މަޝްހޫރު ފުޓްބޯލަ ކުޅުންތެރިޔާ ޖެކް ވިލްޝެއާ ކަމަދޫއަށް ހިނގައްޖެއެވެ.
އާސެނަލް ގެ އިތުރުން އިންގްލެންޑްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޖެކް ވިލްޝެއާ ބ.ކަމަދޫ އަށް ގޮސްފައިވަނީ މި މަހުގެ 17ވަނަ ދުވަހު އޭނާ ކައިވެނި ކުރި އަންދުރިއާނީ އާއެކު ހަނީމޫން ހޭދަކުރަމުންދާ ލަނޑަގިރާވަރު ރިސޯޓްގައި އުޅެމުންނެވެ. ކަމަދޫ އޮންނަނީ އެރިސޯޓާ ވަރަށް ކައިރީގައެވެ.
ވިލްޝެއާވަނީ ކަމަދޫ ކުޑަކުދިން ފުޓްބޯޅަ ކުޅޭ ދަނޑުގެ ފޮޓޯއެއް ޓުވީޓްކޮށްފަ އެވެ. އަދި ފޮޓޯގައި އެއީ އިންޑިޔާ ކަނޑުގެ މެދުގައިވާ އެންމެ 450 މީހުން ދިރިއުޅޭ ކުޑަރަށެއް ކަމަށް ލިޔެފައިވެއެވެ. މީގެ އިތުރުން އަނބިމީހާއާއެކު ރާއްޖޭގައި ހަނީމޫންގެ ދުވަސްތައް ހޭދަކުރަމުންދާ ފޮޓޯތައް ވެސް ޓުވީޓް ކޮށްފައިވެއެވެ.
އުމުރުން 25 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު ވިލްޝެއާވަނީ އޭނާގެ އުމުރުން 16 އަހަރުގައި އާސެނަލް ގެ ގައުމީ ޓީމަށް ކުޅެން ފަށާފައެވެ.