ޓީޗަރުންނަށް ހަދިޔާ ނުދޭން ތައުލީމީ މަރުކަޒުން އެދިއްޖެ

14495287_1551987688161109_7521197359971564395_n.jpg

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަޤްވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް ހަދިޔާ ނުދިނުމަށް އެމަރުކަޒުން އެދިއްޖެއެވެ.

މިގޮތަށް އެމަރުކަޒުން އެދުނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމާބެހޭގޮތުން އެމަރުކަޒުން އާންމުކޮށް ނެރުނު އެންގުމެއްގައެވެ. ތައުލީމީ މަރުކަޒުގެ އެންގުމުގައިވަނީ ކޮންމެ އަހަރަކުވެސް ޓީޗަރުންގެ ދުވަހު ބެލެނިވެރިންނާއި، ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް އަގުބޮޑެތި ހަދިޔާތައް ދެމުންދާކަމަށާ، މިއީ ތައުލީމީ މަރުކަޒުގެ މެނޭޖްމަންޓުން ތަރުހީބުދޭ ކަމެއްނޫން ކަމަށެވެ. އަދި މިއަހަރުގެ ޓީޗަރުންގެ ދުވަހު މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެދޭކަމަށްވެސް ތައުލީމީ މަރުކަޒުގެ އެންގުމުގައި ވެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފިޝަލް އީވީއަށް ވިދާޅުވީ ހަދިޔާ ދިނުމަށް މެނޭޖްމަންޓުން ތަރުހީބު ނުދެނީ އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް އުފެދެމުންދާތީކަމަށާ، އެކަމުގެ ނޭދެވޭ އަސަރު ބެލެނިވެރިންނާ، ދަރިވަރުންނަށް އަދި ޓީޗަރުންނަށްވެސް ކުރާކަމަށެވެ.

“މިދިޔަ އަހަރުތަކުގައި ވަރަށް އަގުހުރި ހަދިޔާ ބައެއް ބެލެނިވެރިން ޓީޗަރުންނަށް ދީފައި އެބަހުރި. މިކަން ސަގާފަތަކަށް ބަދަލުވެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ހަގީގަތުގައި. އެސަބަބާހުރެ މިކަން ނުކުރަން އެދުނީ. އަދި މިކަމުގެ ސަބަބުން ބެލެނިވެރިންނާ، ދަރިވަރުންގެ ތެރޭގައި ވާދަވެރި ރޫހެއް އާލާވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް މެނޭޖްމަންޓްގައި އެބައޮތް” އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އަގުބޮޑެތި ހަދިޔާތަކުގެ ބަދަލުގައި މުނާސަބަތާގުޅޭ ކާޑު ދިނުމަށް މަރުހަބާކިޔާ ކަމުގައެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒު ޕީޓީއޭއާ، ސްކޫލް މެނޭޖްމަންޓް ގުޅިގެން މިއަދު ހެނދުނު އެސްކޫލްގައިވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. އަދި އެސްކޫލް މިއަދު އޮތީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top