ގާނޫނު އަސާސީގައި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުތައް އެއް މިނަކުން މިނެދީފައިވާއިރު އަތޮޅު ތަކުން ކަރަންޓަށް ބޮޑު އަގެއް ނަގަމުން އައި ނެގުން ހުއްޓުމަކަށް އައިސް ތަފާތު ކުރުމެއް ނެތި އެއް ހަމައަކުން އެންމެނަށް އަގު ނަގަން ފެށުމާއެކު ކަރަންޓް ބިލަށް ބޮޑު ލުޔެއް މިހާރު މިވަނީ ލިބިފައެވެ.
ކުރިންވެސް އިއުލާނު ކޮށްފައިވާ ގޮތަށް މި މާޗްމަހުގެ ކަރަންޓް ބިލް އައީ އަހަރު ތަކެއް ވަންދެން ކަރަންޓަށް ބޮޑު އަގެއް ދެއްކުމަށް ފަހުއެވެ.
ކަރަންޓް ބިލް ކުޑަވުމާއެކު ރައްޔިތުން އެކަމާ އުފާ ކުރަމުން ދާއިރު ރައްޔިތުންގެ އިހްސާސް ތައް ހުރީ ކިހިނެއްހެއްޔެވެ. ”އީވީ” އިން އޭދަފުށީގެ ބައެއް މީހުންނާ އެވާހަކަ ދައްކާލީމެވެ.
“ކުރިއަށް އޮތް 9 މަސްދުވަހު ކަރަންޓް ބިލްވެސް ހެޔޮވެގެން ދާނެ. އޭގެ ފަހުން އަނެއްކާވެސް ބޮޑުވެދާނެ ކަމަށް ގަބޫލު ކުރެވެނީ .” އެމްޑީޕީއަށް ނިސްބަތް ވާ އަހްމަދު ނާސީރު ވިދާޅުވިއެެވެ.
ނާސިރު ވިދާޅުވީ މިއިީ އެއްގޮތަކަށްވެސް ރައީސް ޔާމީން ހެޔޮފުޅު ވެގެން ކުރި ކަމެއް ނޫންކަމަށާއި މި ބަދަލަކީ ވާދަވެރި ސިޔާސީ ޕާޓީތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމުގައެވެ.
އޭދަފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާއެއްގެ އިސް ބޭފުޅަކު ވިދާޅުވީ ކަރަންޓް ބިލް ކުޑަވުމަކީ ދިރިއުޅުމުގެ އެހެނިހެން ޒަރޫރަތް ތެރި ކަންކަމަށް ޚަރަދުކުރާނެ ފައިސާ އިތުރު ވާނެ ކަމެއް ކަމުގައެވެ. މާނަ އަކީ ކިތަންމެ ކުޑަކޮށް ނަމަވެސް ދިރިއުޅުމަށް މިކަމުގެ ރަނގަޅު އަސަރު ކުރާނެއެވެ.
“ކަރަންޓްބިލް ކުޑަވެގެން ދިއުމަކީ ރައްޔިތުންނަށް ލިބުނު އުފަލެއް. ހިތްހަމަ ޖެހުމެއް. އެހެންނަމަވެސް އެއީ ރައީސް ޔާމީން ހެޔޮފުޅުވެގެން ކުރެއްވި ކަމެއް ކަމަށް ގަބޫލެއް ނުކުރަން .މިއީ އެތައް ބަޔަކު ޚާއްސަކޮށް އަތޮޅު ތެރޭގައި ދިރިއުޅޭ މީހުންގެ ހާލު ވަރަށް ރަނގަޅަށް އެނގިވަޑައިގެން ތިއްބެވި ބައެއް އެމްޕީ އިންނާއި ރާއްޖެތެރެއަށް ނިސްބަތްވާ ބާރު ހުރި ބައެއް ކުރި މަސައްކަތުގެ ނަތީޖާ. ” އޭދަފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާއެއްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
އެހެންނަމަވެސް އޭދަފުށީގެ މެޖޯރިޓީ އޮތް ޕީޕީއެމްގެ ސަޕޯޓަރަކު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި މިސާލު ދައްކައިފި ކަމުގައެވެ.
“ކުލައަކަށް ބެލުމެއް ނެތި ތަރައްގީ އެންމެންނަށް ހަމަހަމަވާގޮތަށް އިންސާފުން ކޮށްދެމުން ދާތަން އެބަ ފެނޭ. ރައީސް ޔާމީންގެ ސިޔާސަތަށް އަތް ޖަހަން ޖެހޭ ސަބަބަކީ މިއީ . ވަށައިގެން ފެންނަނީ ރައްޔިތުންނާ ގުޅުން ހުރި ބައިވަރު ކަންކަމުގައި ތަރައްގީގެ ދުވެލި މެކުހަށް ޖަހާފައިވާ ތަން. . ކުރިއަށް އޮތް ތަނުގައިވެސް މި ކަހަލަ އެތައް ކަމެއްގެ ސަބަބުން ރައްޔިތުންނަށް ހިނިތުން ކުރުވުން ގެނެސް ދޭނަކަން ޔަގީން . ” ނަން ނުޖެހުމަށް އެދިވިދާޅުވިއެވެ.
ޔަގީންވާ ކަމަކީ ކަރަންޓްބިލް ކުޑަވުމަކީ އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށް ފަހު ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިން ކަމެއްކަމުގައެވެ. މާދަމާ އެހެން ބަދަލެއްއައި ނަމަވެސް މިއަދުގެ ހަގީގަތަކީ އެއީ އެވެ.