ޑރ. ޣަފޫރުގެ ކޮލަމް: ކީރިތި ގުރުއާނުން ފިލާވަޅެއް. ދަތިތަކާއި މުސީބާތްތައް ކުރިމަތިވުން

content_shutterstock_144203029.jpg
ދަތިތަކާއި މުސީބާތްތައް ކުރިމަތިވަނީ ކީއްވެގެންކަމުގެ މައްޗަށް ދީނީ ނަޒަރަކުން ބަލާލަން ބޭނުން ނަމަ، ކީރިތި ގުރުއާނުގައި އެކަން ބަޔާންކުރެވިފައި އޮވެއެވެ. އަންޢާމު ސޫރަތުގެ، ތިރީގައި ނަންގަނެވިފައިވާ، އާޔަތްތަކުގައެވެ.
އެއާޔަތްތަކަށް ނަޒަރު ހިންގާލުމުން ދޭހަވަނީ، ނުބައިކަންކަމުގައި އިންސާނާ ހައްދުފަހަނާ އަޅައި ދިޔުމުގެ ސަބަބަކީ ބޮޑާކަމާއި އެކަމުގެ ސަބަބުން އޭނާގެ ހިތް ހަރުވުމެވެ. އެހެން ވުމުން، ނުބައި ކަންކަން ކުރުމުގެ ޖެހިލުންވުމުގެ ސިފަ ނެތި ގޮސް، އިންސާނާގެ ޒަމީރު މަރުވެ ދެއެވެ.
މިގޮތަށް ކަންތައްވެ، ތަނުގައި އަނިޔާވެރިކަމާއި ފަސާދަ އާންމުވުމުން، މާތްރަސްކަލާނގެ، މީސްތަކުންނަށް އެކަން ހަނދުމަކޮށްދެއްވައެވެ. ދަތިތަކާއި މުސީބާތްތައް މެދުވެރިކުރައްވައެވެ. ނުބައި ވެރިންނާއި ހާކިމުން މީސްތަކުންގެ މައްޗަށް ވެރިކުރުވުން މެދުވެރިކުރައްވައެވެ. މިކަންކަން ކުރިމަތިވުމުން، މީސްތަކުން، އެމީހުންގެ ހާލަތުގެ މައްޗަށް ވިސްނައި، އެމީހުންގެ ހިތްތައް މަޑުމޮޅިވެ، އެކަލާނގެ މަގަށް ރުޖޫއަވޭތޯއެވެ. އަނިޔާވެރިކަމާ ދުރުވެ، ނިޔާގެ މަގަށް – ކަންކަން ކުރަންވީ ރަނގަޅު، ހެޔޮ، ގޮތުގެ މަގަށް- ރުޖޫއަވޭތޯއެވެ. ފަސާދައާއި ވައްކަމާއި ފޭރުމާއި ބަދުއަޚުލާގީ އަމަލުތައް ސިއްރުގައްޔާއި ފާޅުގައި ކުރުން އާންމުވުމާއި މީސްތަކުންގެ ހައްގުތަކަށް އަރައި ގަތުން، މިކަންކަން ނެތިކޮށް، ހައްގުގެ މަގަށް ރުޖޫއަވޭތޯއެވެ.
އާދެ، ޝައްކެއް ނެތް ގޮތުގައި ދަތިތަކާއި މުސީބާތްތައް ކުރިމަތިވުމުން ގެއްލުމާއި ހިތްދަތިކަން ތަހައްމުލުކުރަން ޖެހެއެވެ. ނަމަވެސް، މިއީ އެކަމުގައި، މަތީގައި ނަންގަނެވުނު އީޖާބީ ސިފަ، ރަނގަޅު ގޮތް، ވެސް އެކުލެވޭ ކަމެކެވެ. އެހެންވެ، ތިރީގައި ބަޔާން ކުރެވިފައިވާ އާޔަތް ކޮޅު ކިޔައި އެއާ މެދު ފުންކޮށް ވިސްނާލުން އެންމެ ރަނގަޅު ކަމަށް ފެނެއެވެ. ނުރަނގަޅު މަގަށް ގެންދިޔުމަށް ސަބަބު މެދުވެރިކުރުވާ ބޮޑާކަމާއި ކިބުރުވެރިކަމުން ދުރުވެ، ހިތްތައް މަޑު މޮޅިކޮށް، އަނިޔާވެރިކަމާއި ފަސާދައިގެ މަގުން ދުރުވެ، އެންމެންނަށް އަޅާލައި ކަމޭހިތުމުގެ އެދުމެއް އުފެއްދޭތޯއެވެ.
May be an image of text

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top