ޝައިޚް މަޖީދުގެ ދަރެސް: ރަންރިހިން މުދަލު ޒަކާތް ދައްކާނީ ކިހިނެއް؟

Gold.jpg

ފައިސާއިން ޒަކާތްދިނުން ވާޖިބުވާފަދައިން ރަންރިހިން ޒަކާތް ނެރުމަކީ، ވާޖިބުކަމެކެވެ. ޒަކާތްނުދީ، ޒަކާތްދިނުމުން މަނާވެގަތުމަކީ ވަރަށްބޮޑުފާފައެކެވެ. ނަރަކައިގެ ވޭންދެނިވި ޢަޛާބު ޙައްޤުވާ ކަމެކެވެ.

ތަވްބާސޫރަތުގެ 34 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، “އަދި ރަނާއިރިހި ޚަޒާނާކޮށް ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ!”

ރަނުގެ ނިޞާބަކީ، 85 ގްރާމް ރަނެވެ. މީހެއްގެ އަތުގައި 85 ގްރާމް ރަން ހަމަވެ އެއަށްވުރެ މަދުނުވެ އަހަރުވުމުން، އެހާތަނަށް އަމިއްލަ މިލްކިއްޔާތުގައިވާ ހުރިހާ ރަނަކުން ޒަކާތްދިނުން ވާޖިބުވާނެއެވެ. ޒަކާތަށް ނެރެންޖެހޭ މިންވަރަކީ، އަހަރުވިއިރު އަތުގައި ފަހަށްރައްކާކޮށްފާހުރި ރަނުގެ ސާޅީސްބައިކުޅަ އެއްބައެވެ. އެކަމަކު ގަހަނާގެ ގޮތުގައި ބޭނުންކުރާ ރަނުން ޒަކާތް ދޭކަށްނުޖެހޭނެއެވެ.

ރިހިން ޒަކާތްދިނުން ވާޖިބުވުމުގެ ނިޞާބަކީ، 595 ގްރާމް ރިއްސެވެ. މީހެއްގެ އަތުގައި 595 ގްރާމްރިހި ހަމަވެ، އެއަށްވުރެ މަދުނުވެ އަހަރުވުމުން، އެހާތަނަށް އަމިއްލަ މިލްކިއްޔާތުގައިވާ ހުރިހާ ރިއްސަކުން ޒަކާތްދިނުން ވާޖިބުވާނެއެވެ. ޒަކާތަށް ނެރެންޖެހޭ މިންވަރަކީ އަހަރުވިއިރު އަތުގައި، ފަހަށްރައްކާކޮށްފައިހުރި ރިހީގެ ސާޅީސްބައިކުޅަ އެއްބައެވެ. އެކަމަކު ގަހަނާގެ ގޮތުގައި ބޭނުންކުރާ ރިހިން ޒަކާތް ދޭކަށްނުޖެހޭނެއެވެ.

ޒަކާތަށް ނެރޭ އެއްޗަކީ، ފަހަށް ރައްކާކުރެވޭ، އޭގެ ސަބަބުން ތިމާގެ މުދާ ޠާހިރުކޮށްދޭ، އަދި ތިމާއަށް ޤިޔާމަތްދުވަހު ހެޔޮދަރުމައާއި ޘަވާބު މާތްﷲ މިންވަރުކުރައްވާނޭ ޞަދަޤާތެކެވެ.

އަޅަމެންނީ، ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާށީ! އާމީން.

އެޑިޓަރުގެ ނޯޓް: “ޝައިޚް މަޖީދުގެ ދަރެސް” އަކީ ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭދަފުށީ ވޮއިސްގެ ފަރާތުން ގެނެސްދޭ ސިލްސިލާއެކެވެ. މި ސަފްހާ ގައި ލިއުއްވަމުންގެންދަވާނީ ޝައިޚް މަޖީދުއެވެ. 

އޭދަފުށީ ފިނިހިޔާގޭ ޢަބްދުލް މަޖީދު މުހައްމަދު އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރ ސިޓީއިން ޤުރުއާން ތަފްސީރުގެ ރޮނގުން ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އަމިއްލަފުޅުރަށުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކީރިތި ޤުރުއާންގެ އިމްލު އުނގަންނައި ދެއްވުމަށްމަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ވަޒީފާއަދާކުރައްވަމުން ގެންދަވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އީވީ ގެ ދީނީ ސަފްހާ މުއްސަނދި ކޮށްދެއްވުމަށް ޝައިޚްގެ ދަރުމަވެތި މި އެހީތެރިކަމަށް ޝުކުރުވެރިވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top