ބ. ކެންދޫގައި އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަށައިފި

fddf.jpg

ކެންދޫ އާއިންޖީނުގެ އެޅުމަށް ބިންސާފުކުރުމުގެ މަސައްކަތް އިއްޔެ ކުރިޔަށްދަނީ. މިމަސައްކަތް ނިންމުމަށް ދީފައިވަނީ 260 ދުވަހުގެ މުއްދަތު / ފޮޓޯ: އޭދަފުށީ ވޮއިސް

ފެނަކަ ކޯޕަރެޝަނުން ބ. ކެންދޫގައި އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ވިލް ނޫ ދިރުން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން މިދިޔަ ހަފްތާ ފެށި މިމަސައްކަތުގެ ދަށުން މިހާރު ކުރެވެމުންދަނީ އިންޖީނުގެ އަޅާ ބިން ސާފުކުރުމުގެ މަސައްކަތްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. ފެނަކައިން ބުނީ 260 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ވިލް ނޫ ދިރުން ޕްރައިވެޓް ލިމިޓެޑްއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 3 މިލިޔަން ރުފިޔާގެ އަގަކަށްކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކެންދޫގައި ފެށުމާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސްވަނީ ފެނަކައަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަދައްކަވާފައެވެ. ކައުންސިލްގެ ރައީސް އަހްމަދު ސަލީމް އީވީއަށް ވިދާޅުވީ މިއީ ކެންދޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާ، އާއިންޖީނުގޭގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެކަމަށެވެ.

“ވަރަށް އުފާވެރި ދުވަހެއް މިއަދަކީވެސް. ހާއްސަކޮށް އާންމު ރައްޔިތުންނަށް ވަރަށް ދަތި މައްސަލައެއް ބާއިންޖީނުގެ އާންމުގޭގެއާ ކައިރި ސަރަހައްދެއްގައި ހުރިހުރުމަކީ، ވާރޭފެން ނުނެގޭ އެސަރަހައްދުގެ ގޭގެއިން ހަގީގަތުގައި ކާބަންގެ އަސަރު ބޮޑުކަމުން. އެހެންނަމަވެސް އާއިންޖީނުގެއާއެކު އެމައްސަލަވެސް ހައްލުވީ. އަނެއްކޮޅުން މިހާރުގެ އިންޖީނުގެއަކީ މިޒަމާނަށް އެކަށިގެންވާތަނެއްވެސްނޫން. އެހެންވީމާ އާއިންޖީނުގެއެއް މިވަގުތަށް ވަރަށް ބޭނުން. އަޅުގަނޑު ދަންނަވާނީ ފެނަކަ ކޯޕަރޭޝަނުން ކެންދޫ ރައްޔިތުންނަށް މިކޮށްދެއްވާ ކަންތައް ވަރަށް ބޮޑަށް ބަލައިގަންނަމޭ” ޕީޕީއެމްގެ ކައުންސިލަރު ވިދާޅުވިއެވެ.

ފެނަކައިން ބުނީ އާއިންޖީނުގެ އަޅަމުންދަނީ މިހާރު އެރަށުގައި ހުރި އިންޖީނުގޭގެ ހުޅަނގުން އޮތް ދިހަހާސް އަކަފޫޓްގެ ބިމެއްގައި ކަމަށެވެ. އަދި އާއިންޖީނުގެއާއެކު، އިންޖީނުރޫމަކާއި، އޮފީސްބައި އަދި ވޯކްޝޮޕަކާއި، ފިއުލް ސްޓޯރޭޖެއް ގާއިމްކުރެވިގެންދާނޭކަމަށްވެސް ފެނަކައިން ބުންޏެވެ.

ފެނަކަ ކޯޕަރެޝަނުން ވަނީ މިދިޔަ އަހަރު ބ. ފެހެންދޫގައިވެސް އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. އަދި އެމަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ. އޭގެއިތުރުން 2016 ވަނަ އަހަރު ދަރަވަންދޫގައި އަޅަންފެށި އިންޖީނުގެވެސް ގާތްގަނޑަކަށް މުޅިން ނިމިފައިވާކަމަށް ފެނަކައިން ބުންޏެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ބ. އަތޮޅުގެ އިތުރު ދެތިންރަށެއްގެ އިންޖީނުގެ ރީލޮކޭޓްކުރުމަށް މަސައްކަތް ކުރެވެމުން އަންނަކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top