ޑރ ޝާންގެ ދަތުރާ އެކު އޭދަފުށީ މެޑިކަލް ސެންޓަރަށް ބާރު ބޮޑުވެއްޖެ!

maxresdefault.jpg

ޑރ ޝާން. މިމަހުގެ 9-12 ށް އޭދަފުށީ މެޑިކަލް ސެންޓަރުގައި ބަލިމީހުން ބައްލަވާނެކަމަށް އެސެންޓަރުން ބުނޭ.

ކަށީގެ ޚާއްސަ ޑޮކްޓަރ ޑރ ޔޫސުފް ޝާން، އޭދަފުށީ މެޑިކަލް ސެންޓަރގައި މިމަހު ފަރުވާ ދެއްވާނެކަން އިޢުލާން ކުރުމާއެކު، އެސެންޓަރުގެ ފޯނުތަކަށް ބާރު ބޮޑުވެއްޖެއެވެ.

އޭދަފުށި މެޑިކަލް ސެންޓަރުން ދޭތެރެ ދޭތެރެއިން ޑރ ޝާން އޭދަފުއްޓަށް ގެނެސްގެން ބަލިމީހުންނަށް ފަރުވާ ދެމުންދާތާ ދެއަހަރަށްވުރެ ގިނަދުވަސްވެއްޖެއެވެ. އޭދަފުށީ މެޑިކަލް ސެންޓަރުގެ މެނޭޖަރ މުހައްމަދު ރަޝީދު އީވީއަށް ވިދާޅުވީ ޑރ.ޝާން އޭދަފުށީ މެޑިކަލް ސެންޓަރަށް ޒިޔާރަތް ކުރައްވާ ކޮންމެ ދަތުރަކީ ވެސް ބާރުބޮޑުވާ ދަތުރެއްކަމަށާ، މިފަހަރުގެ ދަތުރުގެ ފޯރި ބ. އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކަށްވެސް ފޯރާފައިވާކަމަށެވެ. އޭނާ ވިދާޅުވީ 24 ގަޑިއިރުގެ ތެރޭގައި ދުއިސައްތައަށްވުރެ ގިނަ މީހުން ޑރ.ޝާންއަށް ދެއްކުމަށް ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.

“ކޮންމެ ދަތުރަކީވެސް ހާއްސަ ދަތުރެއް. އެހެންނަމަވެސް މިފަހަރު މިވާގޮތަކީ މާބޮޑަށް ވެސް ބާރުބޮޑުވީ. ށ އަތޮޅުންވެސް ނަންނޯޓް ކުރަނީ. ފ އަތޮޅުންވެސް. ބ. އަތޮޅަށްވުރެ އަތޮޅުންބޭރުން އަންނަ ކޯލްތައްވެސް މަދެއްނޫން.” މިދިޔަ ދެއަހަރު ދުވަސްތެރޭގައި 10 ވަރަކަށް ފަހަރު ޑރ. ޝާންގެ ހިދްމަތް އޭދަފުށީ މެޑިކަލް ސެންޓަރު މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދެއްވުމުގެ މުގުލުގައި ހުންނެވި ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އެސެންޓަރަށް އަންނަ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އާންމުގޮތެއްގައިވެސް ބޮޑު ކިޔުއެއް ދަމާލާފައި އޮންނަ ކަމަށާ، ޑރ ޝާން އަަށް ހާއްސަ ދިގު ކިޔުއެއް އަބަދުވެސް އޮންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިމަހުގެ ނުވަޔަކުން ބާރައަށް ޑރ ޝާން އެސެންޓަރަށް ކުރައްވާ ޒިޔާރަތުގައި ވީހާވެސް ގިނަ އަދަދެއްގެ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

2014 ވަނައަހަރު އުފެދުނު އޭދަފުށި މެޑިކަލް ސެންޓަރަކީ ސަރުކާރުން ހިންގާ ބ. އަތޮޅު ހޮސްޕިޓަލް ފިޔަވާ އޭދަފުށީގައި އަމިއްލަ ފަރާތަކުން ފުރަތަމަ ފަހަރަށް ގާއިމްކުރި ހެލްތް ސެންޓަރެވެ. މިސެންޓަރު މެދުވެރިކޮށް ދަތާއި، ކަރުންމަތި، އަދި ކުޑަކުދިންނާ، އަންހެނުންނަށް ހާއްސަ ޑޮކްޓަރުންގެ ތެރެއިން ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު ޑޮކްޓަރުންގެ ކޭމްޕްތައް ދޭތެރެ ދޭތެރެއިން އޭދަފުށީގައި ކުރިޔަށް ގެންދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top