ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                                14ޑިސެމްބަރ އާއި ގުޅޭ

މަރުގެ މަރުޙަލާ

މަރުގެ ވަގުތަކީ އިންސާނާއަށް އެނގިފައި ނުވަތަ ނޭނގި ނަމަވެސް އޮތް އެންމެ އުނދަގޫ ވަގުތު ކޮޅެވެ. ދުނިޔޭގައި ދިމާވާ އެކިއެކި މުޞީބާތްތަކަކީ އިންސާނާ ކަންބޮޑުވެ، ހާސްވާ ކަންތައްތަކެވެ. އެކަމަކު މިއިން ކޮންމެ ކަންބޮޑުވުމަކާއި، ހާސްވުމަކަށްވުރެ، މަރުގެ ސަބަބުން އިންސާނާއަށް ކުރިމަތިވާ ހާސްކަމާއި، ކަންބޮޑުވުން މާ ބޮޑެވެ.

މަރަކީ ދިރިއުޅުމުގެ އެންމެ އުނދަގޫ މަރުޙަލާއަށް ކުރާ ދަތުރެވެ. މަރު ވުމަށްފަހު އިންސާނާ ވާޞިލުވާ ދުނިޔެއަކީ އެއްވެސް ޙައްދެއް ކަނޑައެޅިފައި އޮންނަ ދުނިޔެއެއް ނޫނެވެ. ލިބެން ހުންނަ ސަވާބުގެ ޙައްދެއް ނޯވެއެވެ. ހަމަ އެހެންމެ އެ ތަނުން ލިބެން ހުންނަ ޢަޒާބާއި، ކުރިމަތިވާނޭ މުޞީބާތާއި، އުނދަގުލުގެވެސް ޙައްދެއް ނޯވެއެވެ. މި ދުނިޔޭގެ މުޞީބާތްތައް ކުޑަ ހިނދުކޮޅަކަށް ދެމިގެން ދިއުމަށް ފަހު ނިމިދެއެވެ.

މި ދުނިޔެއަށް ބަލާލާއިރުވެސް އިންސާނާގެ ޙާލު ހުރީ މިކަހަލަ ގޮތަކަށެވެ. އިންސާނާގެ ޠަބީޢަތު ހަމަޖެހިފައި ހުންނަ ގޮތުން ކުޑަކުޑަ މުޞީބާތަކަށް ކެތްކުރުމަކީ ވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ. ތިނޯހެއް ގަޔަށް ހެރުން، އެއްދުވަހު ނުކައި ނުބޮއި ހުރުން، ހައެއްކަ ދުވަހު ނުނިދައި ހުންނަން ޖެހުން ފަދަ ކަމަކާ ކުރިމަތި ވުމާއެކު އިންސާނާގެ ކެތްތެރިކަން ކޮޅުން ލައެވެ. މި ދުނިޔޭގައި އިންސާނާ މިފަދަ ކަންތައްތަކުން ސަލާމަތްވާން ބޭނުން ކުރާނޭ ހުރިހާ ވަސީލަތެއް ލިބެން ހުރެއެވެ. ވުމާއެކު ތިމާގެ ޙަޤީޤީ ޙައިސިއްޔަތު އޮޅިފައިވަނީއެވެ. އުފަލުން ނަށަނީއެވެ. އަންނާން އޮތް ދުވަހެއްގެ ފިކުރެއް ނުކުރެއެވެ.

މި ދުނިޔޭގައި ފެން ލިބެން ހުރެއެވެ. ބޭސް ކުރެވެން އެބައޮތެވެ. ވައި ޖެހެއެވެ. އަލިވެއެވެ. ފިޠުރަތުގެ ހަދިޔާއެއްގެ ގޮތުގައި އިންސާނާގެ ހުރިހާ ބޭނުން ތަކެއް ފުއްދޭނޭ ގޮތް އެބައޮތެވެ. ކުއްލިއަކަށް އިންސާނާގެ ކިބައިން މި ދުނިޔެ އަތުލެވިއްޖެ ނަމަ ވާނީ ކިހިނެއްތޯއެވެ؟ ޖައްވުގެ ކޮންމެވެސް އެހެން ހިސާބެއްގައި އާ ދުނިޔެއެއް އާބާދު ކުރުމުގެ ކުޅަދާނަކަން އިންސާނާއަކަށް ލިބިގެންނެއް ނުވެއެވެ. މި ދުނިޔެ ގެއްލުމާއެކު އޭނާއަށް ޖެހޭނީ އަނދިރީގެ ތެރެއަށް ފީނާށެވެ.

ދުނިޔޭގެ މުޞީބާތްތައް ކުރިމަތި ވީމާ އިންސާނާ ރޮއި، ހަޅޭއްލަވާ ހަދައެވެ. އާތް… އޯތް ގޮވާ ހަދައެވެ. އެކަމަކު އަންނަން އޮތް ދުވަހުގެ ވޭނާއި، ޢަޒާބު އެނގުނީމާ މި ދުނިޔޭގެ އުނދަގޫތައް އެއްވެސް އެއްޗަކަށް ނުވާނެއެވެ. ދުނިޔޭގެ ޢިއްޒަތާއި، އަރާމު ޙާޞިލު ކުރެވުމުން އިންސާނާ ފަޚުރުވެރިވެ، މޭ ފުއްޕާލައެވެ. އެކަމަކު އަންނަން އޮތް ދުވަހުގެ ޙާލަތު އެނގުމުން މި ދުނިޔޭގެ އަރާމާއި، ޢިއްޒަތަކީ އެއްޗެއް އެއްޗެއް ނޫނޭ ހަރު އަޑުން ގޮވާނެ އެވެ.

މަރަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ނިމުމެއް ނޫނެވެ. އެއީ އާ ދިރިއުޅުމެއްގެ ފެށުމެވެ. އެއީ ބައެއް މީހުންނަށް ދުނިޔޭގެ ހުރިހާ މުޞީބާތަކަށް ވުރެ ބޮޑު މުޞީބާތަކާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. އަނެއް ބަޔަކަށް ދުނިޔޭގެ ހުރިހާ އުފަލަކާއި، އަރާމަކަށް ވުރެ މާ މަތިވެރި އުފަލަކާއި، އަރާމެއް ލިބޭނޭ ދުވަހެކެވެ.

މިއަދުގެ އިންސާނާ

ކުރިމަތީގައި ފެންނަން ހުރީ ބާރަ ވަރަކަށް ކުކުޅު ބިހެވެ. ފެންނަ ފެނުމުގައި މުޅިން ރަނގަޅު ބިހެވެ. ފުރަތަމަ ބިސް ތަޅާލި އިރު އެ ބިސް ނުބައެވެ. ދެވަނަ ބިސްވެސް ނުބައެވެ. އެންމެ ފަހުން އެނގުނު ގޮތުގައި އެ ތަނުން އެންމެ ބިހެއްވެސް ރަނގަޅެއް ނޫނެވެ. ހުރިހާ ބިހެއް ހުރީ ނުބައި ވެފައެވެ. ރަނގަޅު ކަމަށް ފެންނަނީ ހަމަ އެކަނި ބޭރު ފުށުންނެވެ.

މިއީ މިއަދުގެ އިންސާނާގެ ޙާލުވެސް ހުރި ގޮތެވެ. ބަލާ ބެލުމަށް ކޮންމެ މީހަކީވެސް ހަމަ އާދަމުގެ ދަރިއެކެވެ. އޭނާ އަޅަނީ ރީތި، އަގުބޮޑު ހެދުމެވެ. ވާހަކަ ދައްކަނީ ރީތި ބަހުރުވައިންނެވެ. ބަލާ ބެލުމަށް ކޮންމެ މީހަކީވެސް ރަނގަޅު މީހެކެވެ. ކޮންމެ މީހަކުވެސް އެ މީހަކު ކޮށްފައި ހުރި މޮޅު ކަންތައްތަކުގެ ދިގު ދާސްތާނެއް ގެންގުޅެއެވެ. އޭނާގެ ޙަޤީޤަތް ފައުޅުވެ، މުނާފިޤު ކަން އެނގެނީ ތަޖުރިބާ ކޮށްލީމައެވެ. ބޭރު ފުށުން ފެންނަ ރީތި، ރަނގަޅު އުރައިގެ އެތެރޭގައި ފޮރުވިފައި އޮންނަނީ އިންތިހާ އަށް ނުލަފާ، ޙީލަތްތެރި އިންސާނެކެވެ.

އިންސާނާ ތަޖުރިބާ ކުރަނީ ކިހިނެއްހެއްޔެވެ؟

އިންސާނާގެ ބޭރުފުށާއި، އެތެރެ ފުށާ އެއް ގޮތްތޯ އެނގެނީ މި ދަންނަވާ ކަހަލަ ކަމަކާ ދިމާވީމައެވެ. އެއްކަމަކީ ލޭން ދޭނެވެ. ދަރަންޏަށް އެއްޗެއް ދިނުމެވެ. ނުވަތަ އެހެންވެސް މުޢާމަލާ އެއް ކުރުމެވެ. ނުވަތަ ޝަކުވާ އާއި، ހަރުކަށިވުމުގެ މަރުޙަލާ އަކާ ދިމާވީމައެވެ. ނުވަތަ ކޮންމެވެސް މަޞްލަޙަތަކަށް ޓަކައި ތިމާގެ އަމިއްލަ ކަމެއް ޤުރުބާން ކޮށްލަން ޖެހުނީމައެވެ.

މި ފަދަ ކަމަކާ ދިމާވުމުން މިއަދުގެ ދުނިޔޭގެ އިންސާނާ ފެންނަނީ ރީތި ފޭރާމެއްގެ ނިވަލުގައި ފިލާ އޮތް ނުލަފާ، އަމިއްލަ އެދުން ބޮޑު މީހެއްގެ ގޮތުގައެވެ. މި މޮޅު ހެދުމުގެ އަޑީގައި ފޮރުވިފައިވާ ސިފަތަކުގެ ތެރޭގައި އަމިއްލަ އެދުމާއި، ކަން ދެއްކުމާއި، ބޮޑާކަމާއި، ޙަސަދަ ވެރިކަމާއި، ތަޢައްޞުބުގެ ސުންޕާ ބަލި ހިމެނެއެވެ. ބޭރު ފުށުން ފަންނަ ފެނުމުގައި ކޮންމެ މީހަކީ ރަނގަޅު ބިހެކެވެ. އެކަމަކު ތަޅަލީމާ ކޮންމެ މީހަކީވެސް ނުބައި ބިހެއްކަން އެނގެއެވެ.

މިއީ މިއަދުގެ އިންސާނާގެ ޙާލެވެ. ރަނގަޅަށް ބަލައިފިނަމަ މި ދުނިޔެއިން ފެންނާނީ އެންމެ ދެ ސިފައެވެ. އެއް ސިފައަކީ ވޭނާއި، ހިތާމަ އެވެ. ދެވަނަ ސިފައަކީ އަނިޔާވެރި ކަމާއި، މަލާމާތެވެ. ބައެއް މީހުން ހިތާމަ ކުރަނީ ނާ އިންސާފާއި، އަނިޔާގެ ޝިކާރަ އަކަށް ވީތީއެވެ. ބައެއް މީހުން ހެނީ އެ މީހުންގެ ޙައިވާނީ ރޭވުންތައް ކާމިޔާބު ވަމުންދާތީއެވެ. ބައެއް މީހުން އުޅެނީ އެއްވެސް ޝުޢޫރެއް ނެތް މާޙައުލެއްގައެވެ. އަނެއް ބަޔަކު އުޅެނީ ޙިއްސު ކެނޑިފައިވާ ބައެއްގެ ތެރޭގައެވެ.

އެކަމަކު މި ޙާލަތަކީ އަބަދު ދެމި އޮންނާނޭ ޙާލަތެއް ނޫނެވެ. ވަރަށް އަވަހަށް މިއަދުގެ އިންސާނާ އެހެން ދުނިޔެ އެއްގައި އުޅެންޖެހޭ ދުވަސް އަތުވެދާނެއެވެ. އެ ދުނިޔޭގައި ފައިޞަލާ ކުރުމުގެ އިޚްތިޔާރު އޮންނާނީ ހަމަ އެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ. އިންސާނާ އަކަށް ނޫނެވެ.

ހޭ އަރާށެވެ!

އަޅުގަނޑު ހުރީ މަގުގެ އެއްފަރާތުގައި މަންޒަރު ބަލާށެވެ. އަޅުގަނޑުގެ ކުރިމަތިން އެކި ބާވަތުގެ ސަވާރީތައް ކޮޅު ކޮޅު މައްޗަށް ދުއްވަނީއެވެ. އެ ސަވާރީތައް އިންސާނުން އެއް ތަނުން އަނެއް ތަނަށް އުފުލަނީއެވެ. ހީވަނީ ކޮންމެވެސް މަންޒިލަކަށް ނުވަތަ ދާން އުޅޭ ތަނަކަށް ގެންދަނީ ހެންނެވެ.

މި މަންޒަރު ފެނިފައި އަޅުގަނޑުގެ ހިތަށް އެރިއެވެ. އެއީ ސަވާރީ އެއް ނޫނެވެ. ﷲ ގެ މަލާއިކަތުންނެވެ. އެ ބޭކަލުން އިންސާނުން ގޮވައިގެން އެ މީހުން ހެއްދެވި ފަރާތުގެ ދަރުބާރާ ދިމާއަށް ދަތުރު ކުރައްވަނީއެވެ. މީސްތަކުން ހީކުރަނީ އެމީހުން އެ ދަތުރު ކުރަނީ އެ މީހުންގެ މަންޒިލާ ދިމާއަށް ކަމަށެވެ. ޙަޤީޤަތުގައި އެ މީހުން ދަތުރު ކުރަމުން އެ ދަނީ ﷲ ގެ މަންޒިލާ ދިމާއަށެވެ. މިއީ އަޅުގަނޑުގެ ސިކުނޑީގައި މަގުމަތީގެ މަންޒަރު ސިފަވެގެން ދިޔަ ގޮތެވެ.

ދިރިއުޅުމަކީ ކޮބައިތޯއެވެ؟ އެއީ މި ދުނިޔޭގައި ކުރިމަތި ކުރައްވާފައިވާ އިމްތިޙާނެކެވެ. މަރަކީ ކޮބައިތޯއެވެ؟ އެއީ އާޚިރަތުގެ ދުނިޔެއަށް ވަދެވުމެވެ. މި ދުނިޔޭގައި އަޅުގަނޑުމެން އުޅެމުން މިދަނީ ދަރިވަރުން އިމްތިޙާނު މާލަމުގައި ތިބޭ ބީދައިގައެވެ. ދަރިވަރުންނަށް މާލަމުގައި ތިބެވެނީ ރަނގަބީލު ޖަހަންދެނެވެ. ރަނގަބީލުގެ އަޑު އިވުމާއެކު އިމްތިޙާނު މާލަމުގައި ތިބުމުގެ ވަގުތު ހަމަވީއެވެ. ހަމަ އެހެންމެ އިންސާނުންނަށް މިދުނިޔޭގައި ތިބެވޭނީ މަރުވާންދެނެވެ. ނުވަތަ ޤިޔާމަތުގެ ރަނގަބީލު ޖަހަންދެނެވެ. ރަނގަބީލު ޖެހުމާއެކު އޭނާގެ އަތުން ދުނިޔެ ބީވީއެވެ. ދުނިޔޭގެ އަތުން އޭނާ ބީވީއެވެ.

އިންސާނާ ހީކުރަނީ ތިމާ މި އުޅެނީ ތިމާގެ އަމިއްލަ ދުނިޔެއެއްގައި ކަމަށެވެ. އެހެންނަމަވެސް ޙަޤީޤަތުގައި އޭނާ އުޅެނީ ﷲ ގެ ދުނިޔެއެއްގައެވެ. އިންސާނާއަށް ލިބޭ ކޮންމެ އެއްޗަކީ ﷲ ދެއްވިޔަތީ ލިބޭ އެއްޗެކެވެ. ދެއްވުމުގެ ސިލްސިލާ ހުއްޓަވާލައްވަން ﷲ ކަނޑައެޅުއްވުމާއެކު ލިބުމުގެ މަގު ބަންދުވީއެވެ. އޭގެ ފަހުން އޭނާއަށް ޖެހޭނީ އެއްވެސް އެއްޗެއް ނެތި މުޅިން ހުސް އަތާ އެހެން “މާލަމަކަށް” ވަންނާށެވެ.

ބަނޑުފައިގެންފައިވާ ޙާލުގައި އެއްވެސް ކާ އެއްޗެއް ނުލިބި ހުންނަންޖެހޭ ދުވަސް އިންސާނާޔާ ބައްދަލު ކުރުން ކައިރި ވެއްޖެއެވެ. ފެންބޮވައިގެންފައި ހުރެމެ، ފެންފޮދެއް ހޯދުމުގެ ބާރެއް ނޯންނަ ދުވަސް އަންނަނީއެވެ. ހީކަރުވައިގެންފައިވާ ޙާލު ހީ ފިލުވޭނޭ ގޮތެއް ހޯދޭނޭގޮތެއް ނެތް ދުވަސް ބޯމަތި ވަނީއެވެ. ހޫނު ކަމުން ގޮސް ފިހޭވަރުވާ އިރުވެސް ވަންނާނެ ހިޔަލެއް ހޯދުމުގެ ކުޅަދާނަކަން ލިބިފައި ނުވާ ދުވަސް ޖެހެނީއެވެ.

ކިހައި ދެރަކަމެއްތޯއެވެ؟ އިންސާނާވަނީ މިއިން އެއްވެސް ކަމެއް ނޭނގޭ ވަރަށް ޣާފިލު ވެފައެވެ.

 

 

 

ދޫކޮށްފައިދާ ތަކެތި

އިނގިރޭސިން އިންޑިއާގައި ތިބި ދުވަސްވަރު އެންމެ ފުރަތަމަ އިންޑިއާގެ ވެރިރަށަކަށް އޮތީ ކަލްކަތާއެވެ. ކަލްކަތާއިން ދިއްލީއަށް ވެރިކަން  ބަދަލުކުރަން އިނގިރޭސި ސަރުކާރުން ނިންމީ 1911 ވަނަ އަހަރުއެވެ. ޗާޓުތަކާއި، ކުރެހުންތައް ތައްޔާރުކުރުމަށްފަހު އައު ވެރި ރަށް ޢިމާރާތް ކުރަން ފެށީ 1913 ވަނަ އަހަރުއެވެ. އައު ވެރިރަށް ހަދަން އިނގިރޭސި ސަރުކާރުން ކަނޑައެޅީ ދިއްލީގެ ހުޅަނގުގައި އޮތް ފަރުބަދަތަކުގެ ވާދީއެވެ. އެތާނގައި އެމީހުން ހެދި ރަށަށް ކިޔުނު ނަމަކީ ނިވްދިއްލީއެވެ.

އެ ދުވަސްވަރަކީ ދުނިޔޭގެ ގިނަ ތަންތާނގައި ސިޔާސީ ރާޅެއް ނަގައި ބޮޑުވަމުން އައި ދުވަސްވަރެކެވެ. އެއީ ޤައުމީ އެއްބައިވަންތަކަމުގެ ރާޅެކެވެ. ސިޔާސީ ފިކުރު ބަދަލުވެގެންގޮސް އައި އިންޤިލާބުގައި މީސްތަކުންގެ ވިސްނުމަށް ބަދަލު އަންނާން ފަށައިފިއެވެ. ހިންދުސްތާނުގައި މިނިވަންކަމުގެ ތަޙްރީކް ވަރު އަރަމުން ދިޔައީ އެދުވަސްވަރު އެވެ. އިނގިރޭސިންނަށް އިންޑިއާގައި މާ ގިނަ ދުވަހަކު ނުތިބެވޭނެކަން ފާޅުވެ އެނގެން ފަށައިފިއެވެ.

ނިވްދިއްލީގެ އާބާދު ކުރިތާ މާ ގިނަ ދުވަސް ތަކެއް ނުވެ ފަރަންސޭސި ވިލާތުގެ ޒަޢީމަކު އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. ނިވްދިއްލީގެ ރީތިކަމާއި، މޮޅުކަން ފެނިވަޑައިގަތުމުން އޭނާ ވިދާޅުވިއެވެ.

“އެމީހުން ދޫކޮށްފައި ދާން ޢިމާރާތްކުރި ދުނިޔެ ހާދަހާ ރީއްޗެވެ.”

މިއީ ހަމައެކަނި އިނގިރޭސިންގެ ވާހަކައެއް ނޫނެވެ. މިއީ ހުރިހާ އިންސާނުންގެ ވާހަކައެވެ. ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އަންނަނީ އެތައްހާސް އެދުމެއް ހިފައިގެންނެވެ. ތިމާއަށް ލިބޭ ހުރިހާ ބާރަކާއި، ނުފޫޒެއްގެ ބޭނުން ކޮށްގެން އޭނާގެ ހުވަފެނުގެ ދުނިޔެ އާބާދު ކުރެއެވެ. ވަރުގަދަ އާލީޝާން ގަނޑުވަރުތައް ބިނާ ކުރެއެވެ. އެކަމަކު އޭނާގެ ދުނިޔެ އާބާދުކޮށް ނިމުމާއެކު މަރުގެ މަލާއިކަތާ ވަޑައިގެން އޭނާ ގެންދަވައެވެ. ދެން ގޮސް ފައިބަން ޖެހެނީ މުޅިން އާ ދުނިޔެއަކަށެވެ. ތިމާ ބުރަ މަސައްކަތުން ޢިމާރާތްކުޅަ ދުނިޔެ ޖެހެނީ ދޫކޮށްލާށެވެ.

ދިރިއުޅުމުގެ މުއްދަތު މިހައި ކުރުކަމަށްވާނަމަ ދުނިޔޭގައި ކުރަންޖެހޭ ކަންތައްތަކާމެދު ފުންކޮށް ވިސްނަން އެބަޖެހެއެވެ. މަރުވުމާއެކު ދުނިޔެއާއި، އިންސާނާޔާ ދެމެދު އޮތް ގުޅުން ކެނޑުނީއެވެ. ދެން އޮތީ އާޚިރަތެވެ. އާޚިރަތުގެ މަތިން ހަނދާން ނައްތާލި މީހެއްގެ މަސައްކަތުގެ ފައިދާއެއް ނެތެވެ. ފައިދާ ލިބޭނީ އާޚިރަތަށްޓަކައި ދުނިޔެ އާބާދު ކުރާ މީހަކަށެވެ. ކުރާ ކޮންމެ ކަމެއްގެ ނަތީޖާ އާޚިރަތް ދުވަހުން ހޯދަން އެދޭ މީހަކަށެވެ. މި ފަދަ މީހަކަށް ދުނިޔެ ވެގެން ދާނީ މާ މޮޅު، މާ ފުރިހަމަ ދުނިޔެއެއް ހޯދަން ބޭނުން ކުރާ ވަސީލަތަކަށެވެ.

އާޚިރަތާ ނުލާ އެއްވެސް މީހެއްގެ ދުނިޔެ ފުރިހަމައެއް ނުވާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top