300 މީހުންނާއެކު ގޮއިދޫގައި “ބޮޑު އީދު ހަރަކާތްތައް ފަށައިފި”

ghff.jpg

ބޮޑުއީދަށް ތައްޔާރު ވުމުގެ ގޮތުން ގޮއިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު އެރަށް ސާފުކުރުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: އޭދަފުށީ ވޮއިސް

އަންނަ އަޟްހާ އީދަށް ބ. ގޮއިދޫގެ ރަށުތެރެ ޒީނަތްތެރިކުރުމާއި، ކުޅިވަރުތަކަށް ތައްޔާރުވުމުގެގޮތުން އެރަށު ރައްޔިތުން މިއަދު ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

މިއަދު މެންދުރު ފަހު ފެށި މިހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ކުރިޔަށް ދިޔައީ އެރަށުގެ މަގުތަކާ، އިޖްތިމާއީ ސަރަހައްދުތައް ސާފުކުރުމާއި، އެސަރަހައްދުތައް އާބާތުރަ ފިލުވުމުގެ މަސައްކަތެވެ. ގޮއިދޫގެ އީދު ކުޅިވަރު ހިންގުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެރަށު ޔޫތް ސޮސައިޓީ ޖަމްއިއްޔާއިން ބުނީ މިއަދުގެ ހަރަކާތުގައި ރަށް ބަހާލެވިފައިވާ 3 ގުރޫފުން ޖުމްލަ 300 އެއްހާ މީހުން ބައިވެރިވިކަމަށާ، މަސައްކަތުގެ ފޯރި ވަރަށް ގަދަކަމަށެވެ.

އެޖަމްއިއްޔާގެ ރައީސް އަހްމަދު ރިޔާޒު އީވީއަށް ވިދާޅުވީ ގޮއިދޫއަށް މިހާރު އީދު ފެށިއްޖެ ކަމަށާ، ހައްޖުދުވަހާ ހަމައަށް ކުރިޔަށްދާނީ އީދާ ގުޅުންހުރި ކަންކަން ތައްޔާރުވުމާއި، ވޯމްއަޕް ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ މިހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ 3 ގުރޫޕުންވެސް އީދު ދުވަސް އައުމުގެ ކުރިން ކުޅިވަރުތަކަށް ވާންޖެހޭ ތައްޔާރީތައް ރެޑީކުރުން ކަމަށެވެ.

“ދެން މިއޮތީ އީދު ފެށިފަ ގާތްގަޑަކަށް. މިހަރަކާތްތައް ކޮންމެ އަހަރަކުވެސް މިހިސާބުން ފެށޭނެ. ހަމަ ހުރިހާ ރައްޔިތުން އުޅޭނީ މިކަންތައްގަނޑުގަ ދެން އީދު އަންނަންދެން. ދަންވަރެއް ދުވާލެއް ނޯންނާނެ. އަޅުގަނޑަށްވެސް ދެން ނޭންގޭނެ ހަގީގަތުގައި ކަންކަން ހިނގަމުންދާގޮތެއް. ފެންނާނީ ކުރާތަން.” އީދު ކުޅިވަރު ރާވާ ހިންގުމުގެ އާރުކާޓީގެ ގޮތުގައި ވޭތުވެދިޔަ ހައެއްކަ އަހަރު ގޮއިދޫ ޔޫތް ސޮސައިޓީގައި މަސައްކަތް ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މިއަހަރު އެރަށުގައި އީދުގެ ހަރަކާތްތައް ދެހަފްތާގެ މުއްދަތަށް ކުރިޔަށް ދާނެކަމަށާ، ރައްޔިތުންގެ ތެރޭގައި އުފެދިފައިވަނީ އާދައިގެ ރޫހެއް ނޫންކަމަށެވެ.

“މިހާރު މިފެށިގެން ދަނީ ތައްޔާރީތައް. މިކަމުގެ ސަބަބުން އެކުވެރިކަމާ އެއްބައެއްވަންތަކަން ވަރަށް ބޮޑަށް ވަރުގަދަކޮށްދޭ ހަގީގަތުގައި. އީދުކުޅިވަރުތައް އީދު ނިމުނަސް އެހަފްތާގެ ބަންދާ ހަމައަށް ކުރިޔަށް ގެންދަން ރައްޔިތުން މިހާރުވަނީ ނިންމާފައި. އަނެއްކާ އެހަފްތާއަކީ ސްކޫލް ބަންދު ހަފްތާއެއްވީމާ، މިކަމުގައި ވަރަށް ގިނަ ބަޔަަކަށް ބައިވެރިވާން ފުރުސަތުވެސް އެބަލިބޭ”

އަންނަ ހަފްތާގެ ހުކުރު ދުވަހަކީ މިއަހަރުގެ އަޟްހާ އީދު ދުވަހެވެ. ގޮއިދޫ ކައުންސިލުން ބުނެފައިވަނީ އީދުގެ ކުޅިވަރުތަކާ މަޖަލުގައި ބައިވެރިވުމަށް ރަށުން ބޭރުން ގިނަބަޔަކު މިހާރުވެސް ގޮއިދޫއަށް ޒިޔާރަތް ކުރަމުންދާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top