އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން އެމްއާރްޑީސީއާއި ހަވާލުކޮށްގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު ހިނގަމުން ދަނީ ތާރު އެޅުމުގެ މަސައްކަތްކަމަށް އެމްއާރްޑީސީގެ މައި އިމާރާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޯޕަރޭޝަންގެ ޕްރޮޖެކްޓް ހެޑް މުހައްމަދު ޝަރީފް ވިދާޅުވި ނަމަވެސް އެމަސައްކަތް އެހާހިސާބަސް އަދި ނުދާކަން އީވީއަށް އެނގިއްޖެއެވެ.
މަގު ހެދުމުގެ މަސައްކަތް ރޯދަމަހާއެކު ވަރަށް ބޮޑަށް މަޑު ޖެހިފައިވާކަމަށާއި ރޯދައިގެ ފަހުން ސްޕީޑް ރަނގަޅުވާނެކަމަށް އެމްއާރްޑީސީ އޭދަފުށީ ސައިޓް މެނޭޖަރ މުހައްމަދު ބުޝްރީ ވެސް ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ވިދާޅު ވެފައެވެ.
މި މަޝްރޫއުގެ ދަށުން އޭދަފުށިގައި މިހާރު ހިނގަމުންދަނީ ހޮޅިތައް ވަޅުލުމާ ކާނުތައް ފެއްތުމުގެ މަސައްކަތެވެ.
މިއަދު އެމްއާރްޑީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އެންމެ ފަހުން މަގުހަދަން ފެށި ހަތަރު ރަށުގެ ތެރެއިން ބ. އޭދަފުއްޓާއި ރ. އުނގޫފާރުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި ރ. މީދޫ އާއި އދ. މަހިބަދޫ މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އޭދަފުށިގެ 15 މަގު ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމަށް އެމްއާރްޑީސީ އާ ހަވާލުކޮށްފައިވަނީ 16 ޖޫން 2015ގައެވެ. 33 މިލިޔަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތްފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ތާރުއަޅާނީ ޖުމްލަ 3.36 ކިލޯމީޓަރުގައެވެ