އިރުމަތީ ހުރަސްވާޓަރު ނިންމުމަށް 1.5 މިލިޔަން ރުފިޔާ ކައުންސިލާ ހަވާލުކުރަނީ

މިދިޔަމަހު ހައުސިންގް މިނިސްޓަރ ޑރ މުއިއްޒު އޭދަފުއްޓަށް ވަޑައިގެން އިރުމަތީ ހުރަސްވާޓަރުގެ ހާލަތު ބައްލަވާލައްވަނީ. މިތަނުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ކައުންސިލުން ބުނޭ. ފޮޓޯ: އީވީ ފައިލް

މިދިޔަމަހު ހައުސިންގް މިނިސްޓަރ ޑރ މުއިއްޒު އޭދަފުއްޓަށް ވަޑައިގެން އިރުމަތީ ހުރަސްވާޓަރުގެ ހާލަތު ބައްލަވާލައްވަނީ. މިތަނުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ކައުންސިލުން ބުނޭ. ފޮޓޯ: އީވީ ފައިލް

މަރާމާތުނުކުރެވި ހަލާކުވަމުންދާ އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްވާޓަރުގެ ކޮންކްރީޓް މަސައްކަތްތައް ނިންމުމަށް ދައުލަތުގެ ބަޖެޓުން 1.5 މިލިޔަން ރުފިޔާ އޭދަފުށީ ކައުންސިލާ ހަވާލުކުރުމަށް ނިންމާފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ރޭ އީވީއަށް ވިދާޅުވީ އެމަސައްކަތަށް ބޭނުންވާ ފައިސާ ހައުސިންގް މިނިސްޓްރީއަށް ލިބިފައިވާކަން އެމިނިސްޓްރީން މިދިޔަ ހަފްތާތެރޭ އަންގާފައިވާކަމަށާ، އެފައިސާ ވަރަށް އަވަހަށް އޭދަފުށީ ކައުންސިލާ ހަވާލުކުރާނެކަމަށެވެ. އަދި އެމަސައްކަތް ކުރިޔަށްގެންދާނޭ ގޮތުގެ ޑިޒައިންއާ، ޕްލޭންތައް މިހަފްތާތެރޭގައި ކައުންސިލާ މިނިސްޓްރީ ގުޅިގެން ނިންމައި އަންނަ ހަފްތާ އެމަސައްކަތް ބީލަމަށް ލައްވަން މަސައްކަތް ކުރައްވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
“މިއަދު ހަވީރު އޮފީސްވެސް ބަންދުކުރި ފަހުން މިނިސްޓްރީގެ އިންޖިނިއަރ އަޅުގަނޑާ ގުޅުއްވި ޑިޒައިން ކުރުމުގެ ކަންތަކާ ގުޅޭގޮތުން. ކުރިޔަށް އޮތް ދެތިންދުވަހުގެ ތެރޭގައި އެކަން ނިންމާ މިނިސްޓްރީއަށް ފޮނުވޭނެ. އަދި އަންނަހަފްތާ އިޢްލާން ކުރެވޭވަރުވާނެ. މިހާރު މިނިސްޓްރީގައި އެހުރީ ފައިސާ ޖަމާވެފައި. އެހެންވީމާ މާލަސްތަކެއް ނުވާނެދެނެއް” އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިމަސައްކަތް އަވަހަށް ނިންމޭތޯ މިނިސްޓްރީންވެސް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާ، ކުރިޔަށް އޮތް މަހެއްހާދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށައިގަނެވޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެކަމަށެވެ.
އޭދަފުށީ އިރުމަތީ ހުރަސްތޮށިގަނޑު ހެދުމުގެ މަސައްކަތް ފެށުމުގެ ވާހަކަތައް ފެންމަތިވެފައިމިވަނީ މިދިޔަ ޖެނުއަރީމަހު ހައުސިންގް މިނިސްޓަރ އޭދަފުއްޓަށް ވަޑައިގެން އެމަސައްކަތް ވަރަށްއަވަހަށް ނިންމަވައިދެއްވާނެކަމަށް ވިދާޅުވެފައިވެސް ވަނިކޮށެވެ.
2004 ސުނާމީގައި އަރިއަޅާލައި ވެއްޓުމާ ދާދިގާތުގައި އޮތް ތޮށިގަނޑު ނަގައި މިހާރު ފެންނަން އެހެރަގޮތަށް ހަމައެކަނި ޝީޓްޕައިލްޖެހީ 2010ވަނަ އަހަރުގެތެރޭގައި އޭދަފުށީ ރައްޔިތުންގެ މާލިއްޔާއިން ބޮޑުހަރަދެއްކޮށްގެންނެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު