އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ރައުންޑްގައި މިއަދު އޭދަފުއްޓާ، ށ. މިލަންދޫ ފުޓްބޯޅަ ޓީމް ކުޅުދުއްފުށީގައި ބައްދަލުކުރާނެއެވެ.
މިދެޓީމް މިއަދުގެ މެޗަށް ނުކުންނައިރު ޕޮއިންޓް ތާވަލް އޮތް ގޮތުން މިއީ މިދެޓީމަށްވެސް ފައިނަލެއްކަހަލަ މެޗަކަށް ވާނެއެވެ. ސަބަބަކީ މިމެޗުން ނުކުންނަ ނަތީޖާއަކުން މުބާރާތުގެ ސެމީއަށް ދަތުރުކުރާނޭ ޓީމްތައް ގާތްގަނޑަކަށް ޔަގީންވާނެތީއެވެ.
މިއަދުގެ މެޗަށް ނުކުންނައިރު އޭދަފުށީގެ ޓީމްވަނީ މުބާރާތުގެ ފުރަތަމަ މެޗްގައި ކުޅުދުއްފުއްޓާ ވާދަކޮށް ދެޓީމް ހަމަހަމަވެގެން ނިމިފައެވެ. މިލަންދޫ ޓީމް ފުރަތަމަ މެޗްގައި އއ. މާޅޮހާ ވާދަކޮށް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
މިގްރޫޕްގެ ޕޮއިންޓް ތާވަލަށް ބަލާއިރު ޖުމްލަ 4 ޕޮއިންޓާއެކު މާޅޮސް އެއްވަނާގައި އޮތްއިރު، ކުޅުދުއްފުށި 2 ވަނާގައި އޮތީ 2 ޕޮއިންޓާއެކުއެެވ. އޭދަފުށި ތިންވަނާގައި އޮތީ 1 ޕޮއިންޓާއެކު އެވެ. ޓޭބަލްގެ ފުލުގައި އޮތް މިލަންދޫއަށް ޕޮއިންޓެއް ނުލިބެއެވެ.
ޗެންޕިއަން އޭދަފުއްޓާއި، މިލަންދޫ މީގެކުރިން ރަސްމީ ފުޓްބޯޅަ މެޗެއްގައި ބައްދަލުކޮށްފައި ނުވިނަމަވެސް، އޭދަފުށީ ޓީމް ވަނީ މިދިޔަ އަހަރު ކުޅުދުއްފުށީގައި އޮތް ޒޯން ޗެންޕިއަން ފައިނަލް ރައުންޑްގައި ށ. އަތޮޅުގެ އަދި ޒޯން ދޭއްގެ ޗެންޕިއަން ށ. ފޯކައިދޫ 3-0 ން ބަލިކޮށްފައެވެ.
މިއަދުގެ މެޗަށް ނުކުންނައިރު ފޯކައިދޫ ކޯޗް ބުނެފައިވަނީ މިއީ ފުޓްބޯޅައިގެ ތާރީޚްގައި މިލަންދޫ ޓީމް މިހާތަނަށް ކުޅޭ އެންމެ ވަރުގަދަ މެޗްކަމަށާ، މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށެވެ. އަދި ރާއްޖޭގެ ޗެންޕިއަން އޭދަފުއްޓާމެދު ޖެހިލުން ނުވާކަމަށްވެސް ކޯޗް ބުންޏެވެ.

މިލަންދޫ ފުޓްބޯޅަ ޓީމް އިއްޔެ ކުޅުދުއްފުށިގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން. މިއަދުގެ މެޗް 2 ޓީމަށްވެސް ވަނީ ވަރަށް މުހިއްމުވެފައި / ފޮޓޯ: ފޭސްބުކް
އޭދަފުށީ ޓީމްގެ ކޯޗް ބައްޓޭ ފޯން ނުނަގާތީ މެޗާބެހޭގޮތުން ކޮމެންޓެއް ނުލިބުނެވެ. ނަމަވެސް މުބާރާތުގެ ކުރިން އޭނާ ބުނީ މިގްރޫޕްގައި އެންމެ ޕްރެޝަރ އޮތީ އޭދަފުށި ޓީމަށް ކަމަށާ، ކުޅުދުއްފުށީގެ ވިނަ ދަނޑުގައި ކުޅުމަކީ ދަތިކަމެއްކަމަށެވެ.
ދެޓީމްގެ މުހިއްމު ކުޅުންތެރިންގެ ތެރެއިން މިލަންދޫގެ ފުރަތަމަ 11 ގައި ހިމެނޭ 2 ކުޅުންތެރިއަކަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައެވެ. ނަމަވެސް އެކުޅުންތެރިން މެޗްގައި ފެނުން ގާތްކަމަށް މިލަންދޫ ކޯޗް ބުނެއެވެ. އަނެއްކޮޅުން އޭދަފުށީ ޓީމްގެ ހިތްކަމުގައިވާ ކެޕްޓަން މަޖިއްޓޭގެ ކޮނޑު ހުޅަށް އަނިޔާވެފައިވާތީ، މިއަދުގެ މެޗްގައި އޭނާ ފެނުމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ޓީމުން ބުނަނީ މަޖިއްޓޭއަށް ފިޒިއޮތެރަޕީ ދެމުން އަންނަކަމަށާ، މެޗަށް ފިޓްވޭތޯ މަސައްކަތް ކުރަމުން ދާކަމަށެވެ.
މިއަދުގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50ގައެވެ. މެޗް ކުޅޭނީ ކުޅުދުއްފުށީގައި އޮންނަ ޒޯން އެކެއް ސްޓޭޑިއަމްގައެވެ.