ޝައިޚް މަޖީދުގެ ދަރެސް : މުސްލިމަކާމެދު ނިކަމެތިކޮށް ހިތުމަކީ ޙަރާމް ކަމެއް

Jumhooree-Maidan-Ex-pats-bangladeshis-1200x545_c.jpg

ރަސޫލުބޭކަލުންނަކީ އިންސާނުނަށް ތެދުމަގު ދެއްކެވުމަށް މާތްﷲ ފޮނުއްވި ބޭކަލުންނެވެ. އެއްބަޔަކު ރަސޫލުންނަށް އީމާންވެ ސީދާވެގެންވާ މަގު އިޚްތިޔާރުކޮށް މުއުމިނުންގެ ގޮތުގައި އުޅެމުންދާއިރު، އަނެއްބަޔަކު އުޅެމުންދަނީ ޝައިޠާނާއަށް ހެއްލި ކާފިރުންގެގޮތުގައެވެ. ނުވަތަ މުސްލިމުންގެ ނަމުގައި ހަވާނަފުސަށް ތަބާވާ ބައެއްގެ ގޮތުގައެވެ. ހުރިހާ ތަޢައްޞަބަކުން އެއްކިބާވެ، އިންސާނުންކަމަށްވާތީ އެކަކުއަނެކަކަށް އިޙްތިރާމު ކުރަންޖެހެއެވެ. އަދި ޚާއްޞަކޮށް މުސްލިމުން އެކަކު އަނެކަކަށް އަޚްވަންތަކަމުގެ ގުޅުން ދެމެހެއްޓުމަށް އިސްލާމްދީ ވަރަށްބޮޑަށް ބާރުއަޅައެވެ.  

މުސްލިމުންނަކީ، އެއްބަނޑުއެއްބަފާ ބައެއްގެގޮތުގައި މާތްﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލައްﷲޢަލަކައިހިވަސައްލަމަ ވަނީ، ސިފަކުރައްވާފައެވެ. ޙުޖުރާތުސޫރަތުގެ 10 ވަނަ އާޔަތުގައިވަނީ އެކަމަށް އިޝާރާތްކުރައްވާފައެވެ. އެއާޔަތުގެ މާނައިގައިވަނީ “މުއުމިނުންވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ.”

މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ ބަސްފުޅެއްގެ މާނައިގައިވަނީ، “އެއްމުސްލިމަކީ، އަނެއްމުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއްނުވާހުއްޓެވެ. އަދި އޭނާ އޭނާގެ އަޚާއަށް އެހީތެރިނުވެ ދޫކޮށެއްނުލާހުއްޓެވެ. އަދި އޭނާ އޭނާގެ އަޚާ ނިކަމެތިކޮށެއްނުލާހުއްޓެވެ.”

އިސްވެދިޔަ ބަސްފުޅުތަކުން  ދޭހަވަނީ، މުސްލިމުންނަކީ އެއްބަނޑުއެއްބަފާ ބައެއްކަމެވެ. އެކަކުއަނެކަކަށް އިޙްތިރާމު އަދާކުރަންޖެހޭ ބައެއްކަމެވެ. އެކަކަށްދިމާވާ ދަތި އުނދަގޫތަކަށް އަނެކަކު ޙައްލު ހޯދައިދިނުމަށް އެހީތެރިވެދޭންޖެހޭ ބައެއްކަމެވެ.

އެއްމުސްލިމަކު އަނެއްމުސްލިމަކު ނިކަމެތިކޮށްލުމުގެގޮތުން އިސްލާމީ ބައެއް މުޖުތަމަޢުތަކުގައި، ފުރައްސާރަކޮށް ހެދުމަކީ، މިއަދު ވަރަށް ޢާންމުކަމެކެވެ. ކަނޑައެޅިގެން ފާފައެއްކަން އެނގިހުރެ، ﷲ އައްސަވާވޮޑިގެންވާކަމާއި ބައްލަވާވޮޑިގެންވާކަން ހިތުގެ އަޑީން ތެދުކޮށް ޤަބޫލުކުރަމޭ ބުނެ، މުސްލިމެއްގެ ނަމުގައި ހުރެ، އެއްވެސް ލަދުވެތިކަމެއްނެތި ހިތުހުރި ވަގުތެއްގައި އަދި ހިތުހުރިތަނެއްގައި  އަމިއްލަ ނަފުސުގެ ޢިއްޒަތަށްވެސް ބެލުމެއްނެތި، މުސްލިމުއަޚާގެ އަބުރަށް އަރައިގަންނަމުންދާކަމީ، އެފަދަ މީހުން ﷲގެ ޢަޛާބަށް ބިރުވެތިނުވާކަމުގެ ވަރަށް އަލިގަދަ ހެއްކެކެވެ.

ތިބާއަކީ، މުސްލިމެއްކަމުގައިވާނަމަ ސޫރަތުލްހުމަޒާގެ ފުރަތަމަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ވަޢީދުގެ ބަސްފުޅުގެ މާނައާމެދު ފުންކޮށް ވިސްނާ ފިކުރުކޮށްބަލާށެވެ! އެ އާޔަތުގެ މާނައިގައި ވަނީ “ޣީބަ ބުނެ ފުރައްސާރަކޮށް ވައްތަރުޖައްސާ ކޮންމެމީހަކަށް ގެއްލުމާއި ހަލާކު ހުއްޓެވެ.”

އެބޭކަލަކަށް މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ ކީރިތިރަސޫލާގެ ބަސްފުޅެއްގެ މާނައިގައިވަނީ “އެމީހެއްގެ މުސްލިމު އަޚާއަށް އިހާނެތިކޮށް ހިތުމަކީ، މީހަކަށްކުރެވޭ ނުބައިކަމެއްކަމުގައި ފުދޭ ކަމެކެވެ.(އެބަހީ : ނުބައިކަމެކެވެ.)”

ތިބާގެ މުސްލިމުއަޚާއަށް މެދުވެރިވާ ދަތި އުދަގޫތަކުގެ މައްޗަށް އުފާ ފާޅުކޮށް އޭނާ ނިކަމެތިކޮށްލާހެދުމަކީ، މުސްލިމެއްގެގޮތުގައިހުރެ ކުރުން ހެޔޮވާވަރުގެ ކަމެއްނޫނެވެ. އެއީ އެކަން އަނބުރާ އައިސް ތިބާއަށް ޖެހިދާނެކަމުގެ ބިރަށްޓަކައެވެ. އެކަން މަނާކުރައްވައި ކީރިތިރަސޫލާޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ  “ތިބާގެ އަޚާއަށް މެދުވެރިވާ ދަތި އުނދަގޫކަމެއްގެ މައްޗަށް ތިބާ އުފާ ނުކުރާހުށިކަމެވެ. (އެއީ) ﷲ އޭނާއަށް ރަޙުމަތްލައްވައި (އެބަހީ: އޭނާ އެ އުނދަގުލުން ސަލާމަތްކުރައްވައި) އެކަމުގައި އެކަލާނގެ ތިބާ ހައްޔަރުކުރައްވައިފާނެ ކަމެކެވެ.” އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، ތިބާގެ މުސްލިމުއަޚާއަށް ދިމާވާ ދެރަގޮތްތަކާމެދު ތިބާއުފާކުރުމަކީ ޚުދު ތިބާއަށް މުޞީބާތެއް ޖެހިދާނެކަމެއްކަމެވެ.  

ކާމިޔާބު މީހަކަށް ވާން އެދޭނަމަ، މިފަދަ ބަސްފުޅުތަކާމެދު ފުންކޮށް ވިސްނާ ފިކުރު ހިންގުމަށްފަހު، އަމިއްލަނަފުސަށް އިޙުތިރާމުކުރާފަދައިން އަނެކުންނަށް އިޙުތިރާމުކުރުމަކީ، ބުއްދިވެރިގޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top