީފާއަށް ގޮތެއްވެ ކުށްވެރި ވެދާނެތީއެވެ.

ތިކަން ރައީސް އަށް މާބޮޑަށްވެސް އެގިވަޑައިގަންނަވާނެއޭ އެއްވެސް ކަމެއް ނުވާނެއޭ ބުނުމުން ތެދުވެ އިށީންނެވިއެވެ.

އެޚިދުމަތްތެރި އަގުހުރި މުދައްރިސް އަޅުގަނޑުމެންނާ ވަކިވެ ދިޔަތާ 33 އަހަރުވީއެވެ. އެހެންނަމަވެސް އޭނާގެ ހަނދާންތަކަށް ނިމުމެއް ނެތެވެ. އެ ރަންހަނދާންތައް އޭދަފުށި ދެމި އޮތްހާ ހިނދަކު އާކުރާނެއެވެ. އުސްތާޒް އިދްރިސް ބޭގެ ހަޔާތަކީ މިއަދުގެ ދަރިން މުތާލިއާ ކުރަންޖެހޭ ފިލާވަޅެކެވެ. އޭނާގެ ޚިދުމަތްތައް އޭނާގެ ކޮންމެ ދަރިވަރަކު ޝުކުރުވެރިކަމާއެކު ބައލައިގަންނާނީ އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top