ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރީގެ ފަސްވަނަ މުބާރާތުން 3 ވަނައަށް ހޮވިފައިވާ ނަސްރަތުއަށް ބ. ކުޑަރިކިލުން ހޫނު މަރްހަބާ އެއް ކިޔައިފިއެވެ.
ނަސްރަތު ނިސްބަތްވަނީ ހުޅުދުއްފާރަށް ކަމަށްވިޔަސް އޭނާ ކައިވެނި ކޮށްގެން އުޅެނީ ކުޑަރިކިލު މީހަކާ އެވެ. އެހެންވެ މުބާރާތް ނިންމާލުމަށްފަހު އެންމެ ފުރަތަމަ އައީ ކުޑަރިކިލަށެވެ.
ކުޑަރިކިލު އަށް ދިއުމުން އެރަށުގެ ރައްޔިތުން ވަނީ ބަނދަރުމަތިން ނަސްރަތު އަށް މަރުހަބާ ކިޔާފަ އެވެ. އޭރު ބަނދަރުމަތި އޮތީ ނަސްރަތުއަށް މަރުހަބާ ދެންނެވުމަށް ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ.
މި ޚަބަރާބެހޭ މައުލޫމަތު ބައެއް މީޑިއާތަކަށް ދެމުން ކުޑަރިކިލު ކައުންސިލްގެ ރައީސް އަބުދުލް ހަންނާން އައްބާސް ވިދާޅުވީ އެންމެ އަލިގަދަ ތަރި މުބާރާތުން ނަސްރަތު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވެފައިވާ ކަމަށާއި އަދި ރަށުގެ ބަނދަރުމަތި ޒީނަތްތެރި ކޮށް ބެނާ ދަމައި މަރުހަބާ ކިޔުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއްގައި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަމުގައެވެ.
މީގެ އިތުރުން ނަސްރަތުގެ ޝަރަފުގައި ރައްޔިތުންގެ ފަރާތުން އެރުވި ހަވީރު ސައިފޮދެއްގައި ރައްޔިތުންނާއެކު ނަސްރަތުވެސް ބައިވެރި ވެފައިވެއެވެ.
މިހާރު އެރަށުގެ ރައްޔިތުން ތައްޔާރުވަމުންދަނީ ނަސްރަތު ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މާދަމާ އޭނާއަށް ހަނދާނީ ފިލައެއް އެރުވުމަށެވެ.