ބ. ކެންދޫ ފެނުގެ ނިޒާމް ގާއިމް ކުރަން މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކެންދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. މޯހަން މުތާ އެކްސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިންޖިނިއަ މިސްޓަ ވިވެކެވެ.
ކެންދޫ ފެނުގެ ނިޒާމް މަސައްކަތް ނިންމަން އިންޑިޔާގެ މޯހަން މުތާއާ ހަވާލުކުރިއިރު އިތުރު ދެރަށެއްގެ މަސައްކަތްވެސް އެކުންފުންޏާ މިއަދު ހަވާލުކުރިއެވެ. 3 ރަށުގެ މުޅި މަސައްކަތަށް މޯހަން މުތާއަށް ޕްރޮޖެކްޓް ހަވާލުކުރީ 15.4 މިލިޔަން ރުފިޔާއަށެވެ. މިމަޝްރޫއުގެ ދަށުން ކެންދޫގައި އާރޯ ޕްލާންޓަކާއި 50 ޓަނުގެ ސްޓޯރޭޖް ޓޭންކެއް ބަހައްޓާނެކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެއެވެ.
މިމަޝްރޫއަށް ފަންޑު ކޮށްދެއްވަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިންނާއި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.
މިމަޝްރޫއުގެ ދަށުން ބ. އަތޮޅު އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް މިމަހު ފެށިގެން ކުރިޔަށް އެބަދެއެވެ. އަދި ތުޅާދޫގައިވެސް މިއަހަރުގެ ކުރީކޮޅު ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.