އޭދަފުށީގައި މެއްސާއި، މަދިރި ގިނަވެ، ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފި!

5-800x451-800x451.jpg

އޭދަފުށި ކުނިކޮއްޓަށް ޖަމާވެފިހުރި ކުނިތަކެއް. މެއްސާ، މަދިރީގެ އުނދަގޫ ބޮޑުވީ ކުނިކޮއްޓަށް ބަޔަކު ގަވާއިދާ ހިލާފަށް ކުނިއަޅައިގެން ކަމަށްވޭ/ އީވީ ފައިލް ފޮޓޯ

އޭދަފުށީގައި އާދަޔާ ހިލާފަށް މެއްސާއި މަދިރި ގިނަވުމާގުޅިގެން ބ. އަތޮޅު ހޮސްޕިޓަލުން ފިޔަވަޅު އަޅަން ފަށައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިމައްސަލަ ކުރިމަތިވީ ރޯދައިގެ ކުރީކޮޅު ވިއްސާރަ ވުމާއި، ކާބޯތަކެއްޗާމެދު ބައެއް މީހުން އިހްމާލުވަމުންދާތީކަމަށެވެ. ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓް ހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ މިމައްސަލަ ފާހަގަކުރެވުމާއެކު، އޭދަފުށީގެ ކުނިކޮށްޓާއި، ވަށައިގެންވާ ރަށުގެ ސަރަހައްދުތައް ހޮސްޕިޓަލުން ޗެކްކޮށް ބަލާފައިވާ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ބޭސްޖަހައި، ސަލާމަތީ ފިޔަވަޅު އަޅާފައިވާކަމަށްވެސް ސިދުގީ ވިދާޅުވިއެވެ.

“ދިމާވި މައިގަނޑު މައްސަލައަކަށް ފާހަގަކުރެވުނީ ބައެއް ވިޔަފާރިވެރިން ފިހާރަތަކުން އުކާލާ ކާބޯތަކެތި، ރޭގަނޑު ދަންވަރު ކުނިކޮއްޓަށް އަޅާފައިހުރިކަން. އެއީ ކުނި އުކަން ރަޖިސްޓްރީ ނުކުރާ މީހުންކަމަށް އަޅުގަނޑަށް ފާހަގަކުރެވުނީ. ވަރަށް ދެރަކޮށް ދިމާވި ކަމެއް އެއީ. މިފަދަ ކަންކަން ނުކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. ކުނިކޮށީގައި އެމައްސަލަ ޖެހުނު ސަރަހައްދަށް ބޭސްޖަހައި، އެތަން ސާފުކޮށްފަ މިހާރު އޮންނާނީ. އަޅުގަނޑުމެން މިހަފްތާވެސް މޮނިޓާ ކުރާނެ ރަށުގެ އެކިސަރަހައްދުތައް” ސިދުގީ ވިދާޅުވިއެވެ

ސިދުގީ ވިދާޅުވީ މެއްސާ މަދިރި ގިނަވެފައިވާއިރު، ހުމުގެ ރޯގާތައްވެސް މަދުމަދުން ފެންނަމުންދާކަމަށާ، ޑެންގީ ހުމުގެ ކޭސްތައްވެސް މަދުމަދުން ފެންނަމުންދާކަމަށެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ މެއްސާ މަދިރީގެ މައްސަލަ ވަރަށް ގާތުން ބަލަމުންދާނެކަމަށާ، ހޮސްޕިޓަލުން އެދޭކަންކަމުގައި އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ކުނި އުކާލަން ކަނޑައެޅިފައިވާ ގަވާއިދުތަކަށް އާންމުން ސަމާލުވުމަށްވެސް ތޮލާލް އެދިވަޑައިގަތެވެ.

“މިސްކިތްތަކާ، ފިހާރަތަކާ، އާންމު ގޭގޭގައިވެސް މަދިރިއާ، މެހީގެ އުނދަގޫ ވަރަށް ބޮޑަށް ދިމާވަމުން ދަނީ. އަޅުގަނޑުމެން އެދެން އާންމުން މިކަމުގައި ސަމާލުވުމަށް. ހާއްސަކޮށް ވިޔަފާރިވެރިން” ތޮލާލް ވިދާޅުވިއެވެ

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ރަމަޟާންމަހު ކާބޯތަކެއްތާމެދު ސަމާލުވުމަށާއި، ކެއިން ބުއިމުގައި ސިއްހީގޮތުން ބަލަންޖެހޭ ކަންކަމަށް ސަމާލުކަން ދިނުން އެދޭކަމަށެވެ. އަދި މިކަންކަމަށް ސަމާލުނުވާނަމަ، ހަޖަމުކުރުމުމުގެ ނިޒާމަށް އެކިކަހަލަ ސިއްހީ މައްސަލަތައް ދިމާވުމަކީ ގާތްކަމެއްކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top