އެސްޓީއޯއިން އަތޮޅުތެރެއަށް ޚިދުމަތެއް ކޮށްދޭތަ؟

އެސްޓީއޯ އޭދަފުށި ފިހާރަކައިރިން ބަޔަކު ހިނގާފައި ދަނީ. މިފިހާރައިގައި އެސްޓީއޯގެ ހުރިހާ ހިދްމަތްތައް ލިބޭކަށް ނުހުރޭ. / އީވީފޮޓޯ: އަބްދުލްޤައްޔޫމް

އެސްޓީއޯ އޭދަފުށި ފިހާރަކައިރިން ބަޔަކު ހިނގާފައި ދަނީ. މިފިހާރައިގައި އެސްޓީއޯގެ ހުރިހާ ހިދްމަތްތައް ލިބޭކަށް ނުހުރޭ. / އީވީފޮޓޯ: އަބްދުލްޤައްޔޫމް

އާސަރުކާރު ވެރިކަމާހަވާލުވިފަހުން އިވޭ އެންމެއުފާވެރި އެއްޚަބަރަކީ ބަގުރޫޓްވެފައި އޮތް އެސްޓީއޯ ނަގާ ކޮޅަށް ޖެހުމަށްފަހު މަހުން މަހަށް ރެކޯޑްމިންވަރަކަށްފައިދާ އިތުރުވަމުންދާ ވާހަކައެވެ. މިއީ ހިއްސާދާރުންގެ އިތުރުން ކޮންމެ މީހަކަށްވެސް އޮތް އުފާވެރިޚަބަރެކެވެ. އެސްޓީއޯގެ ވިޔަފާރިއަކީ އެންމެ އާދައިގެ މީހާއަށްވެސް ގަނެވޭފަދަ ހެޔޮއަގެއްގައި ލިބެންހުންނަ އެއްޗެތި ކަމަށްވާތީއެވެ.ދިވެހިންގެ ކެއުމުގައި އެންމެ ބޮޑަށް ބޭނުންކުރާ އަލުވި،ފިޔާ،ބިސް ފަދަ ތަކެތި ކޮންޓްރޯލް ވެފައި އޮންނަނީ އެސްޓީއޯ ގެ ސަބަބުންކަމުގައި ވާތީއެވެ.ރައްޔިތުންނަށް ބޭނުންވާ އަސާސީ ބައެއްތަކެތީން ފެށިގެން ލަގްޒަރީ ސާމާނާއިހަމައަށް ރަގަޅުއަގުގައި އިތުބާރާއެކު ލިބެން ހުންނަ ތަނަކަށް އެސްޓީއޯ ވާތީވެސް މެއެވެ.

އެކަމަކު މިހުރިހާ ކަމެއް ޖަމާވެފައިއޮތީ އެހެނިހެން ގިނަ ޚިދުމަތް ތަކެކޭ ވެސް އެއްފަދައިން މާލެއަށް ކަމުގައި ވާތީ އަތޮޅުތެރޭގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާ ބޮޑު ޝައުގުވެރިކަމެއް އެސްޓީއޯއިން ފެންނަމުން ނުދާ ވާހަކަދެންނެވިދާނެއެވެ. އަބަދުވެސް އިވެނީ މާލޭމީހުންނަށް އަމާޒުކޮށްގެން ޕްރޮމޯޝަންތަކާއި ސޭލްތަކާއި އާ ކަންތައްތައް ތަޢާރަފްކުރާ ވާހަކައެވެ. މިހެން ދަންނަވާއިރު އަތޮޅުތެރޭގެ މަދުރަށެއްގައި އެސްޓީއޯގެ ފިހާރަތަކެއް ބޮޑުއިމާރާތް ތަކެއްގައި މަދު މުދާކޮޅެއްލައިގެން ހިންގާކަން ނޭގެނީއެއް ނޫނެވެ. މަޖްބޫރުވެގެން ކުރާ ކަމެއްގެ ގޮތުގައި ނުމިޔެ ނުދިރި އެފިހާރަތައް އުފެއްދި އިރުވެސް ހުރި ކެޕިޓަލް އާއި އެއްވަރަށް އިތުރު ކުރިއެރުމެއް ނައިސް އެބަހިންގައެވެ. ސަރުކާރުގެ އޮފީހެއް ހިންގާ ގޮތަށް ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ. އެކަމަކު މިއީ ފިހާރަފަދަ ތަންތަން ހިންގާގޮތެއް ނޫނެވެ. ހިތަށްއަރަނީ މި ގޮތަށް ފިހާރަ ހިންގައިގެން މިތަންތަނުން ފައިދާ ވޭބާވައެވެ. ގެއްލުންވަމުންދާނަމަ މިއީ ކީއްކުރަން ކުރާ ކަމެއްބާއެވެ.

މި ފިހާރަތައްވެސް މާލޭގައި ހުންނަ އެސްޓީއޯ ސުޕަރމާޓް ގޮތަށް ހިންގުމުގެ ވިސްނުން ގެންގުޅޭނެނަމަ ހާދަހާ ރަނގަޅެވެ.މިގޮތަށް ބަދަލުކޮށްގެން ބޭނުންވާ މުދާ ރަނގަޅުއަގުގައި ލިބެން ހުންނަނަމަ އެތަންތަނުން ވެސް ބޮޑުފައިދާ ލިބުމުގެ އިތުރުން ރައްޔިތުންނަށް އެކޮށްދެވެނީ ހާދަހާ ބޮޑު ކަމެކެވެ. ތަކެތި ގަތުމަށް ކުރަންޖެހޭ ދިގު ދަތުރު ކުރުވެ ޖީބަށްވެސް ހާދަހާ ބޮޑަކަށް އެލުއިވީއެވެ. މިހާރު އެސްޓީއޯއިން އަތޮޅު ތެރޭގައިހިންގާ ފިހާރަތަކަކީ ހަގީގަތުގައި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކާ ހިންގާ ތަންތަންކަމުގައި ގަބޫލެއް ނުކުރެވެއެވެ. ހުސް ހަރުތަކެއް ޖަހާފައި އެތަންތަނުގައި މި ހުންނަނީ ހަމައެކަނި އެސްޓީއޯ އިން އެތެރެކުރާ މަދު ބާވަތްކޮޅެއް ކަމުގައި ވާތީއެވެ.

ދެން އޮތީ އެއީ ވިޔަފާރިއަށް ވުރެ ބޮޑަށް ޚިދުމަތެއްގެ ގޮތުގައި ކުރާ ކަމެއްކަމުގައި ބަލައިގަތުމެވެ. އެހެންކަމަށްވާނަމަ މިޚިދުމަތް ފުޅާ ކުރަން ޖެހެއެވެ. އެންމެ ކުޑަމިނުން ކައްކާގޭހާއި ޕެޓްރޯލާއި ޑީސަލް ލިބެން ހުންނަން ޖެހެއެވެ. މިހާރުވެސް ކާޑުގެ ބާވަތްތައް ލިބެންހުންނަ ފަދައިންނެވެ. މިތާގައި ގޭހުގެ ވާހަކަ އަޅުގަނޑު އަންޑަރލައިން ކޮށްލާހިތް ވެއެވެ. ސަބަބަކީ ޑިމާންޑްއާއި އެއްވަރަށް ސަޕްލައި ނުކުރެވޭތީއެވެ. ގޭސް ފުޅިއެއް ހޯދަން ކުރަން ޖެހޭ މަސައްކަތް ބޮޑުވެފައި އެ ހުރިތަނަކުން ގެންނަންވެސްޖެހެނީ އަމިއްލައަށް ކަމުގައިވާތީ އަގުބޮޑުވާތީއެވެ. ބައެއްފަހަރު ގޭސް ހިފައިގެންއަންނަ ދޯންޏަށް އަރައިގެން ނުވަތަދޯނި ކައިރިއަށް ގޮސްގެން ވެސް ނުލިބޭތީއެވެ. މި ދައްކަނީ އެއާ ނުލާ ރައްޔިތުންނަށް ދިރި ނޫޅެވޭ އެއްޗެއްގެ ވާހަކައެވެ. ހަމަގައިމުވެސް އޭދަފުށީގައި ބައެއްފަހަރު ގޭސް ނުލިބިގެން ނުކައްކާ ތިބެން ޖެހެއެވެ. އެސްޓީއޯ އިން ކާޑުގެ ބާވަތްތައް ވިއްކަން ހުންނަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށްވާނަމަ މިގިންތީގައި ކައްކާގޭސް ހިމަނަންޖެހެއެވެ. މިކަންތައްތަކަކީ މިހާރު އަތޮޅުތެރޭގައިހުރި ފިހާރަތަކުން ފަސޭހައިން ކުރެވޭނެ ކަންތަކެވެ. އެވަރަށް މުވައްޒަފުން އެބަތިއްބެވެ. ތަނުގައި ކެޕޭސިޓީ އެބަހުއްޓެވެ. އިތުރު އެއްވެސް ޚަރަދެއް ކުރަންނުޖެހި މިހާރުން މިހާރަށްވެސް ފެއްޓިދާނެ ކަންތައްތަކެވެ.

ދާދިފަހުން އެސްޓީއޯގެ ފަރާތުން ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހިންގާނެ ވާހަކަ ވިދާޅުވުމުން އެއީ އެޚިދުމަތަށް އެދިއެދި ތިބި އެތައް ރައްޔިތުން އަތްތިލަބަޑި ޖަހާނެކަމެކެވެ. ކަމުގެ މުހިންމުކަމާ ބޭނުންތެރި ކަމުގެ ބޮޑުކަމުންނެވެ. އޭދަފުށީގައިވެސް ވަރަށްފަހުން ބޭސްފިހާރައެއް ވަނީ ހުޅުވާފައެވެ. އެކަމަކު އަދިވެސް އެތަނަކުން ފުރިހަމަ ޚިދުމަތެއް ނުދެވެއެވެ. ރައްޔިތުންގެ ޝަކުވާ ބައިވަރެވެ. އާސަންދައިގެ ފުރިހަމަ ޚިދުމަތެއް އަދިވެސް ނުދެވެއެވެ. އެތަނުގެ ވަޒީފާއަށް ހޮވާފައި ތިބީ އެއަށްވުރެ ރަނގަޅު މީހުން ކަޓުވާލުމަށްފަހުއޭ ބުނާތީ އަޑުއިވެއެވެ. އާސަންދަ އާއި ބެހެގޮތުން ސުވާލު ކުރުމުން ދެނީ ނިކަން ހިނިއަންނަ ޖަވާބެކެވެ. ބައެއް ބޭސް ތަކުގެ ކޯޓާ ނުލިބެނީޔޯލައެވެ….؟ މިވާހަކަ ގަބޫލު ކުރާނީ ކާކުހެއްޔެވެ.؟

ވީމާ އެސްޓީއޯ އިން މަހުން މަހަށް ރެކޯޑް މިންވަރަކަށް ފައިދާ އިތުރު ވަމުންދާއިރު އަޅުގަނޑުމެން އަތޮޅުތެރެއަށް ވެސް އޭގެ ރާޙަތް ކުރާނެ ގޮތަކަށް ވިޔަފާރި ބައްޓަން ކުރެއްވުމަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމެވެ.މީޑިއާތަކަށް އަރުއްވައިގެން ފޮނިވާހަކަ ދެއްކެމުގެ ބަދަލުގައި އަމަލުންވެސް އެކަން ދައްކަވާށެވެ.

އަޅުގަނޑުގެ މި ވާހަކަ ތައް ދެއްކުން ތަންކޮޅެއް ލަސްވެއްޖެއެވެ. ރިޔާސީ އިންތިޚާބު ބޯމަތިވެފާއޮއްވާ ނުވަތަ މަޖްލިސް އިންތިޚާބަށް ރައްޔިތުންގެ ގާތަށް ވޯޓްހޯދަން އައިދުވަސްވަރު މިޚިޔާލު ތައް ހުށަހެޅިނަމަ ތިންވަނަ ގިޔަރުގާ ފަށައި މިހާރު ހުރީހީ ނިމިފައެވެ. އެކަމަކު މިވާހަކަތައް އެދުވަސްވަރު ކޮންމެވެސް ބަޔަކު އިއްޒަތްތެރި މެންބަރުންގެއަރިހުގައި އޮންނާނީ ދައްކާފައެވެ. އެހެންކަމަށް ވާނަމަ ކުރިއަށްއޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި އަމަލީ ސިފަ ނާންނަންވީ ސަބަބެއްނެތް ދޮގެއްތޯއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top