ކުނި މެނޭޖްކުރުމާބެހޭ ގޮތުން ސަރަހައްދީ ފެންވަރުގައި މަހާސިންތާ އެއް އަންނަ ހޯމަދުވަހު އޭދަފުށީގައި ފަށާގޮތަށް ހަމަޖެފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.
ރާއްޖޭގެ ރަށްތައް ރީތިކޮށް ސާފުކޮށް ބެލެހެއްޓުމަށް އެންވަޔަރްމަންޓް މިނިސްޓްރީން ފަށާފައިވާ “ސާފު ރާއްޖެ” ކެމްޕެއިންގެ ދަށުން މިރަށުގައި ތިން ދުވަހަށް ބާއްވާ މި މަހާސިންތާގައި ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްރަށުން 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
މަހާސިންތާގައި ކޮންމެ ރަށަކުން ދެ މަންދޫބުން ބައިވެރިވާއިރު އެއީ ކުނީގެ ކަންތަކުގައި އުޅޭ ކައުންސިލަރަކާއި އިދާރީ މުވައްޒަފެކެވެ. މީގެ އިތުރުން އެންވަޔަރމަންޓް މިނިސްޓްރީގެ ފަރާތުން ބައިވެރިވާ މަންދޫބުންނާ އެކު ޖުމްލަ 120 މަންދޫބުން ބައިވެރިވާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.
“ސާފު ރާއްޖެ ” ކެމްޕެއިން އެންވަޔަރަން މިނިސްޓްރީން ފެށީ މިދިޔަ އަހަރުއެވެ. އެ ކެމްޕެއިންގައި ރަށްރަށުގެ ކައުންސިލުތަކާއި ސްކައުޓާއި ގާލްގައިޑާއި ތިމާވެށީގެ މައްސަލަތަކުގައި ކަން ބޮޑުވުން ފާޅުކުރަމުން އަންނަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ވެސް ބައިވެރިވެއެވެ.