މިދުވަސްވަރު ހުންރޯގާ އިތުރު، ނުރައްކަލެއް އަދިނެތް – ބ. އަތޮޅު ހޮސްޕިޓަލް

12924442_608288149325164_3212473624742169101_n-800x450-800x450.jpg

ހުމުގެ ރޯގާ އިތުރުވުމާ ގުޅިގެން މިދިޔަ އަހަރު ބ. އަތޮޅު ހޮސްޕިޓަލުން އޭދަފުއްޓަށް ސްޕްރޭ ކުރަނީ. މިދުވަސްވަރު ހުންރޯގާ އިތުރުކަމަށް އަތޮޅު ހޮސްޕިޓަލުން ބުނޭ / ފައިލް ފޮޓޯ

ހުމުގެ ރޯގާގެ ކޭސްތައް މިދުވަސްވަރު އޭދަފުށީގައި އިތުރުކަމަށާ، އެހެންނަމަވެސް ސީރިއަސް މައްސަލައެއް އަދި ނެތްކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ހުމުގެ ރޯގާގެ ކޭސްތައް ފެންނަމުންދަނީ ކުޑަކުދިންގެ ފަރާތުންކަމަށެވެ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދު ވިދާޅުވީ ހުމުގެ ރޯގާ ނުވަތަ ވައިރަލް ފީވާގެ އަލާމާތްތަކުގެ ގޮތުގައި ހޮޑުލުމާއި، އަވަސްއަވަހަށް ބޮޑުކަމުދިއުން އިތުރުކަން ފާހަގަކުރެވޭކަމަށާ، ބައެއްފަހަރު ކުދިން އެޑްމިޓްކޮށްގެންވެސް ފަރުވާދެމުން އަންނަކަމަށެވެ.

“އާންމުގޮތެއްގައި މިދުވަސްވަރު އިތުރު ވައިރަލް ފީވާގެ ކޭސްތައް. އެހެންނަމަވެސް މާބޮޑު ނުރައްކަލެއް ނެތް. އާންމުކޮށް މިފެންނަނީ ހޮޑުލުމާއި، އަވަސް އަވަހަށް ބޮޑުކަމުދިއުން ގިނަވެގެން. ދެން ބައެއް ކުދިން އެޑްމިޓްކޮށްގެންވެސް ފަރުވާދޭންޖެހޭ އެބަ.” ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިރޯގާގައި މިހާތަނަށް މަދުންނަމަވެސް ޑެންގީ ހުމުގެ ކޭސްތައް ފެންނަމުން އަންނަކަމަށެވެ. އެހެންނަމަވެސް އާންމު އުސޫލަކުން ބަލާއިރު ޑެންގީ ފެންނަ މިންވަރު ވަކި އިތުރު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

“ހުމުގެ ރޯގާއާ ވިދިގެން ޑެންގީ ކޭސްތައް މަދުމަދުން ފެނުމަކީ އާންމުކަމެއް. އެހެންނަމަވެސް ފެންނަ ވަރު އިތުރެއްނޫން. އަދި ސީރިއަސްވެފައެއްވެސް ނެތް. ހޮސްޕިޓަލުން ފަރުވާދީގެން ބަލި ރަނގަޅުކުރެވޭ އެބަ”

ވަހީދު ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ޑެންގީ ހުމުގެ ނުރައްކާ އިތުރުވުމަކީ އާންމުކޮށް މިދުވަސްވަރު ކޮންމެ އަހަރަކުވެސް ދިމާވާ ކަމެއްކަމަށާ، އެކަމަށް ދުރާލާ އާންމުން ތައްޔާރުވާންޖެހޭ ކަމަށެވެ. އަދި ގޭގޭގައި ހުރި މަދިރިއާލާވާފަދަ ތަންތައް ނައްތާލައި، މަދިރިން ރައްކާތެރިވުމަށް އަތޮޅު ހޮސްޕިޓަލުން އިލްތިމާސް ކުރާ ކަމަށެވެ.

ހުމުގެ ރޯގާއާއި، ޑެންގީހުން އިތުރުވަމުން އަންނާތީ، މިދިޔަ ހަފްތާ ބ. ތުޅާދޫ ސިއްހީ މަރުކަޒާއި، ބ. އަތޮޅު ހޮސްޕިޓަލް ގުޅިިގެން ތުޅާދޫގައި ވަނީ މަދިރިއަށް ސްޕްރޭ ކޮށްފައެވެ. ވަހީދު ވިދާޅުވީ މިވަގުތު އަތޮޅުގެ އެހެންރަށްރަށުގެ އާންމު ހާލަތު އެކަށީގެންވާ ގޮތެއްގައި ރަނގަޅުކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top