ބޭސްވެރިކަމުގެ ރޮނގުންނާއި ފޫޅުމައެއްގެ ރޮނގުން ސަރުކާރުން ދެއްވާ ހިތްވަރުދިނުމުގެ އިނާމް ހާސިލްކުރެއްވި ބ. އޭދަފުށީ ގުލްބަކާގޭ މަރުހޫމާ ހަސީނާ މުހައްމަދުގެ ހަނދާނުގައި ތައުބީންގެ ޖަލްސާއެއް ބާއްވަން އޭދަފުށީ ފޭލި ޖަމްއިއްޔާއިން ނިންމައިފިއެވެ.
ނޭވާލުމުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ހަސީނައްތަ، ބ.އަތޮޅު ހޮސްޕިޓަލުގެ ލަފާގެ މަތިން މާލޭގެ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނިކޮށް ނިޔާވީ މިމަހުގެ 19 ވަނަދުވަހުއެވެ.
ހަސީނައްތައަކީ ބޭސްވެރިކަމުގެ ރޮނގުންނާއި ފޫޅުމައެއްގެ ގޮތުން ފަސްދޮޅަހަށް ވުރެ ގިނަ އަހަރު އޭދަފުއްޓަށާއި ބ.އަތޮޅަށް ވަރަށް ގިނަ ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާ މަޝްހޫރުވެފައިވަނީ އިތުބާރު ދިވެހި ބޭސްވެރިއެއްގެ ގޮތުންނާއި މޮޅު ފޫޅުމައެއްގެ ގޮތުންނެވެ. ފޫޅުމައިކަން އޭދަފުށިން ނެތިހިނގައިދާނެ ބިރަށް ޓަކައި އެކަމަނާ ވަނީ އޭދަފުށީގެ 19 ކުދިން ތަމްރީނު ކޮށްދެއްވާފައެވެ.
ފޭލި ޖަމްއިއްޔާގެ ހިންގާކޮމެޓީގެ މެމްބަރ އަލީ އިމާދު ވިދާޅުވީ މިފަދަ ޖަލްސާއެއް އެޖަމްއިއްޔާއިން ބޭއްވުމަށް ނިންމީ ހަސީނާ މުހައްމަދަކީ އޭދަފުށި ދެކެފައިވާ ވަރަށް އަގުހުރި ދަރިއެއްކަމަށްވެފައި، އޭނާގެ ހިދްމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންކަމަށެވެ.
އޭނާ ވިދާޅުވީ އަންނަ ބުރާސްފަތިދުވަހުގެރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޖަލްސާގައި ހަސީނާ މުހައްމަދުގެ އާއިލާގެ ގިނަ މެމްބަރުންތަކަކާއި، ރަށުގެ ކަމުވޮށިގެންވާ ގިނަ ބަޔަކު ބައިވެރިވާނޭކަމަށެވެ. އަދި އާންމުންނަށް މިޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނޭކަމަށެވެ.
އޭދަފުށީގައި ތައުބީންގެ ޖަލްސާއެއް އެންމެފަހުން ބޭއްވީ ކުރީގެ އަތޮޅުވެރިޔާ އިސްމާއީލް ކަލޭފާނު ނިޔާވުމާ ގުޅިގެންނެވެ. މީގެ ފަނަރަވަރަކަށް އަހަރުކުރިން ބޭއްވި އެޖަލްސާއަކީވެސް ފޭލި ޖަމްއިއްޔާއިން އިސްނަގައިގެން ބޭއްވި ޖަލްސާއެކެވެ.