ހުރިހާ ރަށެއްގައި ބޭސް ފިހާރަ އެޅުމުގެ މަސައްކަތް ކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފި

medium_34383.jpg

ހުރިހާ ރަށެއްގައި ބޭސް ފިހާރަ އެޅުމަށް ހެލްތު މިނިސްޓްރީއާ އެކު އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހެލްތު މިިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ހެލްތު މިިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދެވެ.

ވިހި މިލިޔަން ރުފިޔާގެ މަޝްރޫއުގެ ދަށުން 18 މަަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސް ފިހާރަތައް އަޅާ ނިންމާނެ އެވެ.

އެ ރަސްމިއްޔާތުގައި ހުސެއިން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ބޭހުގެ ހިދުމަތް ދިނުމަށް ފެށި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މެދު ނުކެނޑި ބޭހާއި ހޮސްޕިޓަލަށް ބޭނުންވާ ސިއްހީ ބައެއް ސާމާނު ލިބިގެންދާނެ ކަމަށެވެ.

“މިހާރު ވެސް އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެއް ޝަކުވާ އަކީ ބޭނުންވާ ބޭސް ފަސޭހައިން ނުލިބުން. އެހެންވެ، މި މަޝްރޫއު ނިމުމުން މިކަމަށް ހައްލެއް އަންނާނެ،” ހުސެން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ހުރިހާ ބޭސް ފިހާރައަކުން ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށާއި އެ ހުރިހާ ފިހާރަތަކެއްގައި ވެސް ހިދުމަތް ދޭން ތިބޭނީ ދިވެހި ފާމަސިސްޓުން ކަމަށެވެ.

ފާމަސިސްޓުން ހޯދުމަށް އެސްޓީއޯ އިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ފާމަސިސްޓުން ނުތިބޭ ރަށްރަށުގައި އެކަމަށް ޝައުގުވެރިވާ ކުދިންނަށް އެސްޓީއޯގެ ހަރަދުގައި ތައުލީމްދީ، ތަމްރީނު ކުރުވާނެ އެވެ.

” ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ފާމަސިސްޓުންނާއި އެހެން މުވައްޒަފުންނަށް ވެސް އަޅުގަނޑުމެން ހޯދާނީ ހަމަ ދިވެހިން،” އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުދި ރަށްރަށުގައި މި ހިދުމަތް ފޯރުކޮށްދިނުމުގައި މާލީ ގޮތުން ކުންފުންޏަށް ގެއްލުންތައް ކުރިމަތިވާނެ ކަމަށާއި އެކަމަކު ބޮޑެތި ރަށްރަށުގައި ފައިދާ ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top