ބ. ކުޑަރިކިލުގައި މީގެ 99 އަހަރުކުރިން ގޮވި ބޮމުގެ ހާދިސާގައި މަރުވިމީހުންގެ ހަނދާން އާކުރުމުގެ ގޮތުން ބޮންގޮވި ސަރަހައްދުގައި ހަނދާނީ މަގްބަރާއެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ކުޑަރިކިލު ކައުންސިލުން ބުނެފިއެވެ.
މީލާދީން 1918 ވަނަ އަހަރު އޭޕްރީލް 2 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފޭބި ވަގުތު ކުޑަރިކިލުގައި “ބޮމެއް” ގޮވިކަން ތާރީހީ ލިޔުންތަކުން އެނގެން އެބައޮތެވެ. މިހާދިސާގައި ރަށުގެ ފުރާ ދުއްވާ އުޅަނދު ފަހަރު ހަލާކުވެ 7 މީހުން ވަނީ މަރުވެފައެވެ.
ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާނު އައްބާސް ވިދާޅުވީ ބޮންގޮވި ސަރަހައްދުގައި މަގްބަރާއެއް ހަދަން ކައުންސިލުން ނިންމީ އެސަރަހައްދަކީ ކުޑަރިކިލުގެ ތާރީހްގައި އެންމެ ހިތާމަވެރި ހާދިސާ ހިނގި ސަރަހައްދަށްވެފައި، އަންނަން އޮތް ޖީލުތަކަށް މިކަމާބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެވެސް މަގްސަދުގައި ކަމަށެވެ. ބ. އެޓޯލް ކޮންޒަވޭޝަން ފަންޑުން 160000ރ ލިބިގެން ކުރިޔަށްގެންދާ މިޕްރޮޖެކްޓްގެ ސަބަބުން ފަތުރުވެރިންގެ ސަމާލުކަންވެސް ކުޑަރިކިލަށް އަމާޒުވާނޭކަމަށް ހަންނާނު ވިދާޅުވިއެވެ.
“ކައުންސިލްއިން ނިންމީ އެތަނުގައި ބިނާއެއް ހަދައި، މަރުވި ހަތްމީހުންގެ މަގްބަރާއެއް ހަދަން. އޭގެ އިތުރުން އެހާދިސާއާބެހޭ މައުލޫމާތު އެތަނުގައި ފެންނަން ހުންނާނެ. އަނެއްކޮޅުން ބަލާއިރު ފަތުރުވެރިންވެސް ޝައުގުވެރިވާނެ ކަމެއްކަންނޭގެ މިއީ.”
ހަންނާނު ވިދާޅުވީ މަގްބަރާ ހެދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށް އެބަދާކަމަށާ، ބަޖެޓްގެ ދަތިކަމެއް ނެތި ކުރިޔަށްދާނަމަ އަންނަ އަހަރުގެ މެއި ޖޫން ހިސާބުގައި މަގްބަރާ އާންމުކޮށް ހުޅުވާލެވޭ ވަރުވާނޭކަމަށެވެ.
1918 ވަނައަހަރު ކުޑަރިކިލުގައި މިގޮވިބޮމަކީ ބުނެވޭގޮތަކީ މި އަތޮޅު ފުނަދޫން މަހަށް ނިކުތް ދޯންޏަކުން ހޮވި ބޮމެކެވެ. މި ބޮން ކުޑަރިކިލަށް އެރުވީ އޭރު ވާރުކަން ކުރަނީ ދަރަވަންދޫގައި ކަމަށްވަތީ އުނޑޫދޫ ، ފުނަދޫ އަކީ އިރުވައިގައި އޮއިދަށުގައިވާ ރަށްރަށްކަމަށްވެފައި އެރަށް ހިންގަންތިބީ ކުޑަރިކިލުގެ މީހުންގެ ކަމުން އިރުވައިގައި ދަރަވަންދޫއަށް ގެންދިއުމުގެ ފަސޭހައަކަށް ކަމަށްވެއެވެ.
ބޮންގޮވީ ކުޑަރިކިލު ދެކުނުފަރާތު ދެފަސް ބެދުނު ހިސާބުގައެވެ. މި ބޮންގޮވި ތަނުގައި ދިހަވަރަކަށް ފޫޓްގެ ވަޅުގަނޑެއް ހެދިފައިވާ ކަމަށާއި ބޮމުގެ ދިގުމިނަކީ ފަސްފޫޓް ވަރުކަމަށް ވެއެވެ. މިބޮން އޮތީ ރަންކުލައިގެ ކެވެލި ފަށަކާއެކު ވަށްކޮށް ދިގުކޮށް ތުނބެއްލާފައި ކަމަށް މި ހާދިސާ ހިނގި ޒަމާންދުށް އޭރުގެ މީހުން ބުނެފައިވެއެވެ.






