އޭދަފުއްޓަށް ބަދަލުވީކަން އެއީ ނަސީބެއް: ހުސޭން

DSCN9604.jpg

ހުސޭނާއި ދަލޭކަ - އާބާދީ ކުދި ރަށްރަށުގައި ދިރިއުޅުމަކީ ކުރިމަގެއް އޮތް ކަމެއް ނޫންކަމަށް ދެމީހުންވެސް ބުނޭ. - ފޮޓޯ :އީވީ

ކޮންމެ ބަދަލަކާ އެކުވެސް ފޮރުވިފައިވާ ރަނގަޅު ކަންތައްތަކެއް ވާނެއެވެ. އެކަން އެނގޭނީ ވިސްނާ ބަޔަކަށެވެ. މީގެ 49 އަހަރު ކުރިން އޭދަފުށްޓަށް ބަދަލު ކުރި މާއްޑޫ، ފުނަދޫ، އުޑޫދޫ މީހުންގެ ތެރެއިން އޭދަފުށްޓަށް ބަދަލު ކުރުމުގެ ވާހަކަ އަޑު އިވުނީއްސުރެ އެކަމާ ހިތާމަ ކުރާބަޔަކާ އުފާކުރި ބަޔަކު އުޅުނެވެ. ހިތާމަ ކުރީ އުޅެބޮޑުވި ލޭފެން ހިނގާ ރަށާ ވަކިވާން ޖެހުނީތީއެވެ. އެއީ މިކަމާމެދު ތަންކޮޅެއް ހަނިނަޒަރަކުން ބެލި މީހުންނެވެ.

އެކަމަކު މިބަދަލަކީ ރަނގަޅު ބަދަލެއްގެ ގޮތުގައި ބެލިމީހުން އުފާކުރީ ކުދި ރަށްރަށުގެ މީހުންނަށް އޮތް ހަމައެކަނި ގޮތަކީ އާބާދީ ބޮޑެތި ރަށްތަކަށް ހިޖުރަކުރުން ކަމަށްވާތީ އެފުރުސަތު ލިބުމުންނެވެ. ބ. ފުނަދޫއަށް އުފަން އޭދަފުށީ ރޯޒްމީޑް ހުސައިންގެ ދެމަފިރިން ވިސްނުން ހުރީ މިއީ ރަނގަޅު ބަދަލެއްގެ ގޮތުގައެވެ.

ހުސޭންގެ އުމުރުން އޭރު 27 އަހަރެވެ. އޭނާއަކީ ފުނަދޫގެ ވަރަށް ޚާއްސަ މީހެކެވެ. ރައްޔިތުންގެ ތެރޭގައި ނަގާކިޔާ ޒުވާނެއްގެ އިތުރުން ވެރިކަމުގެ ދާއިރާގައިވެސް ބަސްވިކޭ ޒުވާނެކެވެ. އޭނާއާ ވަކިނުވެ އަބަދުވެސް އޭރު އޮންނާނީ ކޮނޑުގާ އަޅުވާލާފައި އޮންނަ ވޯކީޓޯކީއެވެ. އެއް ރަށުން އަނެއްރަށަށް މުވާސަލާތީ ގޮތުން ގުޅުމަށް ގެންގުޅޭ މިވަސީލަތް ހުސޭނުގެ ކޮނޑުގައި އަޅުވާލައިގެން އޭނާގެ ދުވަސް ހޭދަކުރަމުން ދިޔައީ އޮފީހުގެއެހެނިހެން މަސައްކަތްވެސް ކުރަމުން ރައްޔިތުންނާ އެންމެ ގާތުގައެވެ.

“ވެރިއަކަށް ހުންނަނީ ކުޑަރިކިލު އަލި މަނިކު. އޭނާ އުޅެނީ އެތަން މިތަނުގަ. އެހެންވީމާ މިސްކިތުގެ މުދިންކަމާއި ވެރިކަމުގެ ފަރާތުން ކުރަންޖެހޭ ކަންކަމުގައި އޮފީސް ހިންގަން ޖެހުމަކީ ވެސް އޭރު ކުރަން ޖެހޭ ކަންކަން.” ހުސޭނު ތަފްސީލުކޮށްލިއެވެ.

މި ކަންތައްތަކުގެ އިތުރުން ޓޯކީ އިން ބަރާބަރު ގަޑިއަށް އަތޮޅު އޮފީހަށް ވެސް ގުޅަމުން އެއިން މެސެޖްނަގަމުން ދެންވެސް ރައްޔިތުންނާ ގުޅުން ހުރި ރަސްމީ އަދި އަމިއްލަ ކަންކަމުގައި މުޅިދުވަސް ހޭދަކުރުމަކީ އޭނާގެ މުރާލިކަމާ ހީވާގިކަމަށް ތާރީފު ކުރަން ޖެހޭކަމެއް ކަމަށް އެންމެ ފުރަތަމަ އެއްބަސްވީ އަންހެނުން ދަލޭކައެވެ.

މީހުން އޭނާއަށް އޭރު “އަވަސް ހުސޭނު” ގެ ލަގަބު ދީފައިވަނީ އެހެންވީމާ ކަން މިއެނގުނީ ވެސް އަދި ކިރިޔާ އެވެ.

ހުސޭނު ބުނީ ތަރައްގީއާ ދުރުގައި އެކަހެރިވެގެން ކުޑަކުޑަ ރަށެއްގައި ދިރިއުޅުމަކީ ދަރިންނަށް ވެސް ކުރެވޭ ބޭއިންސާފެއްކަމާ އެއީ ވަރަށް އެކަނިވެރިކަމެއް ކަމުގައެވެ. ދަރިންގެ ހައްގުގައިވެސް އެކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަކީ މައިންބަފައިންނަށް ވާޖިބުކަމެއް ކަމާއި އެހެންކަމަށްވާނަމަ އެކަމަށް އޮތް އެންމެ ކާމިޔާބު ކުރުމަގަކީ އާބާދީ ބޮޑު ވަސީލަތްތައް ގިނަ ރަށަކަށް އަވަހަށް ބަދަލުވުމެވެ.

“މީހަކު މަރުވެއްޖެނަމަ ޖަމާއަތް ތެރިއަކު ގެންނަން މިޖެހެނީ އުނޑޫދޫން. މާބަނޑު އަންހެނަކު ވިހަން ވެއްޖެނަމަ ފޫޅުމަޔަކު ހޯދަން ދާން ޖެހެނީ ފުރައިގެން އެހެން ރަށަކަށް. މިކަހަލަ ދަތި ގޮތަކަށް ދިރިއުޅުން ހަމަޖެހިފައި އޮތް ދުނިޔެއެއްގައި އުޅެން ޖެހިފައި އޮތީ.” ހުސޭނުގެ ކައިރީގައި އިން އޭނާގެ އަންހެނުން ދަލޭކަ އިތުރު ކޮށްލިއެވެ.

ދަލޭކަ ބުނީ އޭދަފުއްޓަށް އަންނަން ޖެހުމުން ވަރަށް ބޮޑަށް އުފާވި ކަމަށާ އެންމެ ބޮޑަށް އުފާވީ އާއިލާ އެއް ތަނަކަށް ބަދަލުވެވޭތީ ކަމުގައެވެ.

“އަހަންނަކީ އުޑޫދޫ މީހެއް. ހުސޭނަކީ ފުނަދޫ މީހެއްވީމާ އިނދެގެން އުޅުނީ ފުނަދޫގައި. އެކަމަކު އާއިލާ އޮތީ އުނޑޫދޫގައި ކަމަށް ވާތީ އާއިލާއާ ވަކިން އުޅެން ޖެހުމުގެ މޮޅިވެރިކަން އަބަދުވެސް ހިތުގައި އޮވޭ. އެކަން އެހެން އޮއްވާ ދެރަށުގެ މީހުން އޭދަފުއްޓަށް ބަދަލުކުރާ ވާހަކަ އިވުނީ.”

އޭދަފުއްޓަށް ބަދަލުކުރުމަށް ހަމަޖެހި ހުރިހާ ކަމެއް ނިމި، ގެ އަޅަން ހަމަޖެހިފައި އޮތް ތަނަކީ ބޯޅަ ދަނޑު ކުރިމަތިކަން އެނގުމުން ދަލޭކަ ވަރަށް ކަންބޮޑުވިއެވެ. އަތޮޅު ވެރިޔާ ޔޫސުފް ކަލޭފާނަށް ދަންނަވައިގެން އެހެން ތަނަކަށް ގެ ބަދަލު ވޭތޯ އަވަހަށް އުޅުމަށް ހުސޭން ގާތުގައި ބުންޏެވެ.

“ގެއަޅަން ހަމަޖެހިފައި މިއޮތީ ރަށުގެ ފުޓްބޯޅަ ދަނޑު ކުރިމަތީގައި ރަށުގެ މެދުގައި. ބައިވަރު މީހުންތަކުގެ ތެރެއަށް ނުކުމެ އުޅެން ލަދު ގަންނާނެތީ އެހެން ބުނީ. އެކަމަކު ގެ ހިޔާ ކުރުމަށް ފަހު ގެނެސް ދައްކާލީމަ އެނގުނީ މިތަނުގެ ހިތްފަސޭހަކަން.”…. ކުދިންގެމަންމަ ދަލޭކަ ބުންޏެވެ.

ހުސޭނުމެންގެ އާއިލާއަކީ ފުނަދޫން އޭދަފުއްޓަށް އެންމެ ފުރަތަމަ ބަދަލުކުރި އާއިލާއެވެ. އެދުވަހުގެ ހަނދާންތައް މިއަދުވެސް ތާޒާކަން މަތީގައި އެބަހުއްޓެވެ.

“އަހަރެމެންނަކީ ފުނަދޫން އެންމެ ފުރަތަމަ އޭދަފުއްޓަށް އައިމީހުން. ގޭގައި ގެންގުޅުނު ގެވެހި ކަންވާރާއި ދެންވެސް ހުރި ހުރިހާ އެއްޗެއް އޭދަފުށްޓަށް ގެނައީ އޭދަފުށީ ޒިންދަގީ ދޯންޏާ ބަކުރުބޭ ދޯނީގަ.” އެދުވަހުގެ ހަނދާންތަކާއެކު ހުސޭނު ބުންޏެވެ.

މީހުން ބަދަލުކުރުމުގެ ހުރިހާ ކަމެއް ފެށިގެން ނިމިގެން އައީ ހުސޭނުގެ ކުރިމަތީއެވެ. އޭނާވެސް އެކަމުގައި ބައިވެރިވެގެން އުޅުނީތީވެ މޮޅިވެރިކަމެއް އަދި އުފާވެރި ހަނދާންތަކެއް ހަނދާން ކުރެވޭ ވަރަށް ވުރެ އޭނާ އުޅުނީ ބިޒީ ކޮށެވެ. ނަމަވެސް އޭދަފުއްޓަށް ބަދަލުވާން ދަތުރަށް ދޯންޏަށް އަރަން ވަންދެންވެސް އޭނާ އާ ވަކިނުވެ އޮންނަ ވޯކީޓޯކީ މުދިންބެއާ ހަވާލުކުރި ފަހުވަގުތު އެއީ ވަރަށް އަސަރު ގަދަ ވަގުތުކޮޅެއް ކަމަށް ހުސޭނު ބުންޏެވެ. އެޓޯކީއާ ގުޅިފައިވާ ބައިވަރު ހަނދާންތަކެއް ވެސް އާވެގެން ދިޔައެވެ.

ދެމަފިރިންގެ އެ ދުވަހުގެ އެންމެ އުފާވެރި ހަނދާނެއްގެ ގޮތުގައި ފާހަގަކުރީ ދަލޭކައާއި ހުސޭނުގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު، އަހަރު ފުރެން ކައިރިވެފައިވާ ސައީދު ހިނގަން ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަޅު އެޅީ އެ ދޯނީގައި ކަމެވެ.

ހުސޭނުގެ އާއިލާ އަށް އޭދަފުށިން ރަސްމީ ކޮށް މަރުހަބާ ކީ އަސަރީގެއާއި ކީރަންމާގެއާއި ދިރިމާގެ މީހުންނެވެ.

މި ހޫނު މަރްހަބާ ހުސޭންއާއި ދަލޭކަ ޝުކުރުވެރިކަމާއެކު ހަނދާން ކުރެއެވެ. “މިރަށު މީހުން ވަރަށް ރަގަޅު. ތިން ގޭ މީހުންވެސް އަހަރެމެންނާމެދު އަދާކުރި މެހްމާން ދާރީ ހަމަ ވަރަށް ބަރާބަރޭ ބުނެވޭނީ. ކުޑަ ދަރިފުޅުވެސް ގެންގުޅުނީ އެމީހުން. އަހަރެމެންގެ އަތުގާ ޖައްސާވެސް ނުލާ. ގޯތި ކުނިކަހާ ބެލެހެއްޓީ އެމީހުން. 3 ދުވަސް ވަންދެން. ކެއުމުގެ ކަންތައްވެސް ބެލެހެއްޓީ އެމީހުން. ކައްކާނެ ދަރާ ބޯފެނަށް ދާންދެންވެސް ހުރީ ބަދިގެ އަށް ލާފަ. ހުރިހާ ކަމެއް ވަރަށް ފުރިހަމަ.” ދަލޭކަ ބުންޏެވެ.

ބަދަލު ކުރި މީހުން އޭދަފުށީގައި ދިރއުޅެން ފެށިފަހުން އެބައެއްގެ ރަށަށް ދާން ބޭނުން މީހުންނަށް އެފުރުސަތު ސަރުކާރުން ދިނުމާ ގުޅިގެން ފުނަދޫގެ މަދު ބައެއް މީހުން އެނބުރި ރަށަށް ދާން އުޅުނެވެ. އެދައުވަތު ހުސޭނާއި ދަލޭކައަށްވެސް ލިބުނެވެ.

“އޭދަފުށީން ދާން ހުއްދަ ލިބުމުން ބަޔަކު އެނބުރި ރަށަށް ދާން އުޅުނު. އަހަރެންގެ ގާތަށް ފުނަދޫ ޚާލިދުމެން އައިސްބުނީ ހުސޭނު ހުރީ ދާގޮތަށޭ. ދަލޭކަ ކީކޭހޭ ބުނަނީ.” ދަލޭކަ ކިޔައިދިނެވެ.

އެކަމަކު އެއީ ރަނގަޅު ގޮތެއްކަމަށް އޭނާއަކަށް ވެސް އަދި ހުސޭނު އަކަށްވެސް ނުފެނުނެވެ.

ދަލޭކަބުނީ އެނބުރި ރަށަށް ދާން ބޭނުންވެގެން އުޅުނީ ވަރަށް މަދު ބައެއްކަމާއި އެކަން ކާމިޔާބު ނުވީވެސް އެހެންވެގެން ކަމުގައެވެ.

އޭދަފުއްޓަށް ބަދަލު ކުރި ތިން ރަށުގެ މީހުންގެ އެތާރީޚީ ހާދިސާ ހިނގިތާ 50 އަހަރު ފުރެމުން ދާއިރު މިއަދުގެ ހަގީގަތަކީ ކޮބާ ހެއްޔެވެ.؟ މި ބަދަލާ މެދު އެ ރައްޔިތުން މިއަދު ދެކެނީ ކިހިނެއް ހެއްޔެވެ.

މިއަދުގެ ހަގީގަތަކީ މިކަމުގެ ސަބަބުން އެތިން ރަށުގެ ރައްޔިތުންނަށާއި އޭދަފުއްޓަށް ވެސް  ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ. ގިނަ މީހުންނަށް ގިނަ ރޯއްޖޭ ބުނާހެން އާބާދީ ބޮޑުވުމަކީ ރަށުގެ އިގްތިސާދަށާއި ތަރައްގީއަށް ހަލުވި ކުރިއެރުންތަކެއް އަންނާނޭ ކަމެކެވެ. ދަލޭކައާއި ހުސޭނުގެ ދެމަފިރިންވެސް ބުނަނީ ހަމަ މިހެންނެވެ.

“މިއަދު މިތިބީ ކޮޅެއް ނެތް މިންވަރަށް އުފާވެފައި. ބޮޑު އާއިލާ އެއް ބިނާ ކުރެވި ދަރިންނަށް ބޭނުންވަރަކަށް ކިޔަވައިދެވި މިހިރަ ހަތަރުބުރީގެ އުސް އިމާރާތާއި މި ގެއާ ގޯތިން މި ފެންނަ ތަރައްގީއާއި ކުރިއެރުމުގެ ތަސްވީރަކީ އޭދަފުއްޓަށް ބަދަލު ވުމުން ލިބުނު ކުރިއެރުން. އެކަމަކު ފުނަދޫގައި ތިބިނަމަ ނުވަތަ ދެވަނަ ފަހަރަށްވެސް އެ އެކަނިވެރިކަމުގެ އާލަމަށް ދިޔަނަމަ ދިރިއުޅުމުގައި މިއަދު ހޯދިފައިވާ ކާމިޔާބާ ހަމައަށް ދެވުނީސް ހެއްޔެވެ؟” އެދެމަފިރިން މިސުވާލު އަމާޒު ކުރީ އަހަރެމެންނަށެވެ.

އެޑިޓަރުގެ ނޯޓް : އޭދަފުއްޓަށް އުޑޫދޫ އާއި ފުނަދޫ އަދި މާއްޑު މީހުން ބަދަލު ކުރިތާ 49 އަހަރު ފުރި 50 އަހަރުގެ ދުވަސް ތައް ގުނެވެމުން ދާއިރު އެރަށްރަށުގެ މީހުން އޭދަފުށްޓަށް ބަދަލު ކުރި ކުރުން ވާނީ ވަރަށް “ބޮޑު “ދުވަހަކަށެވެ. ފޮރުވިފައިވާ ބައިވަރު ހަނދާންތަކާ ފާޅު ނުކުރެވި ހުރި ވާހަކަ ތަކެއް ވެސް ހުންނާނެއެވެ. މި ސެގްމެންޓްގެ ދެވަނަ ރިޕޯޓް މި ޚާއްސަކުރީ ތިން ރަށުގެ ތެރެއިން ފުނަދޫ ޒިންމާދާރު މަގާމެއްގައި ހުރި ބޭފުޅެއްގެ ވާހަކަ ކޮޅެކެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސް ތަކުގައިވެސް އެދުވަހުގެ ހަނދާންތައް އީވީ އާ ހިއްސާ ކުރި އިތުރު ވާހަކަ ތަކުގެ ރިޕޯޓްތައް ގެނެސްދޭނަމުއެވެ..

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top