ސިއްހީ ހިދްމަތުގެ ރަންޔޫބީލް ފަންޑް ފޮށި ހުޅުވުމުގެ ކުރިން 15000ރ ލިބިއްޖެ

hfgmj.jpg

ރަންޔޫބީލް ފާހަގަކުރުމަށް ބ. އަތޮޅު ހޮސްޕިޓަލުން މިއަދު ބެހެއްޓި ފަންޑު ފޮށި އޭދަފުށި ކައުންސިލްގެ ރައީސް ތޮލާލް ހުޅުއްވައިދެއްވަނީ / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. އަތޮޅުގެ ސިއްހީ ހިދްމަތުގެ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ފަންޑް ރައިސްކުރުމަށްޓަކައި ފަންޑް ފޮށި ބެހެއްޓުމުގެ ކުރިން ފަނަރަހާހަށްވުރެ ގިނަ ރުފިޔާ ލިބިއްޖެކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ފަންޑް ރައިސްކުރުމަށްޓަކައި ފަންޑް ފޮށި ބެހެއްޓުމަށް މިއަދު ހެނދުނު ބ. އަތޮޅު ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި މިކަން ހާމަކުރެއްވީ އެހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދެވެ. ވަހީދު ވިދާޅުވީ ރަންޔޫބީލްގެ މުނާސަބާ ފާހަގަކުރުމަށް ފަނަރަހާސް ރުފިޔާ ލިބުނީ އެހޮސްޕިޓަލްގެ މުވައްޒަފުން މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޖަންބަލް ސޭލް އަދި ފުޑްފެއާއިން ކަމަށެވެ. އޭނާ ވިދާޅުވީ މި ފަންޑަށް ބ. އަތޮޅުގެ އާންމު ފަރުދުންނާއި، ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާކަމަށެވެ.

“އަޅުގަނޑުމެން މުވައްޒަފުން މިހާތަނަށް ވަރަށް މަސައްކަތް ކޮށްފި އަދިވެސް މިދަނީ ކުރަމުން. އަޅުގަނޑު އެދެނީ މިއަދު ހުޅުވޭ ފަންޑް ފޮއްޓަށް ތިޔައިން ކޮންމެ ބޭފުޅަކުވެސް ކޮންމެވެސް އެހީއެއް ދެއްވުން. އަޅުގަނޑުމެން މިހާރު މިދަނީ ވިޔަފާރިވެރިންނާއި، އެހެނިހެން އެހީދޭ ފަރާތްތަކާވެސް ވާހަކަދެއްކުމަށް ތައްޔާރުވަމުން” ބ. އަތޮޅުގެ ސިއްހީ ހިދްމަތުގެ ފަންސާސް އަހަރުގެ ތެރެއިން ތިރީސް އަހަރަށްވުރެ ގިނަދުވަހު ހިދްމަތުގައި ދެމިހުރި ވަހީދު ވިދާޅުވިއެވެ.

އޭދަފުށީގެ ސަރުކާރު އޮފީސްތަކުގެ އިސްވެރިންނަށް ދައުވަތު ދެއްވައިގެން މިއަދު ބޭއްވި  ރަސްމިއްޔާތުގައި ފަންޑް ފޮށި ހުޅުއްވައިދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާނެވެ. އަދި ރަސްމިއްޔާތުގައި ބައިވެރިވި ގިނަ ބަޔަކު ފަންޑު ފޮއްޓަށް ފައިސާގެ އެހީ ވަނީ ވެފައެވެ.

ބ. އަތޮޅުގެ ސިއްހީ ހިދްމަތަށް ފަންސާސް އަހަރު ފުރޭނީ އަންނަ މާރޗް 1 ވަނަ ދުވަހުއެވެ. އަތޮޅު ހޮސްޕިޓަލުން ބުނީ ބ. އަތޮޅުގެ ސިއްހީ ހިދްމަތަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން އެހޮސްޕިޓަލް ގޯތިތެރެއާއި، އިމާރާތްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާކަމަށެވެ. އަދި ދުވަހާ ގުޅިގެން ބޭއްވޭ އެކިއެކި ހަރަކާތްތައް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިޔަަށް ގެނދިއުމަށް ވިސްނާފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top