ވޯޓްދެއްވުމުގެ ކުރިން ވިސްނަވާށެވެ

saleem-5.jpg

ކުރިއަށް އޮތީ ރައްޔިތުންގެ މަޖްލިސް އިންތިޚާބެވެ. ރައްޔިތުން އިންތިޚާބު ކުރާ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޓަކާ ހޮވާ ރައްޔިތުންގެ މެންބަރުން ހޮވުމުގެ ބޮޑު އިމްތިޙާނެވެ. މި އިމްތިޙާނު ގައި ކުރިމަތި ކުރުވާނެ ބޮޑު ސުވާލަކީ އަހަރެންގެ ވޯޓް އޭނަ އަށް ދޭން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަކީ ކާކު ހެއްޔެވެ؟ އޭނާގެ ކުރު މާޒީ އާއި ދުރު މާޒީގައި ކޮންތަނަކު ކިހިނެއް އުޅުނު މީހެއް ހެއްޔެވެ؟ އޭނަ އަކީ ދާއިރާގެ ރައްޔިތުންގެ ބޭނުން ތަކާއި ރައްޔިތުންނަށް ފަހި ކަމާއި ފާގަތިކަން ގެނެސްދެވިދާނެ މީހެއް ހެއްޔެވެ.؟ މިގޮތުން ބަލާއިރު އަދި މާޒީ އަކީ މުސްތަޤްބަލް ބަލާ ލޯގަނޑު ކަމުގައިވާނަމަ މިފަހަރުގެ ބޮޑު އިމްތިޙާނުގެ ބޮޑު ސުވާލަށް ޖަވާބު ދީގެން އަހަރެމެން އެންމެން އޭ ރިޕޯޓެއް ހޯދުމަކީ އުދަނގޫ ކަމެއް ނޫނެވެ.
އަޅުގަނޑާ އެކު ހިންގަވާށެވެ. ޔަޒީދުގެ ގޭގައި ޓަކި ޖެއްސެވުމުގެ ކުރިން ނުވަތަ ވޯޓް ކަރުދާސްކޮޅުގައި ފާހަގަ ޖެހުމުގެ ކުރިން ވަކަރަށް ޖަހާލަމާ ހިނގާށެވެ.
ގިނަ މީހުންނަށް ޔަޒީދު އަކީ ކާކު ކަމެއް މުއާއަކީ ކާކު ކަމެއް އަދިވެސް ނޭގެއެވެ. ތައުލީމީ ގޮތުން ބަލާއިރު ފުދޭވަރެއްގެ ކާމިޔާބީ ތަކެއް ހޯދާފައި ވެއެވެ. ޕްރައިވެޓް އޮފީސް ތަކުގައި ޒިންމާދަރު މަގާމްތަކެއް ފުރާފައިވާކަން ފާހަގަ ކުރަމެވެ. މީގެ ކުރިން މިރަށަށް ޚާއްޞަކޮށް މިދާއިރާ އަށް ވަރަށް އާ ނަމެކެވެ. މިދުވަސް ވަރު ރަށުތެރޭގައި އަޑުގަދަ ނަމެކެވެ. މި މޫސުމް ގައި ބޭއްވޭ ފުޓްބޯޅް މުބާރާތްފަދަ ތަންތަނުގެ ކުރީސަފުން ފެންނަ ޒުވާން މޫނެކެވެ. އެއަށްވުރެވެސް، ސޯޝަލް މީޑިއާ ގައި ވަރަށް މަޝްހޫރު ނަމެކެވެ. ތަރައްގީއާއި އުފާވެރިކަން ރައްޔިތުންނަށް ގެނެސްދިނުމަށް ގިނަގުނަ މަސައްކަތް ތަކެއް ކޮށްދިނުމުގެ ވައުދާއެކު މި ދާއިރާ އަށް ކުރިމަތިލާފައިވާ ޔަޒީދުގެ މެނިފެސްޓޯ ކިތަންމެހާވެސް ފުރިހަމައެވެ. ޚާއްޞަކޮށް މާއްޑޫގެ ޕްލޭނެވެ. އޭދަފުށީގެ ރައްޔިތުންނަށް ތަރައްގީ އާއި އުފާވެރިކަން ޔަގީން ކޮށްދިނުމުގެ ގޮތުން މާއްޑޫ އަކީ އޭދަފުށި މީހުންނަށް ހަދިޔާ ކޮށްދޭ ކުޑަކުޑަ ސިންގަޕޫރަކަށް ހަދައިދޭނެ ކަމުގެވައުދު އެއީ އޭދަފުށި ކޮންމެ ދަރިއަކުވެސް ފުންކޮށް ވިސްނާނެ ކަމެކެވެ. އަދި ކޮންމެ ރައްޔިތަކުވެސް އެދިއެދި ހުރި ކަމެކެވެ. ސުވާލަކީ މާއްޑޫއަކީ އަދިވެސް ފަޅުރަށެއް ނޫންހެއްޔެވެ.؟ އެހެން ގޮތަކަސް ބަދަލުވީ ކަމެއް އަދި ރަސްމީ ގޮތުން އެގިފައެނެތެވެ. އިވޭ އަޑުތަކަށް ބަލާއިރު ކައިރި މުސްތަގްބަލެއްގައި އެރަށް ވާނީ އޭދަފުށީގެ ބަޔަކަށެވެ. އޭރުން އެރަށުގެ ބާރުވެރި ފަރާތަކަށް ވާނީ އޭދަފުށީގެ ކައުންސިލެވެ. އެހެން ކަމަށް ވާނަމަ އެރަށް ތަރައްގީ ކުރާނީ ސަރުކާރަކުން ނޫން ހެއްޔެވެ. ނުވަތަ ސަރުކާރުގެ ލަފާގެ މަތިން ކައުންސިލަކުން ނޫންބާވައެވެ؟ ވީމާ މިހާރުގެޙާލަތަށް ބަލާއިރު އެކަކަށް ވެސް މާއްޑޫގެ ތަސައްވުރޭ ކިޔާފައި ވާހަކަ ދެއްކޭކަށް ނެތް ނޫންތޯއެވެ . ވީމާ މި ނޫން އިތުރު ވާހަކަ ތަކެއް ނުވަތަ ރައްޔިތުންނަސް ކޮށްދޭނެ ކަންތައްތަކެއް، ރައްޔިތުންނަށް ވިއްކަން އެބަޖެހެއެވެ. ރައްޔިތުން ގަބޫލުކުރާ، ބަލައިގަންނަން ފަސޭހަ ވާހަކަ ތަކަކަށް ވެސް ވާން ޖެހޭނެ އެވެ.
ދެން ހުންނެވީ ޙިސާން އެވެ. ޤާނޫނީ ވަކީލެކެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެމް.ޑީ.ޕީ. ސަރުކާރުގައި މި ދާއިރާއަށް އެމް.ޑީ.ޕީ.އިން ކަނޑައަޅާފައި ހުންނެވި މެމްބަރު ނުވަތަ މަންދޫބެވެ. އެންމެ ކުޑަ މިނުން މި ދާއިރާ އަށް ވަޑައިގެންރައްޔިތުންނާ ބައްދަލު ކޮށް ލެވިފައިވެސް ނުވާއިރު މިއަދު ވަޑައިގެން ދާއިރާގެ ކުރިމަގާ ، ދާއިރާ ތަރައްގީ ކުރުމަށް ކިތަންމެ މޮޅު ވާހަކަ ތަކެއް ދެއްކެވިޔަސް އެވާހަކަތައް އަހާނޭ މީހުން ހަމަ ވަރަށް މަދުވާނެ ކަން ޙިސާން އަށް އެގިވަޑައިގަންނަވާނެއެވެ. އެހެނީ ޙިސާން އަށްލިބިވަޑައިގެންނެވި ރަނުގެ ފުރުޞަތުގެ ބޭނުން ނުހިއްޕެވީތީއެވެ. ޙިސާންގެ އަތްޕުޅުގައި އާރާއި ބާރު އޮތް ދުވަހު މި ދާއިރާ އަށް އެއްވެސް ކަމެއް ކޮށް ނުދެވުނު އިރު މަޖްލީހަށް އިންތިޚާބު ވިޔަސް ޙިސަންވާނީ ހަމަ ޙިސާން އަށް ކަން އަހަރެމެން އެންމެންނަށް އެގޭ ފަދައިން ޙިސާން އަށް ވެސް އެގިވަޑައިގަންނަވަން ވާނެއެވެ.
އަޙްމަދު ސަލީމުގެ ވާހަކަ ނުވަތަ ޢާއްމު ނަމުން ދަންނަވާނަމަ ރެޑްވޭވް ސަލީމު ކިރާލަމާ ހިންގަވާށެވެ. އަނެއް ދެ ކެންޑިޑޭޓުންނަށް ވުރެ އުމުރުން ދޮށި ބޭފުޅެކެވެ. މިހާރުވެސް މި ގޮނޑި ފުރުއްވަމުން ގެންދަވަނީ ސަލީމް ކަމަށް ވާތީ ތަޖްރިބާގެ ގޮތުން ސަލީމް އެހުންނެވީ އަނެއް ދެ ބޭފުޅުންނަށް ވުރެ ކުރީގައެވެ. އެގޮތުން އިތުރު ވަހަކަ އެއް ދެއްކުމުގެ ބޭނުމެއްނެތެވެ. އެކަމަކު ސަލީމް މިދާއިރާ ގެ ގޮޑީގައި އިންނަވައިގެން ކުރެއްވި މަސައްކަތުގެ ވާހަކަ އާއި ނަތީޖާގެ ވާހަކަ އަކީ ދައްކަން ޖެހޭ ވާހަކަ އެކެވެ. ހުރިހާ ކަމެއް ތިމާމެންނަށޭ ފާޅުގައި ބުނަމުން ދިޔަ އެމް.ޑީ.ޕީ ސަރުކާރުގައި އިދިކޮޅު ޕާޓީ އަށް އެއްވެސް ފުރުސަތެއް ނުދިނުމަކީ އެ ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތުކަން އެންމެންނަށްވެސް އެގޭނެއެވެ. އެހެންކަމާއެކުވެސް ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވާކަންތައްތައް ކޮށްދެވޭތޯ މަޖްލިހުގެ އެތެރެ އާއި ބޭރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. މަޖްލީސްގެ ތެރެއިން ކުރެވުނު މަސައްކަތުގެ ތެރޭގައި ހިތާދޫ ގައި ނަރުދަމާ އާއި ފެނުގެ ނިޒާމު ޤާއިމް ކުރުމާ ކަނޑުތޮށި ލުމަށް ބޭނުންވާ ފައިސާ ހިމަނުއްވައި އެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ވަރަށް މަސައްކަތް ކުރެއްވިއެވެ. ކޮންމެވެސް ދިމާލަކުން އެކަންކުރިއަނުދީ ހިފެހެއްޓުމަކީ މުޅިން އެހެން ކަމެކެވެ. ހަމަ އެގޮތަށް މާޅޮހަށް ވެސް ނަރުދަމާ އެޅުމަށް މަޖްލިސް ގައި ކުރެއްވި މަސައްކަތުން އެ ފައިސާ ބަޖެޓްގައި ހިމެނުއްވިއެވެ.
އޭދަފުށީގެ ވާހަކަ އެއް ނުދައްކާނަމެވެ. ކުރުކޮށް ބުނާނަމަ ސަލީމްވަރުގެ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވި އެއްވެސް މެންބަރަކު އޭދަފުށީގެ ރައްޔިތުން ނުދެކެއެވެ. ސަލީމް ހިމެނެނީ ބޭނުން ކޮންމެ އިރަކު ބައްދަލު ކޮށްލެވޭ، ބޭނުން ކޮންމެ ވާހަކަ އެއް ޝައުޤުވެރި ކަމާއެކު އަޑުއަހާ، ޒުވާނުންގެ ވަރަށްބޮޑު އެހީތެރި އެއްގެ ގޮތުގައެވެ.
ކޮންމެއަކަސް މިފަހަރު ވޯޓް ލާއިރު އިތުރަށް ވިސްނަން ޖެހޭ ކަމަކީ މިއީ ޕީ.ޕީ.އެމް އާއި ގުޅިފައިވާ އިއްތިޙާދުގެ ސަރުކާރެއް ކަމެވެ. ސަރުކާރުން މި ދާއިރާއަށް ކޮށް ދިނުމަށް ކަނޑައަޅާފައިވާ ކަންތަކާއި ބަޖެޓްކުރެވިފައި ހުރި ކަންތައްތައް ހަލުވި ކަމާއެކު ނިންމަން ރައްޔިތުން ވަނީ އިންތިހާއަށް ބޭނުން ވެފައެވެ. މި ބޭނުން ތަކަށް ޢަމަލީ ސިފަ ގެނައުމަށް ޓަކާ ކޯލިޝަނުން ނުކުމެފައިވާ މީހަކަށް ވޯޓް ދިނުމުގެ މުހިންމު ކަން ބޮޑެވެ. އެކަން ގަބޫލު ކުރަން ޖެހެއެވެ. އެއް ސަބަބަކީ ސަރުކާރުގެ ބައިވެރިއަކަށް ވޯޓް ދިނުމުން މަސައްކަތުގެ ސްޕީޑް އެތައް ގުނަ އެއް އަވަސް ވާނެތީއެވެ. ތަރައްގީގެ އޮއިވަރު، ދާއިރާގެ ރަށްތަކުގެ ކަނޑުއޮޅި ތަކުން ވަދެގެން ގޯތީގެ ހަތަރު ފާރާ ހަމައަށް ފޯރުމަށް ހޭދަވާ ވަގުތު ކުޑަވެފައި މަގު ކުރު ވާނެތީއެވެ. އެހެން ކަމުން ކޮންމެ ދައުރެއްގައިވެސް އެއިރަކު ސަރުކާރު ހިންގާ ބަޔަކަށް ތާއީދު ކުރުމަކީ ރައްޔިތުންނަށް ޓަކާ އަދި ތަރައްގީ އާއި ކުރިއެރުމަށް ޓަކާ ކުރަން ޖެހޭނެ ކަމެއްކަމުގައި ދަންނަވަން ކެރިދާނެ އެވެ. އެހެން ނޫންނަމައެއީ ގައުމީ މަސްލަޙަތަށްވުރެ އަމިއްލަ މަސްލަޙަތު ކުރިއަށް ނެރެވުނީ އެވެ. ރަށާ ދާއިރާގެ ކުރިއެރުމަށް ނޫނެކޭ ބުނެވުނީއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު