އޭދަފުށީގައި ވިނަދަނޑެއް ނެތުމުން ކުޑަމޫސަ ހައިރާންވެއްޖެ

152783_3_a2a5cbf69948dafea6adf3a4794c605be2e921e0_large.jpg

ކުޑަމޫސަ އޭދަފުށީގައި ހުކުރު ދުވަހު ކުޅުނު މެޗަށްފަހު އޭދަފުށީގެ 2 ލެޖެންޑުން ކަމުގައިވާ ވާހިދު(ވ)، މަޖީދު(ކ.2) ، އަދި އަސްއަދާއެކު / ފޮޓޯ މިހާެރު

ބ. އޭދަފުށީގައި ފުޓްބޯޅަ ކުޅުމަށް ވިނަ ދަނޑެއް ނެތުމަކީ ހައިރާންވާކަމެއްކަމަށް ރާއްޖޭގެ މިދިޔަ ގަރުނުގެ ފުޓްބޯޅަ ސަހްޝިއްޔަތު އަދި ފުޓްބޯޅަ ލެޖެންޑް މޯނިންސަން މޫސާ މަނިކު (ކުޑަމޫސަ) ބުނެފިއެވެ.

ކުޑަމޫސަ މިހެން ބުނީ އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމާއި، މޯލްޑިވްސް ސޮކަ މޭޓް ޓީމް އޭދަފުށީގައި ހުކުރުދުވަހު ކުޅުނު ފުޓްބޯޅަ މެޗްގެ ތެރެއިން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައެވެ. މޫސަ ބުނީ އޭދަފުއްޓަކީ ދިވެހި ފުޓްބޯޅައަށް ގިނަ އަދަދަކަށް ކުޅުންތެރިން އުފައްދާ ރަށެއްކަމަށާ، ނަމަވެސް އެރަށުގައި ފުޓްބޯޅަ ކުޅޭނެ ފެންވަރު ރަނގަޅު ދަނޑެއް ނެތުމަކީ ހައިރާންވިކަމެއް ކަމަށެވެ.

“އޭދަފުއްޓަކީ ދިވެހި ފުޓްބޯޅައަށް ވަރަށް ގިނަ ކުޅުންތެރިން އުފައްދަމުން އަންނަ ރަށެއް. މިކަހަލަ ރަށަކަށް އާދެވުނީމަ އަދި މިމެޗްގައި ބައިވެރިވެވުނީމާ އަޅުގަނޑު ވަރަށް އުފަލުން މިހުރީ. އެކަމަކު އަޅުގަނޑު ވަރަށް ހައިރާންވި ކަމެއް އޭދަފުށީގައި ފުޓްބޯޅަ ކުޅޭނެ ރަނގަޅު ފެންވަރުގެ ދަނޑެއް ނެތުމަކީ. މިރަށަށް ވިނަ ދަނޑެއް ވަރަށް މުހިއްމު. މާލަސްވެއްޖެ ވިނަދަނޑެއް ހެދުންވެސް” އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާ 1990ގެ ކުރީކޮޅު ފުރަތަމަ ޑިވިޜަންގައި ކުޅުނު އިރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ހުރި މޫސަ ބުންޏެވެ.

މޫސަ ބުނީ އޭދަފުއްޓަކީ ފުޓްބޯޅައަށް މަރުދޭ ބަޔަކު އުޅޭ ރަށެއްކަމަށާ، އެރަށުގައި ފުޓްބޯޅަ ވަސީލަތްތައް ގާއިމްކުރެވިއްޖެނަމަ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ދިވެހި ފުޓްބޯޅައަށް އަދިވެސް ނެރޭނެކަމަށެވެ.

“މިއަށްވުރެ ރަނގަޅު ވަސީލަތްތައް ގާއިމް ކުރެވިއްޖެއްޔާ އަދިވެސް މިއަށްވުރެ ރަނގަޅު ކުޅުންތެރިން އުފެއްދޭނެ. ފުރަތަމަވެސް ފެންވަރު ރަނގަޅު ދަނޑެއް އަޅަންވީ”

އޭދަފުށީގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް އެޅުމަކީ މުހިއްމު ކަމެއްކަަމށް ކުޑަމޫސަ ބުނިއިރު އޭދަފުށިގެ މަހުޖަނު އަހްމަދު ނަޒީރު މީގެ ތިންއަހަރު ކުރިން ވަނީ އޭދަފުށީގައި ފެންވަރު ރަނގަޅު ޓާފް ދަނޑެއް އަޅުއްވާނެކަމަށްވެސް ވިދާޅުވެފައެވެ. 2014 ވަނައަހަރު އޭދަފުށި ދާއިރާގެ މަޖިލިސް މެންބަރ އަހްމަދު ސަލީމް ކެންޕޭން ޖަލްސާއެއްގައި ނަޒީރު ވިދާޅުވީ ސަލީމް ހޮއްވަވައިދެއްވައިފިއްޔާ އިރުމަތީ ފުޓްބޯޅަ ދަނޑު އެންމެ ރަނގަޅު ފެންވަރަށް ހަދައިދޭނެކަމަށެވެ. ނަމަވެސް އަދި އެމަސައްކަތެއް ނުފެށެއެވެ.

އަދި އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ސަލީމް މިދިޔަ އަހަރު އޮކްޓޯބަރމަހު އޭދަފުށީ ފުޓްބޯޅަ ޓީމާ ބައްދަލުކޮށް ވިދާޅުވެފައިވަނީ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި އެޅުމަށް ބޭނުންވާ ޓާފް އޭނާގެ އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުން ގެނަސްދޭން ތައްޔާރަށް ހުންނެވިކަމަށެވެ. ބައެއް ކައުންސިލަރުންވެސް ބައިވެރިވި މިބައްދަލުވުމުގައި ސަލީމް ވިދާޅުވީ ޓާފް އެޅުމުގެ މަސައްކަތުގައިވެސް އެހީވާނެކަމަށާ، ނަމަވެސް މިކަންކަން ރާވާ ހިންގަންވާނީ ކައުންސިލާ، ފުޓްބޯޅަ ކުޅުންތެރިންކަމަށެވެ. ނަމަވެސް މިކަންވެސް ކުރިޔަށް ދާތަނެއް އަދި ނުފެނެއެވެ.

އޭދަފުށީގައި ވިނަދަނޑެއް ނެތް މައްސަލަ އޭދަފުށީގެ ފުޓްބޯޅައިގެ މީހުން ފާހަގަކުރަމުން އަންނައިރު، ދާދިފަހުން ބޭއްވި މިނިވަން ޗެންޕިއަންޝިޕް ފައިނަލް ރައުންޑްގައި އެދެވޭ ކުޅުމެއް ނުދެއްކުނީ ވެލިދަނޑުގައި ޕްރެކްޓިސްކޮށް، ވިނަ ދަނޑުގައި ކުޅުދުއްފުށީގައި ކުޅެންޖެހުމުންކަމަށް ކޯޗް ބައްޓޭވެސް ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top