ޝައިޚް މަޖީދުގެ ދަރެސް: ޖާހިލުންގެ ކިބައިން ބަދަލު ނުހިފުމުގެ މާތްކަން

forgiveness-of-your-brother.jpg

މާތްﷲ އިންސާނާ ބިމުގައި ލެއްވީ އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ. ބުއްދި ސަލާމަތުންހުރި ކޮންމެ މުސްލިމަށްވެސް މިކަން ހަމަ ރަނގަޅަށް އެނގޭނެއެވެ. މާތްﷲ އިންސާނާއަށް ބުއްދި ދެއްވައި އެހެން މަޚްލޫޤުންގެ މައްޗަށް، އިންސާނާ މާތްކުރެއްވިއެވެ. އަދި އިންސާނާ ދާންވީ ސީދާ މަގު (ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށް ޢަމަލުކުރާނޭގޮތް) އެންގެވިއެވެ. އަދި ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް ދެއްވިއެވެ.  

އާޚިރަތްދުވަހަށް އީމާންވާކަމުގައިވާނަމަ، އެއިން ކޮންމެމީހަކީ، އޭނާއަށް މާތްﷲ ދެއްވި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ މީހެކެވެ. ބަރާބަރަށް ޙައްޤުތަކާއި ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނާނެމީހެކެވެ. އަނެކުންނަށް ކަމޭހިތައި އޯގާތެރިވާނެ މީހެކެވެ. ރުޅިއަންނަހިނދު ނަފުސު މަތަކޮށް އަނެކުންގެ ކިބައިން ބަދަލު ނުހިފާނެމީހެކެވެ. ޚާއްޞަކޮށް ޖާހިލުންގެ ކިބައިން ބަދަލު ނުހިފާނެ މީހެކެވެ.

ތަންދޮރު ނުދަންނަ ޖާހިލުންގެ ފުށުން މެދުވެރިވާ އުނދަގޫތަކަށް ކެތްތެރިވެ ބަދަލު ނުހިފުމާއި، އެއުރެންނަށް މާފުކުރުމަކީ، މާތް މީހުންގެ ސިފައެކެވެ. މާތްﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ “ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެވަޑައިގަންނަވާށެވެ!” (ސޫރަތުލްއަޢުރާފި199)

މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޢަބްދުﷲބްނުމަސްޢޫދުގެ ކިބައިން ރިވާވެގެންވާ ބަސްފުޅެއްގެ މާނައިގައިވަނީ “އެކަލޭގެފާނު ވިދާޅުވިއެވެ. އެންމެ ބޭކަލުންނަށް ޞަލަވާތާއި ސަލާމްލެއްވި ﷲގެ ނަބިއްޔުންކުރެ، ނަބީބޭކަލެއްގެވާހަކަ، ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ވިދާޅުވެދެއްވި މަންޒަރު ތިމަންނާ މިހާރުވެސް ދެކޭފަދައެވެ. އެކަލޭގެފާނުގެ ޤަޥްމުގެ މީހުން، އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅައި، ހަށިކޮޅުން ލޭފޮދު އޮހޮރުވައިލިއެވެ. އަދި އެކަލޭގެފާނުގެ މޫނުފުޅުން އޮހޮރެމުން ދިޔަ ލޭފޮދު، އެކަލޭގެފަނުގެ އަތްޕުޅުން ފޮއްސަވަމުން ވިދާޅުވަމުން ގެންދެވިއެވެ. އަޅުގެވެރިރަސްކަލާކޯއެވެ! އަޅާގެ ޤަޥްމުގެ މީހުންނަށް އިބަރަސްކަލާނގެ ޢަފޫކޮށްދެއްވާނދޭވެ! އެބައިމީހުންނަށް ހަމަ ކަށަވަރުން ނޭނގެނީއެވެ.” (ރިވާކުރެއްވީ، އަލްއިމާމުލްބުޚާރީއާއި،އިމާމު މުސްލިމް)

އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ،  ކީރިތި މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމައަށް އަނިޔާކޮށް ލޭފޮދު އޮހޮރުވާލި، ޖާހިލު ބަޔަކާމެދު ކީރިތި މާތް ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ ޢަފޫކުރެއްވި ޢަފޫކުރެއްވުމަކީ، އަޅުގަނޑުމެން އެކަމުން ޢިބުރަތް ލިބިގަނެ، ޖާހިލުންގެ ފަރާތުން ލިބޭ އުނދަގުލާއި ދުއްތުރާތަކަށް ކެތްތެރިވެ ޢަފޫކުރުމުގެ މުހިންމުކަމެވެ. ތަންދޮރު ނުދަންނަ ޖާހިލުންގެ ކިބައިން ބަދަލު ނުހިފުމުގެ މާތަކްމާއި މަތިވެރިކަމެވެ. އެފަދަ ޖާހިލުންނަށް ހެޔޮވިސްނުންދެއްވުމަށް އެދި މާތްﷲށް ދުޢާކުރުމުގެ މުހިންމުކަމެވެ. ޖެއްސުންކުރުމުގެގޮތުން ޖާހިލުން ބުނާބަސްތަކަށް ރައްދު ނުދީ އެބައިމީހުންކުރާ ގޯނާތަކަށް ކެތްތެރިވުމުގެ މުހިންމުކަމެވެ.

އަޅުގަނޑުމެން މުސްލިމުންނަކީ ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާށީ އާމީން.

އެޑިޓަރުގެ ނޯޓް: “ޝައިޚް މަޖީދުގެ ދަރެސް” އަކީ ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭދަފުށީ ވޮއިސްގެ ފަރާތުން ގެނެސްދޭ ސިލްސިލާއެކެވެ. މި ސަފްހާ ގައި ލިއުއްވަމުންގެންދަވާނީ ޝައިޚް މަޖީދުއެވެ. 

އޭދަފުށީ ފިނިހިޔާގޭ ޢަބްދުލް މަޖީދު މުހައްމަދު އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރ ސިޓީއިން ޤުރުއާން ތަފްސީރުގެ ރޮނގުން ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އަމިއްލަފުޅުރަށުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކީރިތި ޤުރުއާންގެ އިމްލު އުނގަންނައި ދެއްވުމަށްމަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ވަޒީފާއަދާކުރައްވަމުން ގެންދަވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އީވީ ގެ ދީނީ ސަފްހާ މުއްސަނދި ކޮށްދެއްވުމަށް ޝައިޚްގެ ދަރުމަވެތި މި އެހީތެރިކަމަށް ޝުކުރުވެރިވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top