ދަނާލުން ޖާގަދޭއިރު ފެހެންދޫމީހުންނަށް އިސްކަންދޭން އަންގައިފި

އޭދަފުށީ ދަނާލު އިމާރާތް. ދަނާލުން ފެހެންދޫމީހުންނަށް ޖާގަދިނުމުގައި އިސްކަންދޭންވަނީ އަންގާފައި. / ފޮޓޯ: އިންޓަނެޓް

އޭދަފުށީ ދަނާލު އިމާރާތް. ދަނާލުން ފެހެންދޫމީހުންނަށް ޖާގަދިނުމުގައި އިސްކަންދޭންވަނީ އަންގާފައި. / ފޮޓޯ: އިންޓަނެޓް

ތައުލީމް ހާސިލްކުރުމަށް އޭދަފުއްޓަށް އަންނަ ފަރާތްތައް، އާއިލާއާއެކު ދިރިއުޅެވޭގޮތަށް އޭދަފުށީގައި ހަދާފައިވާ ރެސިޑެންޝަލް ލާނިންގް ސެންޓަރު (ދަނާލު) އިން ޖާގަދޭއިރު ބ. އަތޮޅު ފެހެންދޫ ރައްޔިތުންނަށް އިސްކަންދިނުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ފެހެންދޫ މީހުންނަށް އިސްކަންދޭން އެޑިއުކޭޝަނުން އެންގީ މިއަހަރު ކަމަށާ، މިވަގުތުވެސް އެތަނުގައި ފެހެންދޫގެ 4 އާއިލާއެއް އުޅެމުން އަންނަކަމަށެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމަދު އަލީ ވިދާޅުވީ ފެހެންދޫ ރައްޔިތުންނަށް އިސްކަންދޭންޖެހޭ މައިގަނޑު ސަބަބަކީ އެރަށުގައި މިވަގުތު ތައުލީމްދޭ އެއްވެސް ތަނެއް ނެތުމާ، އެރަށަކީ އާބާދީކުޑަވެ، ގިނަބަޔަކު ރަށުންބޭރުގައި ދިރިއުޅޭ ރަށެއްކަމަށްވުން ހިމެނޭކަމަށެވެ.

“އެރަށުގައި ތައުލީމުދޭތަނެއްނެތް. ސިއްހީ ހިދްމަތެއްނެތް. ދެން ބަޔަކު އުޅޭ ރަށެއް. ސަރުކާރުން ބައްލަވާނެ ދެއްތޯ އެފަދަ ރަށްރަށަށް. އެހެންވީމާ، އެޑިއުކޭޝަނުން އެންގި އެންގުމަކާ ގުޅިގެން އެކަމަށް ސަމާލުކަންދީގެން މިތިބެނީ. ހަމަހުސްވާއިރަށް ދޭނަން އެރަށު ބަޔަކަށް” އަހްމަދު އަލީ ވިދާޅުވިއެވެ.

ވޯލްޑްބޭންކާ، ޔޫއެންޑީޕީގެ އެހީގައި އިމާރާތްކޮށް 2010 ވަނައަހަރު ހިދްމަތްދޭންފެށި އޭދަފުށީ ދަނާލުގައި 20 އެޕާޓްމެންޓް ހުރެއެވެ. އެއީ 4 ކޮޓަރީގެ 4 އެޕާޓްމެންޓާއި، 3 ކޮޓަރީގެ 16 އެޕާޓްމެންޓެވެ. މަހުކުލި ދައްކާގޮތަށް ދޫކުރާ މިއެޕާޓްމެންޓްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުން މިވަގުތު ދިރިއުޅެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top