2800 ޓީޗަރުންނަށް ހެޔޮއަގުގައި ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީއޮފް އެޑިއުކޭޝަން އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ ) އާދެމެދު ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު މިކަމަށް އޮތް ރަސްމިއްޔާތުގައި ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީން ކުރުމާއި ގުޅޭ އެއްބަސްވުުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލްއެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ.އަލީ ފަވާޒު ޝަރީފްއެވެ.
މި އެއްބަސްވުމުގެ ދަށުން މުދައްރިސުން ތަމްރީނު ކުރެވޭ ކޯސްތަކަކީ ބެޗެލާ އިން އާލީ ޗައިލްޑްހުޑާއި، ބެޗެލާ އޮފް ޕްރައިމަރީ އެޑިއުކޭޝަން ޖެނެރިކްއާއި، ބެޗެލާ އޮފް ޕްރައިމަރީ އެޑިއުކޭޝަން ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަނުގެ އިތުރުން، ސެކަންޑްރީ ސްކޫލުގެ ވަކިވަކި މާއްދާތައް ހިމެނެ އެވެ. އޭގެ ތެރޭގައި މެތަމެޓިކްސް، އިންގްލިޝް، އިކޮނޮމިކްސް، ބިޒްނަސް، އެކައުންޓިންގ، ފިޒިކްސް، ބަޔޮލޮޖީ، މެރިން ބަޔޮލޮޖީ، ކެމިސްޓްރީ، ޓްރެވަލް އެންޑް ޓުއަރިޒަމް ހިމެނެ އެވެ.
ތޭވީސް މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މި ޕްރޮގުރާމުގައި މުދައްރިސުންނަށް ތަފާތު ސައުވީސް ކޯހަކުން ފުރުސަތު ހުޅުވާލާފައިވެއެވެ. މި ކޯސްތަކުގައި ކިޔަވާ މުދައްރިސުން އަހަރަކު ދައްކަންޖެހެނީ 5040 ގެ ކުޑަފީއެކެވެ.
ވައިސް ޗާންސެލަރ ވިދާޅުވި ގޮތުގައި މި ކޯސްތައް މި އަހަރުގެ ޖޫންމަހު ފަށާނެއެވެ. އަދި ކޯސްތައް ހިންގާއިރު ސްކޫލުތަކަށާއި މުދައްރިސުންނަށް ފަސޭހަވާނެ ގޮތްތައް ބައްލަވާނެ ކަމަށްވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ހިންގުމުގައި އަތޮޅުތެރޭގެ ސްކޫލްތަކަށް ބޭނުންވާ ދާއިރާތަކަށް ބެލެވިފައިވާ ކަމަށާއި ބިދޭސީ ޓީޗަރުން މަދުކުރުމަކީ ވެސް މި ޕްރޮގްރާމްގެ މަގްސަދެއް ކަމުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ދެހާސް ސާދަވަނަ އަހަރުވަނީ ތައުލީމީ ދާއިރާގެ ހިދުމަތުގައި ދެމިތިބި ކޮންމެ މުދައްރިސަކީ ޑިޕޮލޮމާ ފެންވަރުގެ މުދައްރިސަކަށް ހެއްދެއްވުމުގެ ޕްރޮގްރާމެއް ހިންގަވާފައެވެ. އެ ޕްރޮގްރާމްގައިވެސް ޤައުމީ ޔުނިވަރސިޓީން މުހިންމު ދައުރެއް އަދާކުރިކަން އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ދާއިމީ ވަޒީފާތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ޑިގްރީ ސަނަދަށްވުރެ ދަށުގައި ތިބީ ދެހާސް އަށްސަތޭކަ ސާދަ މުދައްރިސުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.