ތުއްތުދަރިފުޅު ކުދިންނާ ތޮޅޭނަމަ އެކަން ހުއްޓުވާނީ ކިހިނެއް؟

child_fight.jpg

ކުޑަކުދިން، ޚާއްޞަކޮށް ޢުމުރުން 1 އަހަރާ 4 އަހަރާ ދެމެދުގެ ކުދިންނަށް އެ ކުދިންގެ ހިތުގައި އުފެދޭ އިޙުޞާސްތަކާއި ޝުޢޫރުތައް ފާޅުކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހެއެވެ. އޭގެ ސަބަބުން ރުއިމާއި، ތަކެތި އުކުމާއި، އެހެން ކުދިންނާ ތޮޅުންފަދަ ކަންތައްތައް އިސްކުރެއެވެ. ތުއްތު ކުދިން އެހެން ކުދިންނާ ތޮޅޭނަމަ އެކަން ހުއްޓުވުމަށްޓަކައި ކެތްތެރިކަން ވަރަށްބޮޑަށް ބޭނުންވެއެވެ. ތޮޅުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމާއި އެހެން ކުދިންނާ ނުތޮޅެ ދަރިފުޅުގެ ޝުޢޫރުތައް ފާޅުކުރަން ދަސްކޮށްދޭން ޖެހެއެވެ.

– ދަރިފުޅު އެހެން ކުއްޖަކާ ތޮޅޭނަމަ އޭނާގެ އަތް ހިފަހައްޓާށެވެ. ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އެހެން ކުދިންނާ ތޮޅުމަކީ ރަނގަޅުކަމެއް ނޫން ކަމުގެ އިޙުސާސް މި ކަމުގެ ސަބަބުން އުފެދޭނެ އެވެ.

– ތޮޅުމަކީ ރަނގަޅުކަމެއް ނޫންކަމާއި، އެކަމަކު ދަރިފުޅު ހިތްހަމަ ނުޖެހިފައި ހުރިކަން އެނގޭކަން ހާމަ ކުރާށެވެ. މިސާލަކަށް މިހެން ބުނެވިދާނެއެވެ. ” ކުދިންނާ ތޮޅޭކަށް ނުވާނެ. ބައްޕަ/މަންމައަށް އެނގޭ ދަރިފުޅު ހިތްހަމަ ނުޖެހިފައި ހުރިކަން. އެކަމަކު އެހެން ކުދިންނާ ތޮޅުމުން އެކުދިންނަށް ތަދުވާނެއެއްނު ދޯ؟ ” ދަރިފުޅު އެ ކުރީ ރަނގަޅު ކަމެއް ނޫންކަމާއި ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ނުކުރަންވީ ކީއްވެކަމާއި، އޭނާގެ އިޙުސާސްތައް އެނގޭކަން މި ބަސްތަކުން ދަރިފުޅަށް އަނގައިދެވެއެވެ. ތޮޅުމަކީ ހިތުގައި އުފެދޭ ޝުޢޫރުތައް ބޭރުކޮށްލުމަށް ނުކުޅެދުމުން ކުރާކަމަކަށް ވީހިނދު ކުއްޖާގެ ހިތުގައި އުފެދޭ އުދާސްތަކަށް މިފަދަ ބަސްތަކެއްގެ ސަބަބުން ލުޔެއް ލިބޭނެއެވެ.

– ޞުލްޙަވެރިކަމާއެކު އެހެނަސް ސީރިއަސްކޮށް ދަރިފުޅާ ވާހަކަދައްކާށެވެ. ވާހަކަދައްކާ ރާގުން، ތިބާ ތިޔަ ހުރީ އެކަމާ ކަންބޮޑުވެފައިކަން ދަރިފުޅަށް ދައްކާށެވެ. ކަންބޮޑުވުން ފާޅު ނުކުރާނަމަ ދަރިފުޅަށް އެކަމުން މާބޮޑު އަސަރެއް ނުކުރާނެ އެވެ. ދަރިފުޅަށް އަޑުލައި ނަހަދާށެވެ. އެހެންހެދުމުން އެ ދަސްކޮށްދެވެނީ ޚިޔާލު ފާޅު ކުރުމުގެ ގޯސް ގޮތެކެވެ.

– ދަރިފުޅު ހަމަޖެހެންދެން އެހެން ތަނަކަށް ގެންދާށެވެ. މި ކަމުން އޭނާއަށް އެނގޭނީ އެހެން ކުދިންނާ ތޮޅޭނަމަ އެ ކުދިންނާއެކުގައި ނުކުޅެވޭނެ ކަމެވެ. ދުރުގައި ބައިންދައިގެން އޭނާ ހަމައަކަށް އަޅުވައި، ހިނގައި ދިޔަ ކަންތަކާމެދު ވިސްނައިލުމަށް ފުރުޞަތެއް ދޭށެވެ.

– ދަރިފުޅު އެކަހެރި ކުރުމަށްފަހު ތިބާ ވެސް ތިބާގެ މަސައްކަތަށް އެނބުރިދާށެވެ. ހިނދުކޮޅެއް ފަހުން ދަރިފުޅު ގާތަށް ގޮސް އޭނާއާ ވާހަކަދައްކާށެވެ. އަދި އެހެންކުދިންނާ ބައިވެރިވާން ބޭނުންތޯ ސުވާލުކުރާށެވެ. ގިނަ ފަހަރަށް އޭނާ އެ ކަމަށް އެއްބަސް ވާނެއެވެ. އެކަމަކު މިޒާޖު ވަރަށްބޮޑަށް ތަފާތު ކުދިން އެއްބަސްނުވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ދަނޑިވަޅެއްގައި ތިބާ ކުރިން ކުރަންހުރި މަސައްކަތަށް އެނބުރި ދާށެވެ. އަދި ހިނދުކޮޅެއް ފަހުން އަނެއްކާ ވެސް އެ ސުވާލު ތަކުރާރުކުރާށެވެ.

– މައްސަލަ ހައްލުވެ ދަރިފުޅު ހަމައަކަށް އެޅުމުން ކުރެވުނު ކަންތަކަށް މާފަށް އެދުމަށް ދަރިފުޅު ގާތު ބުނާށެވެ. ތޮޅެވުނު ކުއްޖާގެ ކިބައިން މާފަށް އެދި އޭނާއާއި ސަލާމްކޮށްލަން ބުނާށެވެ.

– އެހެންކުދިންނާ ގުޅިގެން ކުޅެން އުޅޭނެ ގޮތް ދަރިފުޅަށް ދައްކާށެވެ. ކުޅޭ އެއްޗެއްގެ މައްސަލައިގައި ތޮޅޭނަމަ ދެކުދިން އެ އެއްޗެއް ހިއްޞާ ކުރާނެގޮތް ބުނެދޭންވާނެ އެވެ. މިކަމުގެ ބޭނުމަކީ ދަރިފުޅު ކަންތައްކުރަންވީ ގޮތް ބުނެދީ އެ ގޮތަށް އޭނާ އަމަލު ކުރުވުމެވެ.

– ތޮޅޭނަމަ އެކަން ހުއްޓުވާންވާނެ އެވެ. މި ކަމުގެ ސަބަބުން އެހެން ކުދިންނަށް ހިމާޔަތް ދެވުމުގެ އިތުރަށް އެ ކަމަކީ ޤަބޫލު ކުރެވޭ އަދި ތަރުހީބުދެވޭކަމެއް ނޫންކަން ދަރިފުޅަށް އަންގައިދެވެއެވެ.

މައުލޫމާތު ފަންވަތް ޑޮޓް އިންފޯ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top